ބޭރު ކުޅިވަރު

ހޮނިހިރު، އާދީއްތާގައި ޔޫރަޕްގެ "ހަނގުރާމަ" ތަކެއް!

Nov 18, 2016

ވޯލްޑްކަޕް ކޮލިފައިން އާއި ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗްތަކަށް ލީގްތައް ބްރޭކްވުމަށްފަހު މަދަމާ އަލުން ފަށާނީ ފޯރިގަދަ އެތައް ކުރިމަތިލުން ތަކުންނެވެ.

އިންޓަނޭޝަނަލް ބްރޭކްގެ ސަބަބުން މުޑް ގޯސްކޮށް ދިޔަ ބައެއް ސަޕޯޓަރުންނަށް އަލުން މޫޑް ގެނައުމަށްޓަކައި ފޯރިގަދަ މެޗްތަކެވެ. ޔޫރަޕްގެ ނާގާކިޔާ އެންމެ ބޮޑު ހަތަރު ލީގް ގައިވެސް "ވަރުގަ ހަނގުރާމަ" އެއްފަދަ ވާދަވެރި ކުރިމަތިލުން ތަކެކެވެ. ޔޫރަޕްގެ އިތުރުން މުޅި ދުނިޔޭގެ ސަމާލުކަން ވެސް ވަނީ މި ހަނގުރާމަތަކަށް ހުއްޓިފައެވެ. އެންމެ ފުރަތަމަ ފަށާނީ ޔޫރަޕްގެ އެއް ވަނަ ލީގް ސްޕްއިންގެ ލަލީގާ އިންނެވެ.

މެޑްރިޑްގެ ދެ ޓީމުގެ ކުރިމަތިލުން

ސްޕެއިންގެ ވެރިރަށް މެޑްރިޑަށް ނިސްބަތްވާ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑްގެ ކުރިމަތި ލުމަކީ މެޑްރިޑް ދެ ފަޅިވެ ބައިބައިވާ ހަމައެކަނި ވާދަވެރި ކުރިމަތި ލުމެވެ. މެޗް ކުޅޭނަމަ ދެ ޓީމުގެ ސަޕޮޓަރުންގެ ކޯޅުން ހުއްޓުވަން ބަރުހަތަރޔާރުގައި ސްޓޭޑިއަމް ބޭރުގައި މެޑްރިޑްގެ ސިޓީ ޕޮލިސް ހަރަކާތްތެރިވާނެއެވެ. ދުނިޔޭގެ އެންމެ ފޯރިގަދަ ކުލަބު ކުރިމަތިލުން ކަމުގައިވާ ބާސެލޯނާ އާއި ރެއާލްގެ އެލް ކްލެސިކޯ އަށް ފަހު މެޑްރިޑް ދެ ޓީމުގެ ކުރިމަތިލުމަކީ އެންމެ އަޅައިގަންނަ މަންޒަރުތައް ފެންނަ އެއް ކުރިމަތިލުމެވެ.

ރެއާލް އާއި އެތުލެޓިކޯގެ ކުރިމަތިލުންތަކުގެ ރެކޯޑް ރެއާލް ކޮޅަށް ބުރަވި ނަމަވެސް އެތުލެޓިކޯގެ ކޯޗްކަމާ ޑިއޭގޯ ސިމިއޯނޭ ހަވަލުވި ފަހުން ރެއާލް އަށް ގޮންޖެހުން ބޮޑުވެއްޖެއެވެ. ރެއާލްގެ ކޯޗް ކަމާ ޒައިނުއްދީން ޒިދާން ހަވަލުވި ފަހުން ސްޕެނިޝް ލީގްގައި މިހާތަނަށް ރެއާލް ބަލިވެފައިވަނީ އެތުލެޓިކޯ އަތުން އެކަންޏެވެ.

ރާއްޖޭ ގަޑިން މާދަމާ ރޭ ދަންވަރު 12:45 ގައި ރެއާލް އާއި އެތުލެޓިކޯ ނިކުންނައިރު ލީގް ތާވަލުގެ ކުރީގައި އޮތް ރެއާލް އަށް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މި ސީޒންގައި މިހަތަނަށް އެއްވެސް މެޗަކުން ބަލި ވެފައި ނުވުމެވެ. އެތުލެޓިކޯ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މެޗަށް ނިކުންނައިރު އަނިޔާގެ ގިނަ މައްސަލަތަކެއް ރެއާލް އަށް ކުރިމަތިވެފައި ވުމެވެ. އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންނަށް އެތުލެޓިކޯއާ ދެކޮޅަށް ނުކުޅެވޭނެކަން ވަނީ ޔަގިންވެފައެވެ.

