ހަބަރު

މާލިއްޔަތު ގަވާއިދަށް ކޮމިޓީއިން ރުހުން ދީފި

ދައުލަތުގެ މާލިއްޔަތު ގަވާއިދު ފިނޭންސް މިނިސްޓްރީއިން ހުށަހެޅި ގޮތަށް ގެޒެޓް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ފާސް ކޮށްފި އެވެ. އެގޮތަށް ފާސް ކުރީ އެ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދު މުރާޖާ ކުރެއްވުމަށް ފަހު ގަވައިދު ގެޒެޓު ކުރުމާ މެދު މާލިއްޔަތު ކޮމިޓީގެ ލަފަޔަށް ފިނޭންސް މިނިސްޓްރީ އިން އެދިފައިވަނީ މިއަހަރުގެ އޭޕްރިލް މަހު ކުރީކޮޅުގަ އެވެ. ނަމަވެސް މިހާތަނަށް މި މައްސަލަ ކޮމިޓީއިން ނިންމާފައެއް ނުވެ އެވެ. އަދި މިއަދު ބޭއްވި ކޮމިޓީގައި މާލިއްޔަތު ގަވާއިދާ މިހާރު އޮތް ގޮތާ މެދު ބައެއް މެންބަރުންގެ ހުރި އިތުރު ކަނބޮޑުވުންތައްވެސް ފާހަގަ ކުރެއްވި އެވެ.

އެގޮތުން ރިޔާޒު ރަޝީދު ވިދާޅުވީ މާލިޔަތު ގާނޫނުން މިހާރު ބުނާ ގޮތުން ބައެއް ބިޑްތަކަށް ކުރިމަތި ލުމުގައި އަމިއްލަ ކުންފުނިތަކަށް މައްސަލަތަކެއް ހުންނަ ކަމަށާއި އެކަންކަމަށް ހައްލެއް ލިބެން ޖެހޭ ކަމަށެވެ.

"ވަކި އަދަދަކަށް ވުރެއް މައްޗައް ހުންނަ ޕްރޮޖެކްޓުތައް މި ޖެހެނީ ޓެންޑާ ބޯޑަށް ދާން. އެ ބޯޑުން އަމަލު ކުރާ އުސޫލުތައް ވެސް އެނގެން ޖެހޭ އެބަ. އެމީހުންގެ މިންގަނޑުތަކަކީ ކޮބައިތޯ ބަލަން ޖެހޭ. ރާއްޖޭގެ މި ހިނގާ ގިނަ ޕްރޮޖެކްޓުތައް އެންމެ ކުންފުންޏަކަށް ދީ ނިންމައިފި. އެ ޕްރޮޖެކްޓުތައް ހެދުމަށް ގާބިލިއްޔަތުކަން އެބަހުރިތޯވެސް ސުވާލު އުފެދޭ. އެ މުއްދަތަށް މަސައްކަތް ނުނިމުނީމަ ދެން ކުރާނެ ކަމެއްވެސް ނޯނެ. އެހެންވެ މިއީ މަސައްލަތައް ހައްލު ކުރަން ޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ މުއައްސަސާތަކުން ކުރަމުން އަންނަ ހަރަދުތައް މިހާރު އޮތް ވަރަށް ވުރެއް މައްޗައް ޖައްސާލާފައިވާ ކަމަށެވެ. އެހެންވީމަ އެކަމާ ގުޅިގެން އިތުރަށް ދެވިދާނެ ފުރުސަތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ ހާޒިރު ކުރަން އެދޭ ކަމަށެވެ. އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްވެސް ވަނީ އެ އިސްލާހުގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށްފައެވެ.

އެހެން ނަމަވެސް އެމްޑީޕީ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ މާލިއްޔަތު ކޮމިޓީގައި މި މަސައްކަތް އޮންނަތާ އެތަށް މަސްތަކެއް ހޭދަވެފައިވާ އިރު އޭގެ ސަބަބުން ދައުލަތުގެ މާލީ އިދާރާތަކެއް ބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން މި އިސްލާހު އޮތްގޮތަށް ފާސްކުރުމަށް ގަފޫރު ހުށަހެޅިއެވެ.

"ކޮމިޓީގައި މި މަސައްކަތް އޮންނަތާ އެތަށް މަހެއްވެއްޖެ. އަޅުގަނޑުމެންނާއ ހެދި ދައުލަތުގެ މާލިއްޔަތުން ކުރަން ޖެހޭ ކަންކަން ނުކުރެވި މި އޮތީ. އަޅުގަނޑު ހުށަހަޅަން މި އޮތްގޮތަށް ފާސްކުރަން. އަދި މައްސަލައެއް އޮވެއްޖެއާ އަލުން ރީވިޒިޓްކޮށް ގަވައިދު ބަދަލު ކުރެވިދާނެ. މިއީ ބަދަލު ކުރެވޭނެ އެއްޗެއް. ނަމަވެސް ހަ މަސް ހަތް މަސް ވެފައިވާއިރު މި އިސްލާހު މިތާ ތާށިވެފައި އޮތްތުމުން ދައުލަތަށް ދަތިތަކެއް ވާނެ،" އަބްދުލް ގަފޫރު ވިދާޅުވި އެވެ.

ގަފޫރުގެ މި ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީގެ ހުރިހާ މެންބަރުން ތާއީދު ކުރިއެވެ. އަދި މެންބަރުންގެ އިއްތިފާގުން ފާސްވީ ދައުލަތުގެ މާލިއްޔަތު ގަވައިދު ގެޒެޓު ކުރުމަށް އިއުތިރާޒެއް ނެތް ކަމަށް އަދި ބޭނުންވާ މައުލޫމާތެއް ހޯދަން ޖެހިއްޖެ ނަމަ އިދާރާތަކުން ހޯދާ ނިންމުމަށެވެ.

އޭގެ އިތުރުން މާލިއަތު ކޮމިޓީއިން މިއަދު ވަނީ އޮޑިޓާ ޖެނަރަލް އޮފީހުގެ އޮޑިޓު ކުރެއްވުމަށް މިނިވަން އޮޑިޓަރެއް ކަނޑައެޅުމަށް ވެސް އެޖެންޑާކޮށްފައިވެއެވެ. އެކަމަށް ރިޔާޒު ހުށަހެޅުއްވީ އޮޑިޓު އޮފީހުގެ އޮޑީޓެއްކޮށްދެއްވުމަށް އިއުލާން ކުރެއްވުމަށާއި އަދި ލިބޭ ޕްރޮޕޯސަލްތައް ބަލާ ގޮތެއް ނިންމުމަށެވެ. އެ ހުށަހެޅުމަށް ކޮމިޓީގައި ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުންވެސް އިއްތިފާގުވެ އެވެ.