އޭއެފްސީ

އޭއެފްސީން ރާއްޖެއަށް ދޭ އެހީ އިތުރު ކުރަން ހުށަހަޅަނީ

Nov 20, 2016

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީ ރާއްޖެ ވަޑައިގެންފި އެވެ. ސަލްމާން ރާއްޖެ ވަޑައިގެންނެވީ އޭޝިއާގެ ގައުމުތަކަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން މިއަހަރު ޝެޑިއުލުގައި ރާއްޖެ ހިމެނިފައިވުމުންނެވެ.

އޭނާ ރާއްޖެ ވަޑައިގެންނެވިއިރު މިއަދު ވަނީ އެފްއޭއެމްގެ އިންތިހާބު ބާއްވައި އެ އިދާރާގެ ރައީސް ކަމަށް ބައްސާމް އަދީލް ޖަލީލް އިންތިހާބު ކޮށްފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ޝައިހް ސަލްމާން މީގެ ހަފުތާއެއް ކުރިން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ކަމަށެވެ.

"އެފްއޭއެމްގައި އިންތިހާބީ އެކްސްކޯއެއް ނެތުމުން ދަތުރުފުޅު މިއަދަށް ލަސްކޮށްލެއްވީ އެނގިވަޑައިގެންފައި އޮންނާނީ މިއަދު އިންތިހާބު އޮންނާނެކަން،" ބައްސާމް ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ އޭއެފްސީއިން ރާއްޖެއަށް ދޭ އެހީތައް އިތުރު ކުރަން އެފްއޭއެމުން ރިކްއެސްޓް ކުރާނެ ކަމަށެވެ.

"ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޕްމެންޓްގެ އިތުރު މަޝްރޫތަކަށް އޭއެފްސީގެ އެހީއަށް ރިކްއެސްޓް ކުރާނަން،" ބައްސާމް ވިދާޅުވިއެވެ.