ޖީއެމްއާރް

އުމަރާއި ވަހީދުގެ ޝުކުރު ރައީސް ޔާމީނަށް، މައުމޫން ފާޑުކިޔުމުގައި!

ދެހާސް ދިހަ ވަނަ އަހަރުގެ މެދު ޖެހުނުތަނާ، އޭރުގެ ސަރުކާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމުގެ ލަގަން، އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ދޫކޮށްލި ދޫކޮށްލުމާއެކު މިހާރު ސަރުކާރުގައި ތިއްބެވި އޭރުގެ އިދިކޮޅު ފަރާތްތަކުން މަގު މައްޗަށް ނިކުތެވެ. ޖީއެމްއާރް އެއްބަސްވުމުން އޮތް ގެއްލުމުގެ ވާހަކަ ދައްކަން ފެށި އެވެ.

ޖީއެމްއާރް ފޮނުވާލުމުގައި މިހާރު ސަރުކާރު ހިންގާ ޕީޕީއެމް ބޮޑު ރޯލެއް އަދާކުރި އެވެ. އެ ޕާޓީގެ ތެރެއިން ވެސް އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި، އޭގެފަހުން އައި ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖީއެމްއާރް އެއްބަސްވުން އުވާލީ އެވެ. އެ އެއްބަސްވުން އުވާލުމާއެކު ސަރުކާރަށް އޭގެ ބަދަލު ދައްކަން ޖެހުނެވެ. ޖީއެމްއާރްއިން ބަދަލުގައި ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދުމަށް އެދި، ރާއްޖެ ސިއްސުވާލި އެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ކުރި މަސައްކަތުން އެ އަދަދު ވަރަށް ބޮޑުތަން ދައްކުރި އެވެ. އެގޮތުން އާބިޓްރޭޝަނުން ނިންމީ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭނީ 208 މިލިއަން ޑޮލަރު ކަމަށެވެ. އެ އަމުރަށް މާގިނަ ދުވަސްތަކެއް ނުވެ ސަރުކާރުން މިވަނީ އިންޓްރެސްޓާއެކު އެރި 271 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކާ ހަލާސްކޮށްފަ އެވެ.

މިދިޔަ އަހަރުތަކުގައި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔަ ޖީއެމްއާރުން ރާއްޖެ މިވަނީ އެއްކޮށް ސަލާމަތްވެފަ އެވެ. ޖީއެމްއާރްގެ ވާހަކަ މިވަނީ ނިމިފަ އެވެ.

ޖީއެމްއާރްއަށް ފައިސާ ދައްކާ ނިމުމުން ކުރީގެ ރައީސް މުހައްމަދު ވަހީދު ވަނީ އެކަމާ އުފާފާޅުކުރައްވާ ޓްވީޓެއް ކުރައްވާފަ އެވެ. ރައީސް ވަހީދު ޖީއެމްއާރް އެއްބަސްވުން ބާތިލުކުރުމަށް ހިތްވަރު ދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނުގެ ކެބިނެޓަށާއި ރައީސް ޔާމީނަށް ހާއްސަ ޝުކުރެއް ވަނީ އަދާ ކުރައްވާފަ އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރައީސް ޔާމީނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މިކަމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު ވެސް ޓްވީޓެއް ކުރެއްވި އެވެ. އެމަނިކުފާނު މަސައްކަތް ކުރެއްވީ ޖީއެމްއާރް އެއްބަސްވުން ދިފާއު ކުރެއްވުމަށެވެ. ވިދާޅުވީ، ޖީއެމްއާރަށް އެވަރަށް ފައިސާ ދައްކަން ޖެހުނީ ހަމަތަކުގެ ބޭރުން އެއްބަސްވުން ބާތިލުކުރުމުން ކަމަށެެވެ.

އެހެންނަމަވެސް ގައުމުގެ މި ބޮޑު މައްސަލާގައި ރައީސް މައުމޫން އަބްދުލް ގައްޔޫމް އެއްވެސް އެއްޗެއް ވިދާޅުވެފައިވެފައިނުވާތީ ގިނަ ބަޔަކު ގެންދަނީ އެކަމާ ސުވާލު އުފައްދަވަމުންނެވެ. މީގެ ކުރިން ވެސް ޖީއެމްއާރްގެ އެއްބަސްވުން ބާތިލުކުރި ގޮތާމެދު ހިތްހަމަ ނުޖެހުން ރައީސް މައުމޫން ފާޅުކުރައްވާފައިވެ އެވެ. އެހެނަސް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކޮށް، ޖީއެމްއާރަށް ފައިސާ ދައްކާ ހަލާސް ކުރުމުން ރައީސް މައުމޫން އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވުމުން އެމަނިކުފާނު ވެސް ކުރިޔަށް ހުންނަވައިގެން ގެނައި ސަރުކާރަކާމެދު އެމަނިކުފާނު "ޒާތީ" ވެފައިވާ މިންވަރު އެނގިގެންދާ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރެ އެވެ. ރައީސް މައުމޫން ގެންދަވަނީ ސަރުކާރުގެ އެހެން ހުރިހާ ކަމަކުން ކުށް ދައްކައި ފާޑުވިދާޅުވަމުންނެވެ.

"ޖީއެމްއާރް މައްސަލާގައި ސަރުކާރުން މިވަނީ އަމާޒަށް ވާސިލުވެ ބޮޑު ކާމިޔާބީއެއް ހޯދަފަ، އެހެނަސް މައުމޫން އެ ވާހަކަ ނުދައްކަވާ އެހެންނަމަވެސް އެ ނޫން ހުރިހާ ވާހަކައެއް މައުމޫން ދަނީ ދައްކަވަމުން، ފަރު ގޮއްވާ މައްސަލާގައި ވެސް ޓްވީޓެއް ކުރެއްވި، މިފަދަ ގައުމީ ބޮޑު މައްސަލައެއްގައި މައުމޫން ހަނު ހުންނެވުމުން އެމަނިކުފާނާގެ އަމާޒާ މެދު ސުވާލު އުފެދޭ،" ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ޖީއެމްއާރުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދަނިކޮށް، ބަޖެޓުން އެއްވެސް ވަރެއް ހަރަދުނުކޮށް، އަދި އެމްއޭސީއެލްގެ ބަޖެޓުން އެ ފައިސާ ދެއްކި ނަމަވެސް އެ ކުންފުންޏަށް ގެއްލުންނުވާ ގޮތް ބަލައިގެން އެކަން ހާސިލުކުރުމަކީ ސަރުކާރުގެ ހަރުދަނާ ވިސްނުމާއެކު ކުރައްވާފައިވާ ކަމެއްކަން އެނގިގެންދެ އެވެ.