އޭއެފްސީ

އަށް އަހަރަށްފަހު އޭއެފްސީގެ މަގާމު ރާއްޖެއަށް ގެއްލިއްޖެ

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ ކޮންގްރެސްގައި، މިއަދު ބޭއްވި އިންތިހާބުތަކުން ނާކާމިޔާބު ވުމުން އަށް އަހަރަށް ފަހު ރާއްޖެއަށް ފުރަތަމަ ފަހަރަށް އޭއެފްސީގެ އެކްސްކޯ ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މި ފަހަރުގެ އޭއެފްސީގެ އިންތިހާބުގައި، އެ އިދާރާގެ އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެންބަރުގެ މަގާމަށް ވާދަ ކުރެއްވި، ރާއްޖޭގެ މަރްޔަމް މުހައްމަދު (މާޔަން) އަށް މިއަދު ބޭއްވި ކޮންގްރެސްގައި ވަނީ ނާކާމިޔާބާ ކުރިމަތި ވެފަ އެވެ.

މިއީ އަށް އަހަރު ފަހުން، އޭއެފްސީގެ އެކްސްކޯގެ ގޮނޑި ރާއްޖެއަށް ގެއްލުނު ފުރުތަމަ ފަހަރެވެ. އޭއެފްސީގެ އެކްސްކޯގެ ގޮނޑިއަކަށް އެންމެ ފުރަތަމަ ހޮވިވަޑައިގެންނެވި ބޭފުޅަކީ، އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމެވެ. އޭއެފްސީގެ އެކްސްކޯގެ މެންބަރު ކަމަށް އޭނާ ހޮވިވަޑައިގެންނެވީ 2011 ވަނަ އަހަރު އެވެ.

އޭނާގެ ދައުރު ނިމެންދެން އޭއެފްސީގެ އެކްސްކޯ މެންބަރު ކަމުގައި އޭނާ ހުންނެވި އެވެ. އެއަށް ފަހު 2015 ވަނަ އަހަރު ބޭއްވި އިންތިހާބުގައި، މި ސަރަހައްދުން އޭއެފްސީގެ އެކްސްކޯއަށް، އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވަޑައިގެންނެވި އެވެ. އޭރު އޭނާ ހުންނެވީ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ކަމުގެ މަގާމުގަ އެވެ.

ދެކުނު އޭޝިއާ ޒޯނުން، މާޔަންއާ ވާދަ ކުރެއްވީ، އޭޝިއާގެ އަންހެން ފުޓްބޯޅައިގައި ނުފޫޒު ގަދަ މީހެއް ކަމަށްވާ، ބަނގުލަދޭޝްގެ މަހްފޫޒާ އަހްތަރު ކިރޮން އެވެ. އޭނާ ވަނީ ސިމްޕަލް މެޖޯރިޓީގައި، އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. ފީފާގެ ކައުންސިލުގައި މިފަހަރު ވެސް ތަމްސީލު ކުރައްވާނީ އޭނާ އެވެ.

އޭއެފްސީގެ އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތްތައް

ރައީސް: އަދި ފީފާގެ ސީނިއާ ނައިބުރައީސް: ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ (ބްހްރެއިން)

ފީފާ ކައުންސިލް: ޒޫ ޒަކާއީ (ޗައިނާ)، ޕްރަފުލް ޕަޓޭލް (އިންޑިއާ)، ކޯޒާ ޓަޝިމާ (ޖަޕާން)، މަރިއާނޯ އަރެންޓޯ (ފިލިޕީންސް)، ސައުދު އަލް މުހަންދީ (ގަތަރު)

ފީފާ ކައުންސިލް އަންހެން މެންބަރު: މަހްފޫޒާ އަހްތަރު (ބަންގުލަދޭޝް).

އޭއެފްސީގެ ނައިބުރައީސް:
ހުޅަނގު އޭޝިއާ ޒޯން- ސައުދު އަލް މުހަންދީ (ގަތަރު)
މެދުތެރޭ އޭޝިއާ ޒޯން- މެހްދީ ތާޖު (އިރާން)
ދެކުނު އޭޝިއާ ޒޯން- މަހްދޫމް ސައީދު ފައިސަލް ސަލާހް ހައްޔާތު (ޕާކިސްތާން)
އާސިއާން ޒޯން- ޒާޒާ (މިޔަންމާ)،
އިރުމަތީ އޭޝިއާ- ގަންބާޓަރު އަމްގަލަންބާޓަރު (މޮންގޯލިއާ)

އެގްޒެކެޓިވް ކޮމިޓީ މެންބަރު:
ހުޅަނގު އޭޝިއާ ޒޯން: އަބްދުލް އަލްޚާލިގް އަލް މަސްއޫދު (އިރާގް)، ހަސީމް ހައިދަރު (ލުބުނާން)، ސަލީމް ސާއިދު ސަލީމް އަލް ވަހައިބީ (އޮމާން)، ހާމިދު މަހްމޫދު އަލް ޝައިބާނީ (ޔަމަން)
މެދުތެރެ އޭޝިއާ ޒޯން: ސައްޔިދު ރެޒާ އަލީ ރެޒާ އަގްޒާދު
ދެކުނު އޭޝިއާ ޒޯން: ދާޝޯ އުގެން ޓަޝޫޕް ޑޯޖީ (ބޫޓާން)
އާސިއަން ޒޯން: ޗްރީޗް ނިކޮއު (އޮސްޓްރޭލިއާ)، ދާތޯ ހާޖީ ހާމީދީން ބިން ހާޖީ މުހައްމަދު އަމީން (މެލޭޝިއާ)، ޓުރަން ކްއަކް ޓުއާން (ވިއެޓްނާމް)
އިރުމަތީ އޭޝިއާ: ފޮކް ކައި ޝާން އެރިކް (ހޮންކޮންގް)

އެކްސްކޯގެ އަންހެން މެންބަރު ކަމަށް:
ހުޅަނގު އޭޝިއާ- ސުސާން އަލްޝަލަބީ (ފަލަސްތީން)
ދެކުނު އޭޝިއާ ޒޯން- މަހްފޫޒާ އަހްތަރު (ބަންގުލަދޭޝް)
އާސިއާން ޒޯން- ކަންޔާ ކޮއެމަނީ (ލާއޯސް)
އިރުމަތީ އޭޝިއާ- ހާން އުން ގިޔޯންގް (އުތުރު ކޮރެއާ)
މެދުތެރޭ އޭޝިއާ: ފަހުން އިންތިހާބު ކުރުމަށް