އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހުމުގެ ފައިދާ ނަގަން ލިވަޕޫލަށް ލިބުނު ފުރުސަތުގައި ސައުތަމްޓަން އަތުން މޮޅު ނުވެވި އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލައިފި އެވެ. އަދި ކްރިސްޓަލް ޕެލަސްކޮޅަށް ޔާޔާ ޓޫރޭ ޖަހައިދިން ދެ ލަނޑުން މެންޗެސްޓާ ސިޓީ މޮޅުވެ ތިން ޕޮއިންޓާއެކު ޓޭބަލްގެ ދެވަނައަށް ޖެހިލައިފި އެވެ. ލިވަޕޫލަށް ވެސް ލިބިފައި ވަނީ 12 މެޗު ކުޅެެގެން 27 ޕޮއިންޓެވެ. ނަމަވެސް މިވަގުތަށް ޓޭބަލްގެ ކުރި ލިބެނީ ލިވަޕޫލަށެވެ.
މިރޭ މެޗުގައި ސައުތެމްޓަން އަށް ދެކޮޅަށް ލިވަޕޫލަށް ވަނީ އެޓީމު މި ސީޒަންގައި ދައްކަމުން އަންނަ މޮޅުން ދައްކަލާވޭ ގޮތް ނުވެފަ އެވެ. ހާއްސަކޮށް ފިލިޕް ކޫޓީނިއޯއަށް އޭނާގެ ޖާދޫ ދައްކާ ނުލެވުނު އިރު އޭނާ ފެނުނީވެސް މާ ބޮޑަށް އެތެރެއަށްޖެހި ލަސް ކުޅުމެއްކުޅުނުތަނެވެ. އަނެއްކޮޅުން މި ސީޒަންގައި މިހާތަނަށް ވަރަށް ފޯމްގައި ކުޅެމުން އައި ސަޑިއޯ މާނޭ އާއި ބްރެޒިލްގެ ރޮބާޓޯ ފްރިމީނޯ އަށް ލިބުނު ފުރުސަތުތައް ބޭކާރުވެގެން ދިޔައިރު ސައުތަމްޓަންގެ ފަހަތް ފެނުނީ ވަރަށް އޯގައިނައިޒް، ވަރަށް ޑިސިޕްލިންކޮށް ކުޅެ ލިވަޕޫލްގެ ފޯވާޑުންގެ ކުޅުން ކަނޑުވާލާފައި ވާތީ އެވެ. ނަމަވެސް ކައުންޓަ އެޓޭކްގައި ސައުތަމްޓަމް އަށް ލިބުނު ފުރުސަތުތަކުގައި ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތް ނުވުމުން ނަތީޖާ ބައްދަލުކޮށްލާނެ ފުރުސަތެއް އެ ޓީމަކަށް ވެސް ނުލިބެ އެވެ.
ލިވަޕޫލަށް މޮޅު ނުވެމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް އޮތީ މެންސިޓީ އަށެވެ. ސިޓީ އާއި ޓޭބަލްގެ 16 ވަނާގައި އޮތް ކްރިސްޓަލް ޕެލަސް ބައްދަލު ކުރި މެޗުގައި ސިޓީ މޮޅު ކޮށްދިނީ ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވުމަށްފަހު އެއްފަރާތް ކޮށްފައިވާ ޔާޔާ ޓޫރޭ އެވެ. ގާޑިއޯލާ މިރޭ ދިން ފުރުސަތުގައި ނުކުމެ ސިޓީއަށް ޖަހައިދިން ދެލަނޑަކީ އޭނާ ގާޑިއޯލާއަށްދިން ޖަވާބެކެވެ. -- އޭނާ ދެލަނޑުވެސްޖަހާފައި ވަނީ އިންޑިވިޖުއަލް ހުނަރު ބޭނުންކޮށްގެނެވެ.
މިރޭ ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެމްޕިއަން ލެސްޓާ ބަލިވީ ވޮޓަފަޑްއަތުން 2-1 އިންނެވެ. އެވަޓަން އާއި ސުވަންސީގެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެނެވެ. ސްޓޯކް ކޮޅަށް ލަނޑެއް ޖަހައިގެން ބޯނެމަޮތު ވެސް މޮޅުވި އެވެ.