ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތުގެ މިރޭގެ އަޑުއެހުން ނަޝީދުގެ ދިފާއީ ވަކީލެއް ނެތި ކުރިއަށް ގެންގޮސް، އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ކޯޓުން މިރޭ ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތުގައި ދިފާއީ ވަކީލުންނަށް އެކަށީގެންވާ ފުރުސަތާއި ވަގުތު ނުލިބޭ ކަމަށް ބުނެ އެ ވަކީލުން ވަނީ އެ މައްސަލަ ދޫކޮށްލައިފަ އެވެ. އަދި އެކަން ކޯޓަށް ވެސް ވަނީ އަންގައިފަ އެވެ.
މިރޭގެ އަޑުއެހުން ފެށުމާ އެކު އެންމެ ފުރަތަމަ ވެސް ނަޝީދު ވަނީ އެމަނިކުފާނުގެ ވަކީލުން ނެތް ކަމަށް ވިދާޅުވެ، ވަކީލުން ހަމަޖައްސަން ފުރުސަތު ދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ވަކީލަކު ނެތަސް މިރޭގެ އަޑުއެހުން ކުރިއަށް ގެންދާނެ ކަމަށާއި ވަކީލަކު ހޯދަން ބޭނުން ނަމަ އެ ފުރުސަތު ނަޝީދަށް މިހާރު ވެސް އޮންނާނެ ކަމަށެވެ.
ވަކީލުން ނެތީސް މައްސަލަ ކުރިއަށް ނުގެންދިއުމަށް ނަޝީދު ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ދަނިކޮށް ވެސް ފަނޑިޔާރުން ވަނީ މިރޭގެ އަޑުއެހުމުގައި ކުރިއަށް ގެންދަން ނިންމާފައި އޮތް ވީޑިއޯ އާއި އޯޑިއޯ ހެކިތަކުގެ އިތުރުން ލިޔުންތަކާ ބެހޭގޮތުން ވާހަކަ ދެއްކުން ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން ނަޝީދު އުސްފަސްގަނޑާއި ރާޅުގަނޑު ސަރަހައްދުގައި ދައްކާފައިވާ ވާހަކަ ހިމެނޭ ވީޑިއޯ ދެ ފުޓޭޖަކާއި ފުލުހުންނާ ބައްދަލު ކުރައްވާ ނަޝީދު ދެއްކެވި ވާހަކައިގެ އޯޑިއޯއެއްގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯ ވެސް މިރޭގެ އަޑުއެހުމުގައި ދެއްކި އެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކާ ބެހޭގޮތުން ވެސް މިރޭގެ އަޑުއެހުމުގައި ވަނީ ހުރިހާ ވާހަކައެއް ދައްކައި، ނިންމައިފަ އެވެ.
އެއިން ކޮންމެ ހެއްކަކާ ބެހޭގޮތުން ވަކިވަކިން ދައުލަތުން ވާހަކަ ދެއްކުމަށް ފަހު އެ ހެއްކަކާ ބެހޭގޮތުން ވާހަކަ ދައްކަން ނަޝީދަށް ފުރުސަތު ދޭ ކޮންމެ ފަހަރަކު ވެސް އެމަނިކުފާނު އެދިވަޑައިގަންނަވަމުން ގެންދެވީ ވަކީލެއްގެ އެހީތެރިކަން އެމަނިކުފާނު ބޭނުންވާ ކަމަށެވެ. އަދި އެއީ ޝަރީއަތެއް ނޫން ކަމަށާއި އެމަނިކުފާނާ މެދު ކަންކަން ކުރަމުންދަނީ ބޭ އިންސާފުން ކަމަށް ވެސް ތަކުރާރުކޮށް މިރޭގެ އަޑުއެހުމުގައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ފަރާތުން ކުރިން ހުށަހަޅާފައިވާ ދިފާއީ ހެކިންނާ ބެހޭގޮތުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ ހެކިންނަކީ ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަފީ ކުރެވޭވަރުގެ ހެކިން ނޫން ކަމަށާއި އެހެންވެ އެ ހެކިވެރިން ހާޒިރު ކުރެވެން ނެތް ކަމަށެވެ. އަދި ދައުލަތުގެ ހެކިވެރިންގެ ތެރޭގައި ހިމެނޭ އިސްގާޒީ އަބްދުﷲ މުހައްމަދު ހާޒިރު ނުކުރިޔަސް މައްސަލައެއް ނެތް ކަމަށް ދައުލަތުން ބުނި ނަމަވެސް އޭނާ ހާޒިރުކުރަން ޝަރީއަތުން ބޭނުންވާ ކަމަށާއި އެހެންވެ އެކަން ކުރާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.
އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން މާދަމާ ރޭ އޮންނާނެ އެވެ.