ފިނިޕޭޖް

ފަސް މެދުކެނޑުނަށް "ވީބޭވަފާ" ކޮލިޓީވާނެ!

ފިލްމެއް ހަދަން ފެށި ވާހަކަ ނުވަތަ ފިލްމެއްގެ ވާހަކަ އިއުލާނުކުރުމާއެކު ފިލްމު ބަލަން އެންމެން ތެޅިފޮޅިގަނެ އެވެ. ފިލްމު އަޅުވާ ތާރީހު އިއުލާނު ކުރުމާއެކު ފިލްމަށް ދާ ވާހަކަ ނޫން ވާހަކައެެއް ނޯވެ އެވެ. ނަމަވެސް ފިލްމު ބުނާ މުއްދަތުގައި ނާޅުވާ މުއްދަތު ފަސް ކުރަމުން ފަސްކުރަމުން ގޮސް ބައެއް ފަހަރު އެ ފިލްމެއް "ނިޒާމުން" ގެއްލެނީ އެވެ. ފިލްމަށް ކުރެވޭ އުންމީދުތައް ވެސް ދަނީ އެވެ. އެ ފިލްމެއް ދެން ނުފެންނާނެ ކަމަށް ބަލަންޖެހެނީ އެވެ. މިއީ ދިވެހި ފިލްމު އިންޑަސްޓްރީން ފެނިފައިވާ ކަމެކެވެ. މަންޒަރުތައް ނެގުމަށްފަހު ސްކްރީނާ ހަމައަށް ނައިސް އެތައް ފިލްމެއް "ގެއްލިފައި" ވެއެވެ.

ފިލްމު "ވީބޭވަފާ" އަށްވެސް ކުރި އިންތިޒާރު އެންމެން ހުއްޓާލި އެވެ. ފިލްމުގެ ވާހަކަ އެނބުރި މިއައީ ފަސް އަހަރު ފަހުންނެވެ. އެ ފިލްމުގެ މަތިން ހަނދާންނެތި ދިޔަ ފަހުންނެވެ. ފިލްމު ގެއްލުނު ކަމަށް ނިންމައިގެން ތިއްބަ އެވެ. ފަސް އަހަރު ކުރީގައި ޝޫޓުކޮށްފައި އޮތް ފިލްމަކުން މިހާރު އަލަށް ހަދައި އަޅުވަމުންދާ ފިލްމުތަކާއި ވީބޭވަފާ އާއި ތަފާތުތަކެއް ހުރެދާނެ ހެއްޔެވެ؟ އެއީ ބަޔަކު ކުރާނެ ސުވާލެކެވެ. ނަމަވެސް ފަސް އަހަރު ފަހުން އެނބުރި އައުމާ ގުޅޭގޮތުން ޑައިރެކްޓަރު އިބްރާހިމް ވިސާން (ކަނޑި) ގެ ވާހަކަ ތަފާތެވެ.

"ފިލްމުގައި ބްރޭކެއް ނެގީ އެ ތަފާތު ދައްކައިދޭން ވެގެން. އެކަމަކު ފިލްމަކުން ތަރިންނަށް އައިސްފައިހުރި ބަދަލެއް ނުފެންނާނެ. ފަސް އަހަރު ފަހުން ޝޫޓްކޮށްފައެއް ނުހުންނާނެ. މަސައްކަތް ހުއްޓެން ޖެހުނު އެންމެ ބޮޑު ސަބަބުތަކެއް ދިމާވެގެން،" ކަނޑި ބުންޏެވެ.

ފިލްމު ލަސްވެގެން ފިލްމު ޕްރޮޑިއުސަރުން ބޭނުންވާ ގޮތަށް ގެންދަން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައެއް ނުވެ އެވެ. "ސައިން ޝައިން" ޕްރޮޑަކްޝަން އަދި "ކިޑްސް ޕްރޮޑަކްޝަން" އިން ކަނޑިއަށް އޮތީ ފިލްމު އެންމެ ފުރިހަމަ ގޮތުގައި ހަދާ ނިންމާލަން ފުރުސަތު ދީފަ އެވެ.

ފަހުގެ ފިލްމުތަކާއި ތަފާތެއް ނެތް!

