އެމްއެމްއޭ

ޑޮލަރު ކިއޫ ގެއްލިއްޖެ، މިހާރު މާފަސޭހާ!

ފަތިހާ ހޭލައިގެން އަވަސްވެ ގަންނަނީ ބެންކާ ދިމާއަށް ދިޔުމަށެވެ. ދަމާލާފައި އޮންނަ ދިގު ޑޮލަރު ކިއޫގައި ގިނަ އިރު މަޑު ކުރުމުގެ ބަދަލުގައި އެ ކިއޫ އިން އެންމެ ކުރި ހޯދުމުގެ އުންމީދުގަ އެވެ. ނަމަވެސް ޓިކެޓަށް ޑޮލަރު ގަތުމަށް އޮންނަ ކިއު ފެނި ހައިރާންވެއެވެ. އެހާ ފަތިހުވެސް ކިއުގައި ތިބޭ މީހުންގެ އަދަދު އެހާ ގިނަ އެވެ. މިއީ ގިނަ ބަޔަކު ތަޖުރިބާކޮށްފައި ވާނެ ކަމެކެވެ.

ބޮޑު ޗުއްޓީއަށް ބޭރު ގައުމަކަށް ދިޔުމަށް ޑޮލަރު ގަތުމަކީ ގިނަ ވަގުތުތަކެއް ހޭދަވާ ބުރަ ކަމެކެވެ. ނަމަވެސް މައްސަލައަކީ ހަމައެކަނި ގިނަ ވަގުތު ހޭދަވުމެއް ނޫނެވެ. އެ ކިއޫގައި ބިދޭސީން ބައިތިއްބައިގެން ޑޮލަރު ހޯދާ މީހުންވެސް މަދެއް ނޫނެވެ. އޭގެ ސަބަބުން މަސްލަހަތު ގޯސްވެ އެވެ. އަދި ކުރިން ބޭންކަށް ގޮސް ކިއޫގައި ތިބި މީހުންނަށް ނަންބަރު ވިއްކާ މީހުންވެސް އުޅެއެވެ. ޑޮލަރު ގަތުން ވަނީ މިފަދަ ގިނަ މައްސަލަތަކާއެކު މަސްހުނިވެފައެވެ. އެކަން ވެގެން ދަނީ ގިނަ ބަޔަކަށް ބޮލުގަ ރިހުމަކަށެވެ.

"ޑޮލަރު ގަންނަން އެތައް ގަޑިއިރެއް ކިއޫގައި ތިބެން ޖެހޭ. އަޅުގަނޑު ގަބޫލު ކުރަނީ ރައްޔިތުންނަށް ހިދުމަތެއް ދޭ ކަމަށް ވަނީނަމަ އެއަށް ވުރެ ފުރިހަމަ އިންތިޒާމްތަކެއް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށް. އަދި ޑޮލަރުގެ މި މައްސަލަ އޮންނަތާ ވެސް އެހާ ދުވަސް. ބޮޑު ކިއުއެއް އޮންނާނެ ކަން އެނގި ހުރި ކުރީ ބައިގައި ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖެހެން ޖެހޭ. އަދި ނަންބަރު ވިއްކުން ފަދަ ކަންތައްތައް ހުއްޓުވެން ޖެހޭ،" ޓިކެޓަށް ޑޮލަރު ގަންނަން ދާ މީހަކު އޭނާގެ ވާހަކަ ކިޔައިދިނެވެ.

ކޮންމެއަކަސް އެ މައްސަލަ ހައްލު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން މިހާރު ވަނީ ޑޮލަރު ވިއްކުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެއްސައެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ އަހަރު ޖެނުއަރީ ހަތް ވަނަ ދުވަހާ ހަމަޔަށް ޑޮލަރު ވިއްކާނީ އެ އެމްއެމްއޭއިން ކަމަށް އެ އޮތޯރިޓީއިން ކަނޑައެޅިއެވެ.

ގަވަނަރު އަޒީމާ އާދަމް ވިދާޅުވި ގޮތުގައި އެމްއެމްއޭއަށް ޑޮލަރު ގަންނަން ދިއުމުން ޑޮކިއުމަންޓްތައް ސައްހަތޯ ޔަގީން ކުރުމަށް ފަހު ޑޮލަރު ދޫކުރަން ނަމްބަރެއް ދޭނެ އެވެ. ކިޔޫގައި ހުރުމުގެ ބަދަލުގައި އެހެން ވަގުތެއްގައި ޑޮލަރު ބަލައި ދިއުމުން އެކަން ހަމަޖެހޭނެ އެވެ. މީގެ ކުރިން ޑޮލަރު ދޫކުރި ވަރަށް ވުރެ ގިނައިން މި ބަދަލާއި އެކު ޑޮލަރު އާންމުންނަށް ދޫކުރެވޭނެ އެވެ.

