ބޮލީވުޑް

"ފޯސް 2" އާއި "ތުމްބިން 2" އަށް ވެސް ފިނި ތަރުހީބެއް

Nov 20, 2016

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެގައުމުގައި ބޭނުން ކުރަމުން އައި 500 ރުޕީސްގެ ނޫޓާއި 1000 ރުޕީސްގެ ނޫޓްތައް އުވާލާފައިވާއިރު، އަތުގައި ހުރި ކުރީގެ ނޫޓްތަށް ބަދަލުކުރުމަށް ބޭންކުތަކުގެ ދޮށުގައި މީހުން ދިގު ކިޔޫތައް އަދިވެސް ހަދައިގެން ތިބިއިރު، އެކަމުގެ އެންމެ ނޭދެވޭ އަސަރެއް ކޮށްފައިވަނީ މިހާރު ދައްކަމުން އަންނަ ފިލްމުތަކަށެވެ.

މިދިޔަ ހަފްތާގައި ރިލީޒްކުރި "ރޮކް އޮން 2" އަށް ވެސް ފޫނުބެދޭވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހި އެފިލްމު ވަނީ ފްލޮޕްވެފަ އެވެ.

މިހަފްތާ ހުކުރު ދުވަހު ފޯސް 2" އާއި "ތުމް ބިން 2" ރިލީޒްކުރިއިރު މިދެފިލްމަށް ވެސް ނޫޓްތަކުގެ ހިޔަނި އެޅި ލިބިފައިވަނީ ފިނި ތަރުހީބެކެވެ.

ޖޯން އަބްރަހަމް އާއި ސޮނާކްޝީ ސިންހާ އަދި ތާހިރް ބަސީން މުހިންމު ރޯލުތަކުން ފެނިގެންދާ "ފޯސް 2" އަކީ 2011 ވަނަ އަހަރު ނިކުތް އެކްޝަން ފިލްމު "ފޯސް" ގެ ދެވަނަ ބައެވެ. މިސިލްސިލާގެ ފުރަތަމަ ފިލްމަށް ވެސް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައިނުވާއިރު "ފޯސް 2" ގެ ފެށުން ވެސް އެހާ ރަނގަޅެއް ނޫނެވެ.

ފުރަތަމަ ފިލްމަށް ވުރެން ދެވަނަ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުންމީދުކުރެވުނު ނަމަވެސް ފުރަތަމަ ދުވަހު މިފިލްމަށް ލިބިފައިވަނީ 6.05 ކްރޯޑް (605 މިލިއަން) ރުޕީޒް އެވެ. މިފިލްމުގެ ޓްރެއިލާ އާންމުކުރުމާއެކު ފިލްމުގައި ހިމެނޭ އެކްޝަން މަންޒަރުތައް މޮޅުކަމުން މިފިލްމަކީ އަހަރުގެ އެންމެ މޮޅު އެކްޝަން ފިލްމަށް ވާނެ ކަމަށް އައީ ބުނަމުންނެވެ.

އުންމީދުކުރި ވަރުގެ ވަރުގަދަ ފެށުމެއް މިފިލްމަށް ނުލިބުނު ނަމަވެސް މިފިލްމަކީ ޖޯންގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ރަނގަޅު އާމްދަނީއެއް ލިބުނު ފިލްމެވެ.

މިފިލްމާއެކު ދެން ރިލީޒްވި ކުރީގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ތުމް ބިން" ގެ ދެވަނަ ބައިގެ ގޮތުގައި އުފެއްދި "ތުމްބިން 2"، "ފޯސް 2" އަށް ވުރެން ލިބިފައިވަނީ ދަށް އާމްދަނީ އެކެވެ.

މުޅިން އާ މޫނުތަކެއް ފެނިގެންދިޔަ "ތުމް ބިން 2" އަށް ވަރަށް ފަނޑު ތަރުހީބެއް ލިބިފައިވާއިރު ފުރަތަަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 75 ލައްކަ ރުޕީީޒް އެވެ. ބާރަ ކްރޯޑުގެ ބަޖެޓަކުން އުފައްދާފައިވާ މިފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ އަށް ބަލައި މިފިލްމަށް ބޮކްސް އޮފީހުގައި ފްލޮޕްވެދާނެ ކަމަށް އަންނަނީ ބުނަމުންނެވެ. އަދި މިފިލްމަށް އެންމެ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނީ މަޝްހޫރު އެކްޓަރުން އުޅޭ ފިލްމަކާ އެކު ރިލީޒްކުރުމުންނެވެ.

"ތުމް ބިން 2" އާއި "ފޯސް 2" ގެ ވެސް ފުރަތަަމަ ބަޔަށް މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިނުވާއިރު ދެވަނަ ބަޔަށް މާބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.