ހަބަރު

ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިން ނުވައްދަން ނިންމައިފި

ފަނޑިޔާރުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ރާއްޖެ ޓީވީން އަމަލު ކުރަމުންދާ ކަމަށް ބުނެ މިހާރު ހިންގަމުންދާ ބޮޑެތި ޝަރީއަތްތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިން ނުވައްދަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެގޮތަށް ނިންމީ ރާއްޖެ ޓީވީން ސައްހަ ނޫން ހަބަރުތައް ފަތުރައި، ފަނޑިޔާރުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލު ކުރަމުންދާތީ ކަމަށެވެ. އެހެންވެ މިހާރު ހިންގަމުންދާ ބޮޑެތި އެއްވެސް މައްސަލައެއްގެ ޝަރީއަތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިން ނުވައްދަން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އާދައިގެ ކުދި މައްސަލަތަކަށް މިހާރު ވެސް ވަދެވޭނެ އެ ބޭފުޅުންނަށް، އެކަމަކު މިހާރު ހިންގާ ޓެރަރިޒަމްގެ މައްސަލަތަކާއި ނާޒިމްގެ މައްސަލަ ފަދަ މައްސަލަތަކަށް ނުވަދެވޭނެ." އޮފިޝަލް ވިދާޅުވި އެވެ.

އެގޮތަށް ކްރިމިނަލް ކޯޓުން ނިންމީ އެ ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފާއި ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާ ރޭ ބައްދަލުކުރަން ތިއްބެވި ކަމަށް ރާއްޖެ ޓީވީން ރޭ ރިޕޯޓްކޮށްފައި ވަނިކޮށެވެ. ރާއްޖެ ޓީވީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ ބޭފުޅުން ކެފޭއެއްގައި ބައްދަލުކުރަން ތިއްބަވަނިކޮށް ރާއްޖެ ޓީވީގެ ނޫސްވެރިން ވީޑިއޯ ކުރަން ފެށުމުން ފުލުހުން ވަނީ އެކަން ހުއްޓުވައި، އެތަނުގައި ތިބި އެތަނުގެ ދެ ނޫސްވެރިން ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުން މިއަދު ދޫކޮށްލީ އެ ވީޑިއޯތައް ޑިލީޓް ކުރުވުމަށް ފަހު ކަމަށް ވެސް ރާއްޖެ ޓީވީން ބުނެފައިވެ އެވެ.

ރާއްޖެ ޓީވީން އެގޮތަށް ރިޕޯޓްކޮށްފައި ވަނިކޮށް ޕީޖީ މުހުތާޒް މިއަދު ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.