ރެއާލް މެޑްރިޑްގެ ފޯވަޑް އަލްވާރޯ މޮރާޓާ އަށް އަނިޔާވެ ކުރިމަތީގައި އޮތް ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މައްޗަށް އަނިޔާގެ ބޮޑު ބޮލު ރިހުމަކާ ކުރިމަތިވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އެތުލެޓިކޯގެ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެޗްގައި ރެއާލްގެ މިޑްފީލްޑްގައި ހިމެނޭ މުހިންމު ކުޅުންތެރިން ކަމަށްވާ ކެސެމީރޯ އާއި ޓޯނީ ކްރޫޒް އާއި މަޓާއޯ ކޮވަޗިޗަށް ވެސް ކުޅެވޭނެ ކަމުގެ ޔަގީން ކަމެއްވެސް ނެތެވެ. މޮރާޓާ އަށް އަނިޔާވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އިންގްލެންޑާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗްގަ އެވެ.
މޮރާޓާގެ ކަނާތު ފަލަ މަސްގަނޑަށް ވަނި އަނިޔާވެފަ އެވެ. ރެއާލްއިން ބުނީ އަނިޔާގެ ސަބަބުން ކުރިއަށް އޮތް އެއް މަސް ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ. އެހެން ކަމަށްވާނަމަ އަންނަ މަހު ތިން ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ ރެއާލް އާއި ބާސެލޯނާ ބައްދަ ލުކުރާ އެލްކްލެސިކޯ ގައިވެސް މޮރާޓާ އަށް ނުކުޅެވޭނެ އެވެ.
އަދި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ޕެޕޭއަށް ވެސް ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ބެންޒެމާވެސް އަނިޔާގައި ހުރުމަށްފަހު މިހާރު ވަނި ފަރިތަކުރުންތައް ފަށާފަ އެވެ. އެހެން ނަމަވެސް އަނިޔާގައި ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ލުކާ މޮޑްރިޗް ވަނީ ފިޓްވެފައެވެ.