ބިދޭސީން

މީހުން ޓްރެފިކް ކުރި ތިން ބިދޭސީއަކު 10 އަހަރަށް ޖަލަށް

Nov 22, 2016
  • މިއީ ގާނޫނުގެ ދަށުން ހުށަހެޅި ފުރަތަމަ މައްސަލަ
  • ޓްރެފިކް ކޮށްފައިވަނީ ބަންގުލޭދޭޝް އަންހެނެއް

މީހުން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި ތިން ބިދޭސީއަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ. މީހުން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ޖަލު ހުުކުމް އައިސްފައި ވަނީ ބަންގްލަދޭޝްގެ ތިން މީހެއްގެ މައްޗަށެވެ. އެއީ އެމްޑީ ސައިމް މޮއްލާ 38، އާއި ޢަބްދުލް މަލަކު32، އާއި ބާދުޝާ 46، އެވެ.

މި ތިން މީހުންގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ ޑިސެމްބަރު 7، 2013 ގައި ބަންގްލަދޭޝް އަންހެނަކު ރާއްޖެ ގެނެސް އޭނާ ޓްރެފިކް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުށް ސާބިތުވެގެނެވެ. ޝަރީއަތުން އެ ދައުވާ ބެލުމަށްފަހު ކްރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ ޙުކުމްގައި ބުނަނީ ބަންގްލަދޭޝްގެ ރައްޔިތަކު މާލެގެނެސް އޭނާ ޓްރެފިކްކުރުމުގަ ދަޢުވާ ލިބޭ ތިން މީހުން އެންމެ ފުރިހަމަގޮތުގައި ބައިވެރިވެފައިވާކަން ހެކިތަކާއި ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، މީހުން ޓްރެފިކްކުރުމުގެ ކުށުން ބާދުޝާ އާއި އެމްޑީ ސައިމް މޮއްލާ އާއި އަބްދުލްމަލަކު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އުބާތެއްގެ ގޮތުން ތިން މީހުންކުރެ ކޮންމެ މީހަކު 10 އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމް ކުރާ ކަމަށެވެ.

މިއީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު 2013 ވަނަ އަހަރު ވުޖޫދަށްއައުމަށްފަހު ހިއުމަން ޓްރެފިކުރުމާއި ގުޅޭގޮތުން ފުލުހުންނަށް ހުށަހެޅުނު އަދި ތަހުގީގު ނިންމާ ދައުވާކުރަން ފޮނުވި މިފަދަ ފުރަތަމަ މައްސަލައެވެ.