ދުނިޔޭގެ މާކެޓްގައި އުފުލެމުންދާ ފުޓްބޯޅަ ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައި ބަޔާން މިޔުނިކްގެ ރައީސް ކާލް ހެންޒް ރުމެނިގާގެ ކަންބޮޑުވުން ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން ސްޕެނިޝް ލީގަށް އޮއްސާލައިފި އެވެ.
ކުޅުންތެރިންގެ މުސާރަ ބޮޑުވުމުގެ މައްސަލާގައި ރުމޭނިގާގެ އިނގިލި އަމާޒު ކުރީ ރެއާލް އާއި ބާސާއިން އެ ދެ ޓީމުގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމަށް، އެހެން ކުލަބު ތަކުން ހޭދަ ނުކުރާ ވަރަށް ނުވަތަ ހޭދަ ނުކުރެވޭ ވަރަށް އެ ދެ ކުލަބުން މިލިއަން މިލިއަނުން ހޭދަ ކުރާ މައްސަލައަށެވެ.
އަދި އިނގިރޭސީ ޕްރިމިއާ ލީގްގެ ސަބަބުން ވެސް ކުޅުންތެރިންގެ މުސާރަ ބޮޑުވާކަމަށް ރުމެނީގާ ފާހަގަ ކުރެއެވެ.
"ކުޅުންތެރިންގެ މުސާރަތައް އުފުލެމުން ދިއުމުގެ ގޮންޖެހުމަކީ ހަމައެކަނި ޕްރިމިއާ ލީގްގެ ސަބަބުންވާ ކަމެއް ނޫން ހަމައެާއެކު ސްޕެއިންގެ ޓީމުތަކުގެ ސަބަބުން ވެސް ތުރެޓަކަށް ވޭ،" ރުމޭނިގާ ވިދާޅުވިއެވެ. "ރެއާލް މެޑްރިޑުން ވަނީ ތިން ކުޅުންތެރިޔަކު ބޮޑު އަގުގައި ކޮންްޓްރެކްޓް އާ ކޮށްފަ އޭގެ އިތުރުން ވަރަށް ފަހުން ރޮނާލްޑޯ ވެސް އާ ކޮށްފި އޭނާ އަށްވެސް މިހާރު ޓެކްސް ދައްކާފައި 20.5 މިލިއަން ޔޫރޯ ލިބޭނެ ބުންޑެސް ލީގާ (ޖަރުމަން ލީގް) ގައި ނުހުންނާނެ ޓެކްސް ދައްކާފައި އެވަރުގެ މުސާރައެއް ލިބޭ އެއްވެސް ކުޅުންތެރިޔެއް."
ރުމޭނިގާ ވިދާޅުވީީ ރެއާލްގެ ކުޅުންތެރިޔަކަށް އެހެން ކުލަބަކުން ހުށަހެޅުމެއް އައުމަކީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބޭނުންވާ ކަމެއް ނޫން ކަމަށާއި އެހެންވެ އެކުލަބުގެ ކުޅުންތެރިންގެ މުސާރަ އެހެން ކުލަބުތަކަށް ހުށަނޭޅޭ ވަރުގެ އަގަކަށް ބޮޑުކޮށްފައިވާ ކަމަށެވެ.
"އޭގެ އަޑީގައި އޮތީ ވިޔަފާރި މޮޑެލްއެއް ކަން ސާފުކޮށް އެނގޭ އެމީހުން ބޭނުމެއް ނުވޭ އެމީހުންގެ ކުޅުންތެރިޔަކު އިނގިރޭސި ލީގަށް ދާކަށް. ޕެރޭޒް ރުޅި އާދޭ އެހެން ކުލަބަކުން އޭނާގެ ކުޅުންތެރިޔަކަށް އޮފާއެއް ހުށަހެޅިޔަސް ހާއްސަކޮށް އިނގިރޭސި ކުލަބަކުން ހުށަހަޅައިފިއްޔާ،" ރުމޭނިގާ ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ރެއާލްގެ ކޮންޓްރެކްޓް ރޮނާލްޑޯ އާ ކުރިިއިރު އޭގެ ކުރިން ގެރެތު ބޭލް އާއި ކުރިން ބަޔާން މިޔުނިކަށް ކުޅުނު ޓޯނީ ކްރޫޒްގެ އިތުރުން ލުކާ މޮޑްރިޗް ވަނީ ރެއާލްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
ބާސެލޯނާއިން ނޭމާ އާއި ހަވީއޭ މެޝަރާނޯގެ ކޮންްޓްރެކްޓް އާކުރިއިރު އެކުލަބުން އެންމެ އަވަހަށް ކޮންޓްރެކްޓް އާ ކުރަނީ ލުއިސް ސުއަރޭޒް އާއި އީވާން ރެކިޓިޗްއެވެ. ބާސާއިން ވަނީ އެ ދެކުޅުންތެރިންނަށްވެސް އާ ކޮންްޓްރެކްޓް ހުށަހަޅަން ތައްޔާރުވެފައެވެ. އަދި ލިއޮނަލް މެސީގެ ކޮންޓްރެކްޓް އާ ކުރުމާމެދު އެ ކުލަބުން ދަނީ އޭނާ އާ ވާހަކަ ދައްކަމުންނެވެ.