ހަބަރު

އާބާދީގެ 75 ޕަސެންޓް ހުޅުމާލޭގައި އާބާދު ކުރެވޭނެ: ރައީސް

Mar 9, 2015
1

ހުޅުމާލޭ އެއްކޮށް ނިމުމުން އެ ރަށުގައި ރާއްޖޭގެ އާބާދީގެ 75 ޕަސެންޓް އާބާދު ކުރޭވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން  ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބައްލަވައިލެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ ރައީސް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހި މަސައްކަތުން 95 ޕަސެންޓް ނިމިފައިވާއިރު އަދި 10 ވަރަކަށް ދުވަހުގެ ތެރޭ މުޅިން ބިން ހިއްކާ ނިމެނޭ ކަމަށާއި އެ ބިމުގެ ރިވެޓްމެންޓްގެ މަސައްކަތް އަހަރެއްގެ ތެރޭ ނިންމާލެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހުޅުމާލެއަށް ބަދަލުވާން ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ވެސް ހުޅުވާލާފައިވާ ކަމަށާއި މިހާރުވެސް ބައެއް ރަށްރަށުން ހުޅުމާލެއަށް ބަދަލުވާން ޕެޓިޝަން ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހުޅުމާލެއަށް ބަދަލުވާން ބޭނުންވާ ކުދި އަދި މެދު ފަންތީގެ ރަށްރަށުގެ އާއިލާތަކަށާއި ޒުވާނުންނަށް ހުޅުމާލޭގައި ދިރިއުޅެވޭ ވަރަށް ހުޅުމާލޭގެ ޖާގަ އިތުރުކުރަން ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީ މިހާރު 350،000 ކަމަށް ކިޔާއިރު ހުޅުމާލެ އެއްކޮށް ނިމުމުން 230،000 އާބާދީއެއް އިތުރުވާނެ އެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ 75 ޕަސެންޓް އާހަމައަށް އެ ރަށުން ޖާގަ އުފެއްދޭނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ގާއިމްކުރާ ހައުސިން ޔުނިޓްތަކަކީ ކޮންމެ ގިންތިއެއްގެ ޒުވާނަކަށް ވެސް ގަނެވޭ ފެންވަރުގެ ސްކީމަކަށް ހައްދަވާނެ ކަމަށާއި ޒުވާނުންނަށް އުއްމީދު ދެވޭ ޝޯޝަލް ހައުސިން އަކީ އާމްދަނީއެއް ހޯދަން މަސައްކަތްކުރާނަމަ ކޮންމެ ގިންތިއެއްގެ މީހަކަށް އެފޯޑް ކުރެވޭ ސްކީމަކަށް ހަދައިދެވޭތޯ ބައްލަވާނެ ކަމަށެވެ.