ކުޅިވަރު

ޗައިނާ އެމްބަސީގެ އެހީއާއެކު އިމިގްރޭޝަން ކަޕް ފަށައިފި

Nov 19, 2016

އިމިގްރޭޝަންގެ މުވައްޒަފުންގެ މެދުގައި ބާއްވާ ފުޓްސަލް މުބާރާތާއި ހޭންޑް ބޯލް މުބާރާތް ފަށައިފި އެވެ. މި މުބާރާތަށް ދީފައިވާ ނަމަކީ "ޗައިނީސް އެމްބެސެޑާ އިމިގްރޭޝަން ކަޕް" އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ ފުޓްސަލް މުބާރާތުގައި ބައިވެރިވަނީ އިމިގްރޭޝަންގެ ފިރިހެން މުވައްޒަފުންނެވެ. ހޭންޑް ބޯލް މުބާރާތަކީ އަންހެން މުވައްޒަފުންނަށް ހާއްސަ މުބާރާތެކެވެ. ހޭންޑް ބޯލް މުބާރާތުގައި ތިން ޓީމަކުން ވާދަކުރާއިރު ފުޓްސަލް މުބާރާތުގައި ވާދަކުރަނީ ހަތް ޓީމަކުންނެވެ.

މި މުބާރާތް ފެއްޓުމުގެ ގޮތުން މިއަދު ސެޓްލްކޯ ޓާފް ދަނޑުގައި ޗައިނީސް އެމްބަސީގެ ޓީމާއި އިމިގްރޭޝަންގެ ވެޓްރަންސް ޓީމާ ދެމެދު އެކުވެރިކަމުގެ މެޗެއް ވެސް ވަނީ ކުޅިފަ އެވެ. އެ މެޗް ފައްޓަވައިދެއްވީ، އެސިސްޓެންޓް ކޮންޓްރޯލާ ހާމިދު ފަތުހުﷲ އެވެ.

މި މެޗުފައި ޗައިނާގެ އެމްބެސެޑާ ވަންގް ފޫކަންގް ބައިވެރިވެލެއްވި އެވެ. އަދި އިމިގްރޭޝަންގެ ސީނިއާ އެސިސްޓެންޓް ކޮންޓްރޯލާ ހަސަން ހުސެއިން ވެސް ބައިވެރިވެލެއްވި އެވެ. މި މުބާރާތް ފައްޓަވައިދެއްވީ ވެސް އެ ދެ ބޭފުޅުންނެވެ.

މުބާރާތް ފެއްޓުމަށް ބޭއްވި ކުޑަ ހަފުލާގައި ވާހަކަ ދައްކަވަމުން ޗައިނާ ސަފީރު ވިދާޅުވީ، ޗައިނާ އާއި ރާއްޖޭގެ ގުޅުން ދަނީ އިތުރަށް ބަދަހިވަމުން ކަމަށެވެ. އެގޮތުން ޗައިނާ އެމްބަސީ އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ވެސް ގާތް ގުޅުމެއް އުފެދިފައިވާ ކަމަށެވެ. މި މުބާރާތަކީ އެމަކުގެ ހެއްކެއް ކަމަށާއި މުބާރާތް ކުރިއަށް އޮތް އަހަރުތަކުގައި ވެސް އޮންނާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

މި މުބާރާތް ޗައިނާ އެމްބަސީގެ އެހީއާއެކު ބާއްވާ މިއީ ދެވަނަ އަހަރެވެ.