ކުޅިވަރު

މޮރީނިއޯއާ ވެންގާގެ ހަނގުރާމަ ނިމުނީ ހަމަހަމަވެގެން!

  • ހުރިހާ ގޮތަކުން ވެސް ޔުނައިޓެޑް މޮޅަށް ކުޅުނު
  • ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނު ކަމަށް އެނަލިސްޓުން ބުނޭ
  • މި ނަތީޖާއިން ދެޓީމަށް ހުރަސްތަކެއް ކުރިމަތިވެދާނެ

އިނގިރޭސި ޕްރިމިއާ ލީގުގައި ފެށުނީއްސުރެ ވާދަވެރި ދެ ކޯޗުން ކަމަށްވާ ހޯސޭ މޮރީނިއޯގެ މެންޗެސްޓާ ޔުނައިޓެޑާއި އާސެން ވެންގާގެ އާސެނަލް މިއަދު ބައްދަލު ކުރި މެޗު 1-1 ގެ ނަތީޖާއަކުން ހަމަހަމަވެގެން ނިމިއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބޯޅަ ހިފަހައްޓައިގެން އާސެނަލް ގިނައިރު ކުޅުނު ނަމަވެސް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ހާފުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފައި ވަނީ ޔުނައިޓެޑުންނެވެ. އޭގެ ތެރެއިން ޔުނައިޓެޑްގެ ވެލެންސިޔާ އާސެނަލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ދެމިގެނެ ހަމަލާ އުފައްދަން އުޅެނިކޮށް ހުރަސް އަޅައި ވައްޓާލުމުން ޕެނަލްޓީއެއް ނުދިން ހަމަލާ ހިމެނޭއިރު ހުއާން މާޓާ ފޮނުވާލި ނުރައްކާތެރި ހަމަލާ އާއި މާޝިއަލްގެ ދެ ހަމަލާ ހިމެނެ އެވެ. މާޝިއަލް އާއި މާޓާގެ ހަމަލާތަކުގެ ހުރަކަށްވީ ޗެލްސީން މޮރީނިއޯ ދޫކޮށްލި ތަޖުރިބާކާރު ގޯލްކީޕަރު ޕީޓާޗެކެވެ. އޭނާވަނީ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފަށައިގެން ވެސް ކައިރި ކައިރީގައ ހަމާލާތައް އުފައްދާފައި ވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް މެޗުގައި މޮޅަށް ކުޅެމުން ދިޔަ މާޝިއަލްގެ ބަދަލުގައި ފަހުހާފުގެ ތެރޭގައި ވޭން ރޫނީއަށް ފުރުސަތު ދިނެވެ. ދެ ވަަނަ ހާފުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ ހުއާން މާޓާ އެވެ. މެޗުގެ 68 ވަނަ މިނެޓްގައި އެކަތިފަހަރުން މޮޅު ލަނޑެއް ޖެހުމަށްފަހު ކްރައުޑުގެ ތެރެއަށް ވަދެ އުފާފާޅު ކުރިގޮތުން ރެފްރީ ވަނީ މާޓާއަށް ރީނދުލެއް ދައްކާފަ އެވެ.

ލަނޑަށްފަހު ވެސް ގުޅިގެން މޮޅަށް ކުޅެމުން ދިޔައީ ޔުނައިޓެޑެވެ. ނަމަވެސް އާސެނަލް ކޮޅަށް ލަނޑުޖަހައިގެން ޔުނައިޓެޑް މޮޅުވާން ދަނިކޮށް މެޗުގެ 89 ވަނަ މިނެޓްގައި އާސެނަލް އަށް ލަނޑު ޖަހައި ހަމަ ހަމަކޮށްދީ ޔުނައިޓެޑާއި މޮރީނިއޯގެ ހިތް ހަލާކުކޮށްލީ ފަހު ހާފުގައި ކުޅެން ނުކުތް އޮލިވާ ގިރޯޑެވެ. ފަހު ވަގުތުގައި ފަސޭހަ ކަމާއެކު އޭނާ އާދަވެ ޖަހާ ގޮތަށް މިއަދު ޖަހާފައި ވަނީ މޮޅު ލަނޑެކެވެ.

މެޗުގައި ޔުނައިޓެޑުގެ ރޫނީ އާއި މަޓެއޯ ޑާމެއިން ހުއާ މާޓާ އާއި އާސެނަލް ގެ އެލެކްސިސް ސަންޗޭޒާއި އާރޮން ރަމްސޭ އަދި ޒަކާއަށް ރެފްރީ އަންދުރޭ މެރިނާ ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ.

މެންޗެސްޓާގެ އޯލްޑްޓްރަޑްގައި ކުޅުނު މިމެޗުގެ މިނަތީ ވާދަވެރި ދެކޯޗުންގެ މެޗުގައި މިއަދު ނުކުތް އިރު މޮރީނިއޯއާ ދެކޮކޮޅަށް ވެންގާއަށް ޕްރިމިއާލީގުގައި ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ކޮމިއުނިޓީ ޝީލްޑްގައި މޯރިނިއޯއާ ދެކޮޅަށް ޗެލްސީ ބަލިކޮށް ވެންގާ ވަނީ އާސެނަލް އަށް ޝީލްޑް ހޯދައިދީފަ އެވެ. މި މެޗަށް ނުކުތް އިރު ވެސް ދެ ކޯޗުންގެ ޒަމާންވީ "ޓަޗްލައިން ހަނގުރާމަ" އޮތީ ދަނޑުގެ ބޭރުން ފެށިފަ އެވެ.

މިއަދު ނަތީޖާ ނުކުތް ގޮތުން އާސެނަލް އެ ހަމަ ކުރެވުނީ 12 މެޗުން 25 ޕޮއިންޓެވެ. ގޯލް ތަފާތާއެކު ޗެލްސީގެ ފަހަތުން ދެވަނަ އެވެ. ދެޓީމަށް ވެސް ޕޮއިންޓް ލިިބިފައި ވަނީ އެއްވަރަށެވެ. ނަމަވެސް މާދަމާ ޗެލްސީ މިޑްލްސް ބޮރޯއާ ދެކޮޅަށް ކުޅެމޮޅުވެއްޖެ ނަމަ މަގާޟު ބަދަލުވާނެ އެވެ. ޔުނައިޓެޑަށް ވެސް އެ އަދަށް މެޗު ކުޅެގެން 19 ޕޮއިންޓާއެކު ޓޭބަލްގެ ހަވަަނަ އެވެ. މި ނަތީޖާ ނުކުތް ގޮތުން ޓޭބަލްގައި އިތުރަށް ބާރު ގަދަ ކުރުމަށް ދެ ޓީމަށްވެސް ހުރަސްތަކެއް ކުރިމަތިވީ އެވެ. އެކަން މުޅިން ކަށަވަރު ވާނީ މެންސިޓީ އާއި ޗެލްސީ އަސި ލިވަޕޫލް އަދި ޓޮޓެންހަމްގެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.