"އެންމެ ބޮޑު ތަފާތަކަށް ފެންނާނީ އޭރާއި މިހާރު ތަރިންގެ ސިފަ. އަހަރެން ގަބޫލުކުރާ ގޮތުގައި ޓެކްނިކަލް ގޮތުން ފިލްމު ކުރިއަރާފައިވުމަކީ ޖަޖު ކުރާއިރު ބަލާ ކަމެއް ނޫން. ފިލްމު ހެދުމުގައި އިންނާނީ ބޭސިކް ތިއަރީއެއް. އެ ތިއަރީ ފޮލޯކޮށްފައި ބަރާބަރަށް އިންނާނީ. ވަރަށް ކެރިގެން މިބުނަނީ މިއަދު ހަދާ ފިލްމެއް ވިޔަސް މީގެ ފަސް އަހަރު ކުރިން ހެދި ފިލްމެއް ވިޔަސް ޓެކްނިކަލް ގޮތުން މިއަދު ހަދާ ފިލްމަށްވުރެ 100 ޕަސަންޓު ރަނގަޅުވާނޭ. މާނައަކީ ކޮލިޓީ ވިޔަސް ކުރެވިފައި ހުރި މަސައްކަތަށް ވިޔަސް އަޅުގަނޑު ގަބޫލެއް ނުކުރަމޭ ފިލްމެއް ހަދަނީ ކެމެރާއަކާއި، ޓްރައިޕޮޑަކާއި ލައިޓަކުން ނޫނޭ ހަމައެކަނި،" ކަނޑި ބުންޏެވެ.

ފަސް އަހަރު ކުރިން މި ފިލްމު ނެގިއަސް ފިލްމު ނަގާފައިވަނީ ރާއްޖޭގައި މިހާރު އެންމެ ފުންނާބު އުސް އަދި ފާހަގަކޮށްލެވޭ ޑައިރެކްޓަރުން ބޭނުންކުރާ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ތަރިންގެ ހުނަރާމެދު ސުވާލު!

ހަމަގައިމުވެސް ވީބޭވަފާގައި މިހާރު ހަރަކާތްތެރިވަމުން މިދާ ތަރިންނާ ދޭތެރޭ ޝައްކު އުފައްދާނެ ޖާގައެއް ނެތެވެ. ހައްތަހާވެސް އެންމެ އުހުގައު ފިޔަޖަހަމުންދާ ތަރިންނެވެ. ނިއުމާ މުހައްމަދު، ޔޫސުފް ޝަފީއު، އިބްރާހިމް މުއާޒް، ޒީނަތު އައްބާސް އަދި ފާތިމަތު ފަރީލާގެ އެކްޓިން ހުނަރަކީ އެކަމާމެދު ހިތުގައި ކުޑަވެސް ޝައްކެއް އުފައްދާނެ ފުރުސަތެއް ދޭނެ ތަރިންނެއް ނޫނެވެ.

"ފިލްމުގެ ހުރިހާ ތަރިންގެ އެކްޓިންވެސް ވަރަށް ފުރިހަމަ. މިއަދާ ހަމައަށް އެއްވެސް ފިލްމަކުން ފަރީލާގެ އެކްޓިން ނުފެންނަ ފެންވަރަށް ފަރީލާގެ އެކްޓިން ފެންނާނެ. ވަކިވަކި ތަރިންނަށް ބަލާނެ ކަމެއް ނެތް. އެންމެ ސީން އަކުން ފެންނަ މީހާގެ އެކްޓިން އިން ފެށިގެން ލީޑްކުރާ މީހާއާ ހަމައަށް ވަކި މީހަކު ދެރައޭ ބުނެވޭކަށް ނޯންނާނެ. އެވަރުގެ އެންމެ ސީން އެއްވެސް ފިލްމަކު ނީންނާނެ" ފިލްމާ ދޭތެރޭގައި ކަނޑީގެ ހިޔާރު ހުރިގޮތް ހިއްސާކުރަމުން ބުންޏެވެ.

ދެން އޮތީ ޑައިރެކްޓަރުގެ ވާހަކަ އެވެ. ކަނޑިއަކީ ދެ ލަވަ އާއި ފިލްމެއް ކުޅުމަށްފަހު ފިލްމު ޑައިރެކްޓަރުކަން ކުރި ފަރާތެއް ނޫނެވެ. ފިލްމީ ދާއިރާގައި އޭނާގެ 22 އަހަރުގެ ތަޖުރިބާ އެބަހުއްޓެވެ. ފިލްމު ކުޅުމުގެ އިތުރުން ކެމެރާމަނަކަށްވެސް އެތައް އަހަރެއް ވާންދެން އުޅެފި އެވެ. އެންމެ ކުޅަދާން ޑައިރެކްޓަރުންނާ އެކީގަ އެވެ. ޔޫއްޕެމެން ފަދަ ފިލްމީ ދާއިރާގައި ހުނަރުވެރި ޓީމެއްގެ އެހީތެރިކަމާއެކު ކަނޑި ފިލްމު ޑައިރެކްޓްކުރުމަކީ ކަނޑީގެ ހުނަރާއި މެދުވެސް ސުވާލު އުފައްދާނެ ޖާގަ ނެތުމަށް މެދުވެރިވާ ސަބަބެކެވެ.

