ހަބަރު

މީރާއްޖެ އިސްލާމްވި ފަހުން ހިންގާ އެންމެ ބޭއިންސާފު ޝަރީއަތް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތަކީ ޚުދު މުޚުތާރު ކަމާ އެކު ހިންގާ ބޭ އިންސާފު ޝަރީއަތެއް ކަމަށް އެމަނިކުފާނު މިރޭ ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ މިރޭގެ އަޑުއެހުމުގައި ނަޝީދު އެގޮތަށް ވިދާޅުވީ އެމަނިކުފާނުގެ ދިފާއީ ވަކީލުން ނެތީސް މިރޭގެ ޝަރީއަތް ކުރިއަށް ގެންދަން ފެށުމުންނެވެ. ނަޝީދުގެ ވަކީލުންގެ ގޮތުގައި ކުރިން ތިއްބެވި ހަތަރު ބޭފުޅުން ވެސް ވަނީ އެކަށީގެންވާ ވަގުތު ކޯޓުން ނުދޭ ކަމަށް ބުނެ އެ މައްސަލަ ދޫކޮށްލައިފަ އެވެ.

މިރޭ ކުރިއަށް ގެންދިޔައީ ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމެންޓް ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. އެއިން ކޮންމެ ހެއްކަކާ ބެހޭގޮތުން ދައުލަތުން ވަކިވަކިން ވާހަކަ ދެއްކުމަށް ފަހު ނަޝީދަށް ފުރުސަތު ދޭ ކޮންމެ ފަހަރަކު ވެސް އެމަނިކުފާނު ވަނީ އެމަނިކުފާނަށް ވަކީލަކު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ބޭ އިންސާފުވެރި ޝަރީއަތެއް ކަމަށާއި އެކަން ކުރަނީ އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި ތިއްބެވި ފަނޑިޔާރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މި ބޭ އިންސާފު ހިންގުމުގައި ހުންނެވީ ރިޔާސަތުގައި އިންނެވި ތިޔަ އިއްޒަތްތެރި ފަނޑިޔާރު. މިކަމުގައި ދިވެހިން އިންސާފު ހޯދާނެ." ރިޔާސަތުގައި އިންނެވި ގާޒީ އަބްދުﷲ ދީދީއަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެ އިސްލާމްވި ފަހުން މިއަށް ވުރެ ބޭ އިންސާފު ކަމެއް މިހާތަނަށް ހިނގާފައި ނުވާ ކަމަށާއި ފަނޑިޔާރުން އަމަލު ކުރަމުންދަނީ ޚުދު މުޚުތާރުކަމާ އެކު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެ ތިން ފަނޑިޔާރުން ދަނީ ގާނޫނު އަސާސީ ވީދާލަމުން ކަމަށާއި ރައްޔިތުން ނިކުމެ އެ ތިން ފަނޑިޔާރުން ޖަވާބުދާރީ ކުރުވަން ވެސް ނަޝީދު މިރޭ ތަކުރާރުކޮށް ގޮވާލެއްވި އެވެ. ރައްޔިތުން ނިކުމެ އެ ފަނޑިޔާރުންތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.

ފަނޑިޔާރުންނަށް ނިސްބަތްކޮށް ނަޝީދު ތަކުރާރުކޮށް އެހެން ވިދާޅުވި ނަމަވެސް ފަނޑިޔާރުން ވަކި އެއްޗެއް ވިދާޅުނުވެ މައްސަލަ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިރޭގެ އަޑުއެހުން ފެށުމާ އެކު އަޑުއެހުން ނިމެންދެން ހެން ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ނަޝީދު ވަނީ އެމަނިކުފާނަށް ވަކީލަކު ހަމަޖައްސަން ފުރުސަތު ދެއްވުމަށާއި ވަކީލުން ނެތީސް މައްސަލަ ކުރިއަށް ނުގެންދަން އެދިވަޑައިގެންފަ އެވެ. ނަމަވެސް ފަނޑިޔާރުން ވަނީ އެއަށް ޖަވާބު ދެއްވުމެއް ނެތި އަޑުއެހުން ކުރިއަށް ގެންގޮސްފަ އެވެ.

ވަކީލުން ނެތީސް މިރޭގެ އަޑުއެހުން ކުރިއަށް ގެންދަން ފެށުމުން ނަޝީދު ވަނީ އެކަމަށް ދެކޮޅު ހައްދަވައި، އެމަނިކުފާނަށް ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށް އެދިފަ އެވެ. އެމަނިކުފާނު އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުން ހުއްޓާލީ ވެސް ފިޔަވަޅު އަޅާނެކަމުގެ ފަހުގެ އިންޒާރު ފަނޑިޔާރުން ދެއްވުމުންނެވެ.

ވަކީލެއްގެ އެހީތެރިކަން ދިނުމަށް ނަޝީދު ތަކުރާރުކޮށް އެދިވަޑައިގަންނަމުންދާތީ ދައުލަތުން ވެސް ވަނީ އެކަމުގައި އިއުތިރާޒެއް ނެތް ކަމަށް އަމިއްލަ އަށް ބުނެފަ އެވެ. ނަމަވެސް ފަނޑިޔާރުން ވިދާޅުވީ އެކަމުގައި ގޮތެއް ނިންމާފައިވާ ކަމަށާއި އެހެންވެ އަޑުއެހުން ކުރިއަށް ގެންދާނެ ކަމަށެވެ.

އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން މާދަމާ ރޭ އޮންނައިރު އެ ޝަރީއަތުގައި އޮންނާނީ އިސްގާޒީ އަބްދުﷲ މުހައްމަދު ހާޒިރުކޮށް، ހެކިބަސް ނެގުމެވެ.