ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން ބާއްވާ މަޝްވަރާތައް ނުފެށި ލަސްވަނީ ޕާޓީތަކުން މަޝްވަރާތަކުގައި ބައިވެރިވާ މަންދޫބުންގެ ނަންތައް އަދިވެސް ނުފޮނުވާތީ ކަމަށާއި މަޝްވަރާ ކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެ މަޝްވަރާތަކުގެ އިސް މަންދޫބެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ކަނޑައަޅުއްވާފައިވާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ މަޝްރަހު ހަމަޔަކަށް އެޅުމަށް ޕާޓީތަކާއެކު މަޝްވަރާ ކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތް މަޑު ޖެހުނީ ޕާޓީތަކުން މަޝްވަރާތަކަށް ފޮނުވާ މަންދޫބުންގެ ނަންތައް އެ ޕާޓީއެއްގެ ކައުންސިލުން ފާސްކޮށްގެން ސަރުކާރުން ޕާޓީތަކުގައި އެދުމުންނެވެ. އަދި މަޝްވަރާތަކަށް ފޮނުވާ މަންދޫބުންނަކީ، ޖިނާއީ ހުކުމެއް ތަންފީޒު ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ވެސް ސަރުކާރުން ފަހުން ޕާޓީތަކަށް އެންގި އެވެ.
މިނިސްޓަރު ޝައިނީ މިއަދު "އަވަސް" އަށް ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވި ނަމަވެސް، ސަރުކާރުން ފަށާފައިވާ މަޝްވަރާތައް ކުރިއަށް ގެންދަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރަން މަސައްކަތް ކުރަން ފެށީ ކޮމަންވެލްތްގެ އެންގުމަކަށް ނޫންކަމަށާއި އެހެން ކަމުން ކޮމަންވެލްތުން ވަކިވިޔަސް މަޝްވަރާތަކަށް އެޅެން ޖެހޭ ހުރަހެއް ނެތް ކަމަށެވެ.
ޕާޓީތަކުން މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން ކައުންސިލުން ކަނޑައަޅައި އެ ނަންތައް ފޮނުވުމަށް ޕާޓީތަކަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ޕާޓީތަކުގެ ޖަވާބެއް އަދި ލިބިފައި ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މަޝްވަރާތައް ނުފެށިފައި މި އޮތީ ޕާޓީތަކުން މަންދޫބުންގެ ނަންތައް ނުފޮނުވައިގެން. އެބޭފުޅުންގެ ނަންތައް ފޮނުވީމާ އަޅުގަނޑުމެން އަނެއްކާ މަޝްވަރާތަކަށް އދ. ގެ މަންދޫބަށް ދަންނަވާލާނަން. އެބޭފުޅާއާއެކު އަޅުގަނޑުމެން ދެން ވެސް މަޝްވަރާތައް ކުރިއަށް ގެންދާނީ،" ޝައިނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދުވަސްވަރަކީ އަހަރުގެ ބަޖެޓްގެ މަސައްކަތްތައް ހިނގާ ދުވަސްވަރަކަށް ވުމުން މަޝްވަރާތަކުގެ މަސައްކަތް ވެސް ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އޮތް ކަމަށެވެ. އަދި ބަޖެޓްގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ މަޝްވަރާތައް އަލުން ފަށަން މަސައްކަތް ކުރާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.
މީގެ ކުރިން މަޝްވަރާތައް ނުފެށި އޮތީ ޖަލަށް ލާފައިވާ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ މަޝްވަރާތަކުގައި ބައިވެރި ކުރަން ދެކޮޅު ހަދާތީ އެ ޕާޓީތަކުން އެގޮތަށް އެއްބަސް ނުވުމުންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ކަންކަން ރަނގަޅު ކުރަން މަޝްވަރާކޮށް ހައްލު ހޯދުމަށް ކޮމަންވެލްތުން ގޮވާލުމުން އެމްޑީޕީ އާއި އަދާލަތު ޕާޓީ އިން ވަނީ މަޝްވަރާތަކަށް އެއްބަސްވެފަ އެވެ.
ސަރުކާރުން ފެށި ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ނުގެންދެވިފައިވާތީ އެކަމުގައި އދ ގެ އެހީއަށް އެދުނީ ރައީސް އަބްދުﷲ ޔާމީން އެވެ. އަދި ސަރުކާރުގެ ދައުވަތަކަށް ވަޑައިގެންނެވި އދ. ގެ މަންދޫބު ތަމްރަތް ސެމިއުލް ކުރެއްވި މަޝްވަރާތަކަށް ފަހު އދ އިން އޭރު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މަޝްވަރާތައް ފަށަން އެހީތެރިވެދެވިއްޖެ ކަމަށާއި ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެ ކަމަށެވެ. އޭގެ ފަހުން ސެމިއުލް މަޝްވަރާތައް ކުރެއްވީ ކޮންމެ ސިޔާސީ ޕާޓީއަކާ އެކު ވަކިވަކިން އެވެ. އެއަށް ފަހު މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނެރެން ޕާޓީތަކުން ގޮތް ދޫކުރުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.