ގަވަނަރު އެ ވިދާޅުވާ ވާހަކަތަކާ އެއްގޮށް މި ބަދަލާއެކު ހަގީގަތުގައި ވެސް ޑޮލަރު ގަތުމުގެ މައްސަލަތައް ހައްލުވެގެން ދާނެ ހެއްޔެވެ؟ އަދި ކުރިޔަށް ވުރެ ގިނަ މީހުންނަށް ޑޮލަރު ގަންނަން ލިބުމުގެ ކިހާ ފުރުސަތެއް އެބައޮތްހެވެ؟

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިދިޔަ އާދީއްތަ ދުވަހު 535 މީހުން ޑޮލަރު ގަންނަން އެމްއެމްއޭއަށް ދިޔައެވެ. އަދި 1629 ޓިކެޓަށް ޑޮލަރު ދޫކުރި އިރު އެމްއެމްއޭއިން ޖުމްލަ 802،125 ޑޮލަރު ދޫކޮށްފައިވެއެވެ. މިއީ ބެންކުތަކުން ދުވާލެއްގެ މައްޗަށް ދޫކުރާ އަދަދަށް ވުރެއް ގިނަ އަދަދެކެވެ.

އަދި އެހާ ގިނަ މީހުންނަށް ޑޮލަރު ދޫކުރުމުގައި މިހާރުގެ ނިޒާމް އާ މެދު އާންމުން ދެކޭ ގޮތްވެސް ސުވާލުކޮށްލީމެވެ،

ގިނަ ބަޔަކު މިހާރު ބުނާ ގޮތުން ޑޮލަރު ގަތުމުގެ ނިޒާމް މިހާރު ބޮޑު ތަނުން ފުރިހަމަ އެވެ. ބޭނުންވާ ޑޮލަރު ކުޑަ އިރުކޮޅެއް ތެރޭގައި ހަމަޖެހި ކިއޫގައި މަޑުކުރަން ނުޖެހޭތީ އެވެ. އަދި ކުރިން ދިމާވާ ގިނަ މައްސަލަތަކާ މަގުމަތީގައި ދުއްވާތަކެއްޗައް ވެސް އުނދަގޫވާ ގޮތަށް ތިބެން ނުޖެހުން ވެސް ބައެއް މީހުން ފާހަގަ ކުރެ އެވެ.

"ޑޮލަރު ގަންނަން ވަރަށް ފަސޭހަވެއްޖެ. މިއީ ކުރިން ވަރަށް އުނަގޫ ގޮތަކަށް އެއްވެސް ރޭވުމަކާ ނުލާ ކުރިޔަށްދާ ކަމެއް. ކުރިންވެސް މި އުސޫލު އޮތް ނަމަ އެތަށް އުނދަގޫތަކަކާ ކުރިމަތިލާން ނުޖެހުނީސް. ވަރަށް އުފާވެއްޖެ މި ބަދަލަށް،"

ޑޮލަރު ގަންނަން ދާ މީހުންނާ ވާހަކަ ދައްކާލުމަށް އެމްއެމްއޭއަށް ވަން އިރު އެއް ކަމެއް ފާހަގަވި އެވެ. ކޮންމެ ކަމެއްގައިވެސް އިދިކޮޅަށް މައްސަލައެއް ޖައްސާ މީހުން އުޅޭއިރު ވެސް މި އިޝޫގައި ދެކޮޅަށް ވާހަކަދައްކާނެ އެންމެ މީހަކުވެސް ނުވި އެވެ. ކޮންމެ މީހަކުވެސް ޑޮލަރު ހިފައިގެން ނުކުންނަނީ ވަރަށް ހަމަޖެހިގެނެވެ. އަދި ކުރިޔަށް އޮތްތާގައިވެސް މިފަދަ ފަސޭހަ އުސޫލެއްގެ މަތިން ޑޮލަރު ދޫކުރާނެކަމަށް އުންމީދު ކުރަމޭ ބުނަމުންނެވެ.

ތޮއްޖައްސައި ޑޮލަރު ކިއޫ ހެދުން ނިމުމަކަށް އައީއެވެ. އެމްއެމްއޭއިން ނިންމާފައި ވަނީ އަންނަ އަހަރުން ފެށިގެން ޑޮލަރު ވިއްކުން އެއާޕޯޓަށް ބަދަލު ކުރުމަށެވެ. އޭގެ ސަބަބުން ޕެސެންޖަރުންނަށް ސީދާ އެއާޕޯޓުން ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ އެވެ. އަދި ޑޮލަރު ގަނެ ފަހުން ޓިކެޓު ކެންސަލް ކުރާ ފަރާތްތަކަށް އޮތް ދޮރުވެސް ބަނދުވާނެ އެވެ.