ކްރިސްޓިއާނޯ ރޮނާލްޑޯ އެތުލެޓިކޯ މެޑްރިޑް ކޮޅަށް ޖަހައިދިން ތިން ގޯލާއެކު ރެއާލް މެޑްރިޑް ލަލީގާގެ ތާވަލުގެ ކުރީގައި އެޓީމުގެ އެންމެ ބޮޑު ލީޑް ނަގައިފި އެވެ.
ރޭ ގެ މެޗުން ރެއާލް މޮޅުވެ ތާވަލުގެ ދެ ވަނައިގައި އޮތް ބާސެލޯނާ މަލާގާ އަތުން އެއްވަރުވުމުން ރެއާލް އަށް ވަނީ ތާވަލުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ރެއާލް 30 ޕޮއިންޓް ހޯދިއިރު ބާސެލޯނާ ދެ ވަނައިގައި އޮތީ 26 ޕޮއިންޓާއެކުއެވެ.
ރެއާލް މެޑްރިޑްގެ ކޯޗް ކަމާޒިދާން ހަވާލުވިފަހުން ސްޕެނިޝް ލީގްގައި ބަލިވެފައިވަނީ އެތުލެޓިކޯ މެޑްރިޑްގެ އަތުން އެކަންޏެވެ. މިދިޔަ ސީޒަންގެ ދެ ވަނަ ޕީރިއަޑްގައި ޒިދާންގެ ކޯޗްކަމުގެ ދަށުން އެތުލެޓިކޯ އަތުން ބަލިވިއިރު މިއީ އެތުލެޓިކޯގެ ދަނޑުގައި ޒިދާން އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ މައްޗަށް ހޯދި ބަދަލު ހިފުމަކަށް ވެގެންދާނެ އެވެ.
ރޭ ގެ މެޗަށް ޒިދާން ނިކުތީ ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމުން ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްގެންނެވެ. ސެންޓަ ސްޓައިކާ ކަރީމް ބެންޒެމާ އާއި އަލްވާރޯ މޮރާޓާ އަށް އަނިޔާވެފައި ވުމުން ރޭގެ މެޗްގައި ސެންޓާ ސްޓައިކަރުގެ ރޯލް ޒިދާން ހަވާލު ކުރީ ރޮނާލްޑޯއަށެވެ.
އަނިޔާއިން ރަނގަޅުވި ނަމަވެސް ފިޓްނަސް ދަށްވެފައިވުމުން ބެންޒެމާ ކުޅެން ނެރުނީ މެޗްގެ ފަހު 10 މިނެޓްގަ އެވެ.
ރޭ ގެ މެޗްގައި ރޮނާލްޑޯ ޖެހި ތިން ލަނޑުގެ ތެރެއިން އެއް ލަނޑަކީ ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ. އަނެއް ދެ ލަނޑުގެ ތެރެއިން ތިން ވަނަ ލަނޑަކީ ގެރެތު ބޭލް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ.
ރޭ ބާސާ މަލާގާ އަތުން އެއްވަރުވެ ސެވިއްޔާ ޑިޕޯޓިވޯ ލަކަރޫނިއާ ދެކޮަޅަށް ކުޅުނު މެޗުން މޮޅުވުމުން ތިން ވަނައިގައި އޮތް ސެވިއްޔާ ވަނީ ބާސާއާ ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ރޭ ރެއާލް އަތުން ބަލިވި އެތުލެޓިކޯ އޮތީ ތަވަލުގެ ފަސް ވަނައިގައެވެ. ހަތަރު ވަނައިގައި އޮތީ ވިލަރޭއަލް އެވެ.