ހޮލީވުޑް

މެލީނިއާއަށް މަލާމާތް ކުރުމުން ޖީޖީ ހޫނުފެނަށް

Nov 21, 2016

އެމެރިކާގެ ރައީސް ކަމަށް އަލަށް އިންތިހާބުވެ ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން މެލީނިއާ ޓްރަމްޕް ވާހަކަފުޅު ދައްކާ ގޮތަށް މަލާމާތްކުރުމުން އެމެރިކާގެ މަޝްހޫރު މޮޑެލް ޖީޖީ ހަޑީޑް ހޫނުފެނަށް ވެއްޓިޖެ އެވެ.

އެމެރިކަން މިއުޒިކް އެވޯޑް ޝޯގައި ވާހަކަ ދައްކަމުން މެލީނިއާ ޓްރަމްޕް ވާހަކަފުޅު ދައްކާ ގޮތަށް މަލާމާތް ކުރަމުން ޖީޖީ 21، ބުނެފައިވަނީ "އަހަރެން އަހަރެންގެ ފިރިމީހާ ރައީސް ބަރަކް އޮބާމާ ދެކެ ވަރަށް ލޯބިވޭ. އަދި އަހަރުމެންގެ ދަރިން ޝާޝާ އަދި މާލިއާ،" މިހެނެވެ.

އެހެން ޖީޖީ ބުނި އިރު އޭނާގެ ތުންފަތާއި މޫނަށް މެލީނިއާ ވާހަކަފުޅު ދައްކަވާއިރު ހުންނަވާ ސިފަ ގެންނަ ފަދަ ގޮތްތަކެއް ދައްކާފައިވެއެވެ. އަދި އޭނާ ވާހަކަ ދައްކަނީ ވެސް ފޭކް އީސްޓަން ޔުރަޕިއަން ބަހުންނެވެ.

މިލޭނިއާ އަށް މަލާމަތްކޮށް ޖިޖީ ވާހަކަ ދެއްކުމުން ސޯޝަލް މީޑިއާގައި ޖީޖީގެ އަމަލު ކުށްވެރިކޮށް ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެ އެވެ. އަދި މެލީނިއާއަކީ އެމެރިކާގެ ރައީސްގެ އަނބިކަނބަލުން ކަމަށާއި ޖިޖީ ވާހަކަދެއްކީ އެއްވެސް އިހުތިރާމް ކުރުމެއްނެތި ކަމަށް ބުނެ ފާޑު ކިޔާފައިވާއިރު އަދި ޖިޖީ އަށް ކުރި އިހުތިރާމް ގެއްލިފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ޓްވީޓް ކޮށްފައިވެ އެވެ.

މިލޭނިއާ އަށް ޖިޖީ މަލާމާތްކޮށް ވާހަކަ ދައްކާފައިވާއިރު، މީގެ މަސްތަކެއް ކުރިން މިލޭނިއާ ވިދާޅުވެފައި ވަނީ މީހުންނަށް މަލާމާތްކޮށް ހަޖޫޖަހާ ހަނގާކުރުން (ބުލީ) ސަގާފަތަށް ވެއްޖެ ކަމަކަށެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޓްރަމްޕްގެ ކެމްޕެއިން ރެލީ އެއްގައި ވާހަކަފުޅު ދައްކަމުން، މިޝެއިލް އޮބާމާ ދެއްކެވި ވާހަކަ ކޮޕީކޮށްގެން އެވާހަކަ ދެއްކުމުން ވެސް މިލޭނިއާ އަށް ވަނީ ސޯޝަލް މީޑިއާތެރޭގައި ވަރަށް ބޮޑަށް މަލާމާތްކޮށް ހަޖޫޖަހާފަ އެވެ.

މިލޭނިއާއަށް މަލާމަތްކޮށް އެމެރިކަން މިއުޒިކް އެވޯޑް ޝޯގައި ޖީޖީ ވާހަކަ ދައްކާފައިވާއިރު، އޭނާއާއެކު އަރާ ހުރި ޖޭ ފާރޯހް ވެސް ވަނީ ޓްރަމްޕަށް މަލާމަތް ކޮށް ވާހާކަ ދައްކާފަ އެވެ.