އުމަރު ނަސީރު

އުމަރުގެ ވިސްނުން އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ނުކުތުމަށް

މިނިވަން މަދަނީ ޖަމިއްޔާއަކުން ބާއްވާ ޕީޕީއެމްގެ ޕްރައިމަރީއެއްގައި ނޫނީ ވާދަނުކުރައްވަން އުމަރު ނަސީރު ނިންމަވައިފި އެވެ. މިހާރު ޕީޕީއެމް ހިންގަވަމުން ގެންދަވަނީ އެ ޕާޓީގެ މުޝްތަޝާރު އަދި އެއް މަސްއޫލުވެރިޔާ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ. -- އެއީ ޝަރުއީ ހުރިހާ މަރުހަލާއަކުން މިހާރު ނިމިފައިވާ ކަމަކެވެ.

ޕީޕީއެމް ރިޔާސީ ޕްރައިމަރީ ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު މިއަދު ވިދާޅުވީ، މިހާރު ޕީޕީއެމްގެ ހިންގެވުމުގެ އިސްވެރިއަކީ ރައީސް އަބްދުﷲ ޔާމީން ކަމަށްވުން އެ ޕާޓީން ބާއްވާ ޕްރައިމަރީ ވެގެންދާނީ ރައީސް ޔާމީން އިންތިޒާމްކުރާ ޕްރައިމަރީއަކަށް ކަމަށެވެ. އެހެން ޕީޕީއެމްގެ ޕްރައިމަރީއެއްގައި އޭނާ ވާދަ ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑާ ވާދަކުރާ މީހާ އިންތިޒާމްކުރާ ޕްރައިމަރީއެއްގައި އަޅުގަނޑު ވާދަކޮށްފިނަމަ ކާމިޔާބެއް ނުވާނެ ނޫންތޯ؟ މިސާލަކަށް އަޅުގަނޑު ޕްރައިމަރީ އިންތިޒާމްކުރާނަމަ ރައީސް ޔާމީން ވެސް ބައިވެރިއެއް ނުވާނެ ނޫންތޯ،" އުމަރު ވިދާޅުވި އެވެ. ޕާޓީ ހިންގެވުން ޕީޕީއެމްގެ ކައުންސިލުން ރައީސް އަބްދުﷲ ޔާމީންއާ ހަވާލު ކުރީ، ޕީޕީއެމްގެ ކޮންގްރެސް ބާއްވައި ޕާޓީގެ މަގާމުތަކަށް މީހުން އިންތިހާބު ކުރެވެންދެންނެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ވެރިކަމުގައި ހުންނަވަނީ ޕީޕީއެމްގެ ޓިކެޓެއްގައި ހޮވިފައިވާ ބޭފުޅަކު ކަމުގައިވާ ނަމަ، އެބޭފުޅަކު ދެވަނަ ދައުރެއް ބޭނުންވާ ނަމަ، ޕްރައިމަރީއެއް ބާއްވާނީތޯ ނުވަތަ ނޫންތޯ ނިންމަން ޖެހެނީ ޕާޓީގެ ކޮންގްރެސް އިންނެވެ. ޕްރައިމަރީއެއް ނެތި އެއިރެއްގައި ހުންނަ ރައީސްއަކަށް ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ޓިކެޓް ދޭން ޖެހޭ ކަމަށް ކޮންގްރެސް އިން ފާސްކޮށްފި ނަމަ ޕްރައިމަރީ ބާއްވާކަށް ނުޖެހޭނެ އެވެ. -- ދުނިޔޭގެ ގިނަ ރިޔާސީ ނިޒާމުތަކުގައި ޕާޓީގެ ފަރާތުން ވެރިކަން ކުރައްވާ ބޭފުޅަކު ދެވަނަ ޓާމެއް ބޭނުންވާ ނަމަ އެ ޕްރައިމަރީއަކާ ނުލާ އެ ފުރުސަތުދެ އެވެ.

އުމަރު ވިދާޅުވީ، އެންމެ އަވަހަށް ބާއްވާ ޕީޕީއެމްގެ ކޮންގްރެސްއަކަށް މިނިވަން މަދަނީ ޖަމިއްޔާއެއްގެ ބެލުމުގެ ދަށުން ޕްރައިމަރީގެ އިންތިޒާމްކުރާ ގޮތަށް ގަވާއިދަށް ބަދަލު ގެންނަން ހުށަހަޅުއްވާނެ ކަމަށެވެ.

"ކޮންގްރެސްއަށް އަޅުގަނޑު ހުށަހަޅާނަން ޕްރައިމަރީ އެންޖީއޯއަކުން އިންތިޒާމްކުރުމަށް، ކޮންގްރެސް ގަބޫލުކުރާ އެންޖީއޯއަކަށް، ރާއްޖޭގައި އެބަތިބި ރަނގަޅު އެންޖީއޯތައް، މިސާލަކަށް އަޅުގަނޑު ދަންނަވާކަމަށްވާނަމަ ރިޓަޔަރިން އެސޯސިއޭޝަން، އެއީ ސަރުކާރުން ރިޓަޔާކޮށްފައި ތިއްބަވާ ބޭފުޅުންގެ ޖަމިއްޔާއެއް،" އުމަރު ވިދާޅުވި އެވެ.

ޕްރައިމަރީގައި ނާކާމިޔާބުވާ ފަރާތްތަކަށް އަމިއްލަ ގޮތުން ވެސް އިންތިހާބު ބައިވެރިނުވެވޭ ގޮތް ހެދުމަށް މަޖިލީހަށް ވައްދާފައިވާ ބިލާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ، އެ ބިލަކީ ރަނގަޅު ބިލެއް ކަމަށެވެ.