މިލާން ދެ ޓީމުގެ ކުރިމަތިލުން

އިޓަލީގެ މިލާނަށް ނިސްބަތްވާ އިންޓަ މިލާން އާއި އޭސީ މިލަންއަކީ އިޓަލީގެ ފުޓްބޯޅައިގައި އެންމެ ބޮޑު ތާރިހެއް އޮތް ދެ ކުލަބެވެ. ވޭތުވެދިޔަ އަހަރުތަކުގައި މި ދެ ކުލަބުގެ ވިދުން ފަނޑުވި ނަމަވެސް 'ޑެލާ މެޑޮންނޯނިއާ" އަކީ އަދިވެސް އިޓަލީގެ ފުޓްބޯޅައިގައި އެންމެ ހިތްގައިމު ކުރިމަތި ލުމެވެ.

އާދިއްތަ ދުވަހުގެ ރޭ 12:45 ގައި މިލާންގެ ސްޓޭޑިއަމްގައި މެޗަށް ނިކުންނައިރު ވޭތުވެދިޔަ ފަސް އަހަރާއި ހިލާފަށް މިއަހަރު އެޓީމު ފެންނަނީ ވަރުގަދަކޮށެވެ. މިވަގުތު އެޓީމު އޮތީ ލީގް ތާވަލުގެ ތިން ވަނައިގައެވެ. ނަމަވެސް އިންޓަމިލާން އޮތީ ފުލުފުލުގައި ދެ މެޗުން ބަލިވުމުން ބޮޑު މައްސަލައެއްގައެވެ. އެޓީމު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ.

މެންޗެސްޓާ ޔުނައިޓަޑް - އާސެނަލް

މިއީ އިނގިރޭސި ފުޓްބޯޅައިގައި ވަރަށް ދަވެރި ދެ ކުލަބެވެ. މި ދެ ކުލަބުގެ ވާދަވެރިކަމުގެ ތެރޭ ތަށިގެ ގޮތުން ޔުނައިޓަޑަށް ކުރި ލިބުނު ނަމަވެސް ފާއިތުވެދިޔަ ތިން އަހަރެއްގެ ތެރޭ ޔުނައިޓަޑް އޮތީ ދަތިހާލެއްގަ އެވެ.

ލީގްގައި މިހާރުވެސް ދެ ޓީމުގެ ދެމެދުގައި ހަ ޕޮއިންޓްގެ ލީޑެއް އެބައޮތެވެ. އާސެނަލް ހަތަރު ވަނައިގައި އޮތް އިރު މެންޗެސްޓާ ޔުނައިޓަޑް އޮތީ ތާވަލުގެ ހަ ވަނައިގަ އެވެ. މީގެ އިތުރުން މި ދެޓީމުގެ ކޯޗުންނަކީ ވެސް ވަރަށް ވާދަވެރިކޮށް ފެންނަ ދެ ކޯޗުންޏެވެ. ވެންގާ އަށް ޔުނައިޓަޑާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުން މޮޅުވެވިފައެއް ނުވެއެވެ. އަމިއްލަ ދަނޑު އެމިރޭޓްސް ސްޓޭޑިއަމްގައި މޮރީނިއޯ އަތުން މޮޅުވަމަކީ ވެންގާގެ އަމާޒަކަށް ވާނެއެވެ.

ބްރޫޝިއާ ޑޯޓަމަންޑް - ބަޔާން މިޔުނިކް

ބްރޫޝިއާ ޑޯޓަމަންޑާއި ބަޔާން މިޔުނިކުގެ ކުރިމަތި ލުމަކީ އެލްކްލެސިކޯ އަށް ޖަރުމަނުން ދޭން އޮތް ޖަވާބެވެ. ނުވަތަ އެއީ ޖަރުމަންގެ ކްލެސިކޯއެވެ. އަބަދުވެސް ވަރުގަދަ ސްކޮޑަކާއެކު އޮންނަ ބަޔާން މިޔުނިކަށް މްޗް އެއްވަރުވިޔަސް އެއީ ޕްރޝަރަކަށް ވާނައެވެ. އެއީ އެޓީމުން ތާވަލުގެ އެއް ވަނައިގައި އޮތް ނަމަވެސް އެޓީމު އޮތީ ދެ ވަނައިގައި އޮތް އާރްބީ ލެޕީޒްއާ ޕއޮންޓްގެ ގޮތުން އެއްވަރެއްގައެވެ. އެހެންވެ މޮޅުވުން ނޫން ނަތިޖާއެއް ނެރެގެން ނޫނީ ބަޔާން އަށް ތާވަލުގެ އެއް ވަނަ މަގާމު ސަލާމަތް ކުރެވޭކަށް ނެތެވެ.