ފިލްމީ ދާއިރާގައި ގިނަ ސީނިއާ ފަރާތްތަކަަށް ފިލްމު ދައްކާ ފިލްމުގައި ރަނގަޅުކުރަން ޖެހޭ ތަންތަން ފާހަގަކޮށް އެތަންތަން މިހާރުވަނީ ރަނގަޅުކޮށްފަ އެވެ.

"މި ފިލްމަކީ ފިލްމެއް ހެދުމުގެ މަގްސަދުގައި ހެދި ފިލްމެއް ނޫން. އަޅުގަނޑަށް އެނގިފައި ހުރި އެއްޗަކާއި ލިބިފައިހުރި ތަޖުރިބާއެއް ބޭނުންކޮށްގެން އަދި ފިލްމީދާއިރާގައި ފުންނާބުއުސް ޑައިރެކްޓަރުންގެ ހިޔާލު ބޭނުންކޮށްގެން ކޮށްފައި އޮތް މަސައްކަތެއް."

އެއްވެސް ކޮޕީއެއް ނޫން، އަމިއްލަ ވާހަކައެއް، ބޮޑު ހަރަދެއް

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމު "ވާށޭ މަށާއެކީ" އެތައް ޕްރޮމޯޝަނަކަށްފަހު އޮލިޕަހުގައި ބެލުންތެރިންނަށް ދޫކޮށްލިއިރު ކޮޕީ ފިލްމަކަށް އެ ފިލްމުވުމުން ގިނަ ބަޔަކަށް ފިލްމު ކަމަކު ނުދިޔަ އެވެ. ފިލްމުގެ ތަރިންގެ ފަރާތުން ފެނުނު ކުޅަދާނަ ހުނަރާއި ފިލްމުގެ ޕްރޮޑަކްޝަން ސައިޑުން ކޮށްފައިހުރި މަސައްކަތްތައް އެއްވެސް މީހެއްގެ ލޮލުގައި އަޅައެއް ނުގަތެވެ.

ވީބޭވަފާގައި އެފުރުސަތެއް ނެތެވެ. މި ފިލްމަކީ އަމިއްލަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ މިހާރު ދިވެހި މުޖުތަމައުން ފެންނަން މިހުރި މައްސަލަތަކާއި މުޖުތަމައުން ފެންނަން ހުރި ކަންތައްތަކާއި ގުޅުންހުރި ފިލްމެކެވެ. ލޯބީގެ ރަހަތަކެއްވެސް ފެނިގެންދާނެ އެވެ.

މި ފިލްމުގެ ޕްރޮމޯޝަނަށް މާބޮޑު ކަންތައްތަކެއް އަދި ކުރިއަށް ނުގެންދިޔަ ނަމަވެސް އާންމުކޮށް ބޮޑު ފިލްމަކަށް ފިލްމޮ ޕްރޮޑިއުސަރުން މިހާރު ހަރަދުކުރާ ވަރަށް މި ފިލްމަށް ހަރަދުކޮށްފި އެވެ.

"މިހާރު އާންމުކޮށް ބޮޑު ފިލްމަކަށް މިހާރު ހަރަދުކުރާވަރު ގާތްގަނޑަކަށް ކުރެވިއްޖެ. ގާތްގަނޑަކަށް އަށް ލައްކަ އާއި ހަމައަށް މިހާރު ހަރަދުކުރެވިއްޖެ." ކަނޑި ބުންޏެވެ.

އެހެންވީމަ މި ފިލްމު ބަލަން ނުދާންވީ ސަބަބެއް ނެތެވެ. މިމަހުގެ 30 ވަނަ ދުވަހު ފިލްމު އަޅުވާނެ އެވެ. ފުރަތަމަ ދެ ޝޯ ގެ ޓިކެޓް މިހާރު ވިކި ހުސްވެއްޖެ އެވެ. ޖުމްލަ 10 ޝޯ އަޅުވަންވަނީ ހަމަޖެހިފަ އެވެ.