ހަބަރު

އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ބުނެ ނަޝީދުގެ ވަކީލުން މައްސަލަ ދޫކޮށްލައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މައްސަލަ ދޫކޮށްލައިފި އެވެ.

ނަޝީދުގެ ވަކީލުން މިއަދު ނެރެފައިވާ ބަޔާނެއްގައިވަނީ އެ މައްސަލައިގެ ޝަރީއަތުގައި އެކަށީގެންވާ ވަގުތާއި ފުރުސަތު ނުލިބޭތީ ނަޝީދަށް ގާނޫނީ އެހީތެރިކަން އިހްލާސްތެރިކަމާ އެކު ދެވިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެންވެ އެ މައްސަލަ ދޫކޮށްލައި، މިހާރު އެކަން ކްރިމިނަލް ކޯޓަށް އަންގާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ ހުޅުމާލޭ ކޯޓުގައި މައްސަލަ އޮތްއިރު ނަޝީދުގެ މައްޗަށް އުފުލާފައިވަނީ އެހެން ދައުވާއެއް ކަމަށްވާތީ އޭރު ނަޝީދުގެ ފަރާތުން ތައްޔާރުވަމުން ދިޔައީ އެ ދައުވާއިން ދިފާއުވުމަށް ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ދައުވާ އަނބުރާ ގެނެސް، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާތީ އެ ދައުވާއަށް ޖަވާބުދާރީވާން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ފުރުސަތު ނުލިބި ނަޝީދަށް ގާނޫނީ އެހީތެރިކަން ދިނުމަކީ މުސްތަހީލް ކަމެއް (ނުވާނެ ކަމެއް) ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ނަޝީދުގެ ވަކީލުން އެ މައްސަލަ މިއަދު ދޫކޮށްލިއިރު އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ބުނެ ރޭ އޮތް އެ މައްސަލައިގެ އަޑުއެހުން ނަޝީދުގެ ވަކީލުން ވަނީ ބޮއިކޮޓްކޮށްފަ އެވެ. ނަމަވެސް ފަނޑިޔާރުން ވަނީ އެއީ ޝަރީއަތަށް ދަތިކުރުން ކަމަށް ވިދާޅުވެ، އެކަމުގައި ވަކީލުންނާ މެދު ފިޔަވަޅު އެޅުމާ މެދު ވިސްނާނެ ކަމަށް ބުނެފަ އެވެ.

އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިރޭ 8:00 ގައި ބާއްވާއިރު މިރޭގެ އަޑުއެހުމުގައި ވަކީލަކު ނެތަސް މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ރޭގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ. އަބްދުﷲ ގާޒީ ބަންދު ކުރުމުގެ ދައުވާލިބޭ ފަސް ބޭފުޅުންގެ ތެރެއިން އެންމެ ބާރަށް ކުރިއަށް ގެންދަނީ ނަޝީދުގެ މައްސަލަ އެވެ.

ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނެނީ ހިސާން ހުސައިނާއި އަހުމަދު އަބްދުﷲ އަފީފްގެ އިތުރުން އަބްދުﷲ ޝާއިރު އަދި ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.