ޔޫރަޕްގެ ފުޓްބޯޅައިގައި މިއަހަރަކީ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ފްރާންސްގެ އެންޓޯނިއޯ ގްރިއެޒްމަންގެ އަހަރެކޭ ދެންނެވިދާނެ އެވެ. ޔޫރަޕްގެ އެންމެ ބޮޑު ދެ މުބާރާތުގެ ފައިނަލުގައި ވާދަ ކުރީ މި ދެ ކުޅުންތެރިން ނިސްބަތްވާ ދެ ޓީމެވެ.
އެ ދެ ފައިނަލުގައި ވެސް ގްރިއެޒްމަންގެ މައްޗަށް ކާމިޔާބު ހޯދީ ރޮނާލްޑޯ އެވެ. ޔޫއެފްއާ ޗެމްޕިއަންސް ގްރިއެޒްމަންގެ އެތުލެޓިކޯ މެޑްރިޑާ ވާދަކޮށް ގެންދިޔައީ ރޮނާލްޑޯގެ ރެއާލް މެޑްރިޑެވެ. މިއަހަރު ބޭއްވި ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ގްރިއެޒްމަންގެ ފްރާންސްގެ މައްޗަށް ކުރި ހޯދީ ރޮނާލްޑޯގެ ޕޯޗްގަލް އެވެ. ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯ ހޯދީ ގްރިއެޒްމަންއާ ވާދަކޮށެވެ.
މި ދެކުޅުންތެރިންގެ ވާދަ ވެރިކަން ދަނޑު މަތީގައި އޮތް ނަމަވެސް ދަނޑު ބޭރުގައި އެއީ ވާދަވެރިކަން ނެތް ސަމާސާ ދެ މީހުންނެވެ. ދަނޑުން ބޭރުގައި މި ދެކުޅުންތެރިންގެ މެދު ސަމާސާގެ ކުރިމަތިލުމެއް ހިނގާފައިވާކަން ފްރާންސްގެ ކުޅިވަރު މަޖައްލާއެއް ކަމަށްވާ "ފްރާންސް ފުޓްބޯލް" އަށް ރޮނާލްޑޯ ވަނީ ބުނެދީފަ އެވެ.
ރޮނާލްޑޯ ބުނި ގޮތުގައި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޗުއްޓި ހޭދަ ކުރުމުގައި އުޅެނިކޮށް އެމެރިކާގެ ފްލޮރިޑާގެ މިއާމީއިން ގްރިއެޒްމަން އާއި ރޮނާލްޑޯ ވަނީ ބައްދަލުވެފައެވެ.
"މުބާރާތް ނިމުނުތާ ކުޑަ ދުވަސް ކޮޅެއް ފަހުން އަހަންނަށް ފެނުނު ގްރިއެޒްމަން އާއި އޭނާގެ ލޯބިވެރިޔާ މިއާމީގެ ހޮޓަލަކުން! އޭނާ އައިސް އަހަންނަ ހަލޯ އޭ ގޮވާލި އަދި ހެވިލާފައި އޭނާ ބުނީ ކްރިސްޓިއާނޯ އޭ އަހަރެން ކަލޭ ދެކެ ރުޅި އާދެއޭ!" މިއަދު ނެރެން ހަމަޖެހިފައިވާ މަޖައްލާއަށް ދިން އިންޓަވިއުގައި ރޮނާލްޑޯ ބުނެފައިވެއެވެ.
ރޮނާލްޑޯ ބުނީ ގްރިއެޒްމަން އަކީ މެޑްރިޑްގައި އޭނާގެ އަވަށްޓެރިއެއް ކަމަށެވެ.
"މެޑްރިޑްގައި އޭނާ [ގްރިއެޒްމަން] އަކީ އަހަރެންގެ އަވަށްޓެރިއެއް އޭނާ ވަނީ މިދިޔަ ސީޒަންގައި ވަރަށް މޮޅަށް ކުޅެފަ ނަމަވެސް ދެ ފައިނަލުގައި ވެސް ނާކާމިޔާބުވީ، އެކަމަކު ގްރިއެޒްމަން އަކީ ވަރަށް ރަނގަޅު މީހެއް،"
އިންޓަވިއުގައި ރޮނާލްޑޯ ބުނީ މި އަހަރުގެ ބެލަންޑޯ އެވޯޑް ލިބުން އެންމެ ކައިރި ކުޅުންތެރިޔަކީ އޭނާ ކަމަށާއި އެއީ މިއަހަރު ޔޫރަޕްގެ ދެ މުބާރާތުގައި ހޯދި ކާމިޔާބުގެ ސަބަބުން ކަމަށެވެ.