އޭއެފްސީ

އޭއެފްސީގެ ރައީސް ބައްސާމަށް މަރުހަބާ ވިދާޅުވެއްޖެ

މިިދޔަ ބުރާސްފަތި ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް، އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ (އޭއެފްސީ) އިން ބަލައިގަނެ، އިންތިހާބުން ދެ ވަނަ ދައުރަކަށް ހޮވިވަޑައިގަތް ބައްސާމް އަދީލް ޖަލީލަށް، އޭއެފްސީގެ ރައީސް ޝައިހް ޝަލްމާން ބިން އިބްރާހިމް އަލް ޚަލަފީ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޝައިހް ސަލްމާން ސޮއި ކުރައްވައި ބައްސާމަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، އަނެއްކާވެސް ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް ހޮވިވަޑައިގަތުމުން މަރުހަބާ ވިދާޅުވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.

"ކާމިޔާބު ކަމާއެކު ދެ ވަނަ ދައުރަށް ހޮވިވަޑައިގެންނެވުމަކީ ރާއްޖެ ފަދަ ރީތި ގައުމެއްގައި ފުޓްބޯޅަ އިތުރަށް ކުރިއެރުވުމަށް ކުރެއްވި މަސައްކަތަށް އެފްއޭއެމްގެ މެންބަރުންނާއި ފުޓްބޯޅައިގެ ހިއްސާދާރުންގެ އިތުބާރު (ބައްސާމް)ގެ މަސައްކަތަށް އޮތްކަމުގެ ސާފް ދަލީލެކެވެ،" ޝައިހް ސަލްމާން ލިޔުއްވާފައި ވެއެވެ.

"އަދި ތި މަސައްކަތުގައި އޭއެފްސީގެ ފުރިހަމަ އެއްބާރުލުން ބައްސާމް އޮންނާނެ ކަމުގެ ޔަގީން ކަން އަރުވަމެވެ."

ބައްސާމްގެ އެކްސްކޯ ބަލައިގަނެ އޭއެފްސީން ވަނީ އެކްސްކޯ މެންބަރުންނަށްވެސް މަރުހަބާ ވިދާޅުވެފަ އެވެ. އެއެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒަށް އެޑްރެސްކޮށް އޭއެފްސީގެ ޖެނަރަލް ސެކެޓްރީ ދާތޯ ވިންޑޯސާ ޖޯން ފޮނުއްވި ސިޓީގައި ވަނީ، ކާމިޔާބާއެކު އިންތިހާބީ ކޮންގްރެސް ކުރިއަށް ގެންދެވުމުން މަރުހަބާ ވިދާޅުވެފަ އެވެ. އަދި ޖެނަރަލް ސެކެޓްރީކަމަށް ޖަވާ އަލުން އައްޔަން ކުރުމުން އޭނާ އަށްވެސް އޭއެފްސީ ޖެނަރަލް ސެކެޓްރީ މަރުހަބާ ވިދާޅުވި އެވެ.

މިދިޔަ ދައުރަށް ބައްސާމް އިންތިހާބު ވެވަޑައިގެންނެވި އިރު އެދުވަހު އޭއެފްސީގެ ރައީސް ވަނީ މާލެ ވަޑައިގެންފަ އެވެ.