ބޮލީވުޑް

ސަންޖޭ ބުނަނީ އޭނާގެ އެނބުރި އައުން ގަދަފަދަ ވާނެ ކަމަށް

Nov 21, 2016

ނެޝަނަލް އެވޯޑް ލިބިފައިވާ ޑައިރެކްޓަރު އޮމަންގް ކުމާރު މިހާތަނަށް އުފައްދާފައިވާ ދެފިލްމު، "މެރީކޮމް" އާއި "ސަރަބްޖިތް" އަކީ ވެސް އަސްލު ހިނގާފައިވާ ކަންތައްތަކުގެ މައްޗަށް އުފައްދާފައިވާ ދެފިލްމެވެ.

އޮމަންގް ކުމާރު ތިން ވަނަ އަށް ޑައިރެކްޓްކުރާ ފިލްމު "ބޫމީ" އަކީ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު އެނބުރި ބޮލީވުޑަށް ނިކުންނަ ފިލްމު ކަމަށް ހަބަރުތައް ބުނެ އެވެ.

ބުޝަން ކުމާރުގެ ޓީސީރީޒް އާއި ސަންދީޕް ސިންގް އާއި އޮމަންގް ކުމާރުގެ ޕްރޮޑަކްޝަން ކުންފުނި ލެޖެންޑް ސްޓޫޑިއޯއިން އުފައްދާ މިފިލްމަކީ ބައްޕަ އަކާއި އަންހެން ދަރިފުޅާ ދެމެދު އޮންނަ ވަރުގަދަ ގުޅުން ފެނިގެންދާނެ އަސަރުގަދަ ފިލްމެކެވެ.

ސަންޖޭ ދަތު ޖަލުން މިނިވަންވިތާ އަށް މަސްދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އޭނާ އަލުން ފިލްމީ ދުނިޔެއަށް ނިކުތުމަށް ތައްޔާރުވަމުން އައި ފިލްމު "މާކޯ ބައޫ"ގެ މަސައްކަތް ނުފެށި ލަސްވަމުން ދިއުމުން ސަންޖޭ އެނބުރި އަންނާނީ ކޮންމެ ފިލްމަކާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

"ބޫމީ" އިން ދެއަހަރުގެ މެދު ކެނޑުމަކަށްފަހު އަލުން ފިލްމީ ދުނިޔެއަށް އަންނަކަން ޔަގީންކޮށްދެމުން ސަންޖޭ ވަނީ މިހާ ދުވަސްވަންދެން އަލުން ކުޅޭނެ ފިލްމެއް ނުނިމި ލަސްވީ އޭނާ ބޭނުންވީ ތަފާތު ފިލްމެއް ކުޅެން ކަމަށް ވާތީ އެވެ. އެގޮތުން މިފިލްމަކީ ވަރަށް އަސަރުގަދަ އަދި ބައްޕަ އަކާއި އަންހެން ދަރިފުޅާ ދެމެދު އޮންނަ ގުޅުން ދައްކުވައިދޭނެ ސެންސިޓިވް ޑްރާމާ އެއް ކަމަށް ބުނެފަ އެވެ.

މިފިލްމު ކުޅޭކަން ޔަގީންކޮށްދެމުން އިތުރަށް ސަންޖޭ ވަނީ މިފިލްމާއެކު އޭނާގެ އެނބުރި އައުން ވަރަށް ގަދަފަދަ ވާނެ ކަމުގެ ޔަގީންކަން އޭނާގެ ފޭނުންނަށް ދީފަ އެވެ.

"ބޫމީ" ފިލްމާ ބެހޭ ގޮތުން އިތުރަށް ވާހަކަދައްކަމުން ޑައިރެކްޓަރު އޮމަންގް ކުމާރު ވަނީ މިފިލްމަކީ ޖަޒްބާތުތަކުން ފުރިގެންވާނެ ފިލްމަކަށް ވުމުން ބެލުންތެރިން ރޮއްވާލާނެ ކަަމަށެވެ. އަދި މިފިލްމުން އެނބުރި ފިލްމުކުޅެން ސަންޖޭ ނިންމުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް ބުނެފަ އެވެ.

"ސަންޖޭ އެކްޓަރެއްގެ ގޮތުގައި މޮޅުކަން "ބޫމީ" އިން ބެލުންތެރިންނަށް އެނގިގެންދާނެ" އޮމަންގް ކުމާރު ބުނެފައިވެ އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށާ މިފިލްމުގައި ސަންޖޭ އާއެކު އޭނާގެ އަންހެން ދަރިފުޅުގެ ރޯލުން ފެނިގެންދާނެ ބަތަލާއަކު ހަމަޖައްސާފައިނުވާއިރު މިފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އުއްތަރް ޕްރަދޭޝްގަ އެވެ.

ސަންޖޭ އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2014 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ "ޕީކޭ" އިންނެވެ.