ދިވެހި ސިނަމާ

އޮލިމްޕަސް ނުލިބެނީތަ؟ އަޅުވާނެ ފިލްމެއްތަ ނެތީ؟

ފިލްމީ ދާއިރާގެ ކަމެއް ގޯސްވާއިރަށް ނުވަތަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ހިތްހަމަނުޖެހޭ ކަމެއް ދިމާވާއިރަށް އަބަދުވެސް ކަތިލަން ތައްޔާރުކޮށްފައި ހުންނަ ތަނަކަށް އޮލިމްޕަސްވެފައި އޮންނަތާ މިހާރު އެތައް ޒަމާނެކެވެ. ފިލްމެއް ގޯސްވިޔަސް، ޑައިރެކްޝަން ކަމުނުދިޔަސް ނުވަތަ ނިންމަން ޖެހޭ ތާރީޚަށް އެ ފިލްމެއް ނުނިމުނަސް އެންމެ ފަސޭހައިން ތުހުމަތުގެ އިނގިލި ދިއްކުރެވި ކުށްވެރިކުރެވޭ ތަނަކަށްވެފައި މި ވަނީ އޮލިމްޕަހެވެ.

ވަކިން ހާއްސަކޮށް މި މައްސަލައެއް އޮތީ މި ދުވަސްކޮޅު ނުވަތަ މި އަހަރު އިތުރަށް ގޯސްވެފަ އެވެ. ފިލްމެއްގެ ޚަބަރެއް ހޯދާލަން، ޕްރޮޑިއުސަރަކަށް ގުޅާލިޔަސް، އޮލިމްޕަހުގެ ޝަކުވާއަކުން ނޫން ގޮތަކަށް އެ ފޯނު ކޯލެއް ނިންމައެއް ނުލެވެ އެވެ. -- އެހެންވީމަ ކުރިން އަވަނެއްގެ ދަރަޖަ ދެވުނު އޮލިމްޕަސް ފިނި ބޮޑު ކޮޓަރިއަކަށް ބަދަލުކޮށްދިނަސް ފިލްމީ ދާއިރާ އޮތީ ހިތްހަމަޖެހިފައެއް ނޫނެވެ.

ޕްރޮޑިއުސަރުންގެ ޝަކުވާ އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެ ވާހަކައެއް އެންމެ ރަނގަޅުވާނީ، ޕްރޮޑިއުސަރަކު ލައްވައި ކިޔުއްވިއްޔާ އެވެ.

"އެންމެ ބޮޑު މައްސަލަ އަކީ ފިލްމު އަޅުވަން ބޭނުންވާ ތާރީޚުތަކަށް އޮލިމްޕަސް ނުލިބުން. އަނެއްކޮޅުން ފިލްމަށް އޮލިމްޕަސް ހިފާފައި ވަނިކޮށް އެބަޖެހޭ އެހެން ކަންކަމަށާއި އިވެންޓްތަކަށް ފުރުސަތު ދޭން ފިލްމުގެ ޝޯތައް މެދުކަނޑާލަންވެސް،" ނަން ހާމަކުރަން ޝައުގުވެރިނުވާ މި ޕްރޮޑިއުސަރުގެ ޝަކުވާތައް އޮއްސާލީ މިހެންނެވެ.

އެކަމަކު އެވަރަކުން އަދި ނިމުނީކީއެއް ނޫނެވެ.

"އަނެއް މައްސަލައަކީ އޮލިމްޕަހުގައި ދިމާވާ ޓެކްނިކަލް މައްސަލަތައް. ވަކިން ހާއްސަކޮށް އެކަށޭނެ ސައުންޑްގެ ނިޒާމެއް އެތަނުގައި ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް. މީގެ އިތުރުން ފިލްމު އަޅުވަން ހަދާފައި ހުރި ތަނެއް ސްކޫލްތަކުގެ ކޮންސެޓްތަކަށް ދޫކޮށްގެން ވެސް ނުވާނެ."

އެ ޕްރޮޑިއުސަރެއްގެ ވާހަކަ އެ ހިސާބުން ނިންމާލިޔަސް މިއީ ގާތްގަނޑަކަށް ފިލްމީ ދާއިރާގެ ވަރަށް ގިނަ ބައެއްގެ އަޑާއި ޝަކުވާ އެވެ. އެކަމަކު މި ހުރިހާ ޝަކުވާއެއް ހިފައިގެން ގޮސް، އޮލިމްޕަހުގެ ބެލެނިވެރިޔާ، ނެޝެނަލް ސެންޓަ ފޯ ދި އާޓްސްގެ އުނގަށް އޮއްސައިލުމުން އެ މީހުން ކުރަހައިދޭ މަންޒަރު ދިވެހި ފިލްމަކަށް ވުރެން ސާފުވެފައި މާ ބޮޑަށް ވެސް ތަފާތެވެ.

އެންމެ ފުރަތަމަ ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި އެންސީއޭ އިން ކުރަނީ ސުވާލެކެވެ. އެ ސުވާލަކީ މިއީ އެވެ.

"ފިލްމު އަޅުވަން އޮލިމްޕަސް ނުލިބެނީތޯ ނުވަތަ އޮލިމްޕަހުގައި އަޅުވާނެ ފިލްމެއް ނެތީތޯ؟."

ޝަކުވާކުރާ ޕްރޮޑިއުސަރުން ހަދަނީ ދޮގު!

އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަދި ފިލްމީ ދާއިރާގެ މަޝްހޫރު އެކްޓަރު އަބްދުﷲ މުއާޒު ދޭން އޮތް ޖަވާބަކީ މިއީ އެވެ. ވިދާޅުވީ އޮލިމްޕަސް ނުލިބިގެން ފިލްމުތައް ނުދެއްކޭ ކަމަށް ބުނާ ވާހަކަ އާއި ފިލްމުތަކުގެ ޝޯތައް މެދުކަނޑާލަން ޖެހޭ ކަމަށް ބުނާ މައްސަލާގައި ހަގީގަތާ ހިލާފު ވާހަކަ ހުރިއިރު ޕްރޮޑިއުސަރުން އެ ވާހަކަ ކިޔައިދެނީ އޮޅުން އަރާ ގޮތްގޮތަށް ކަމަށެވެ.

އެހެންކަމުން މުއާޒު މި މައްސަލައެއް ތަންކޮޅެއް ސާފުކޮށް ތިލަކޮށްލަދިނެވެ.

"ފިލްމެއް އަޅުވަން އައިސްދާނެ ކަމަށް ލަފާކޮށް އަޅުގަނޑުމެންނަކަށް އޮލިމްޕަސް ނުބެހެއްޓޭނެ އެގޮތަށް ހުސްކޮށް. އަނެއްކޮޅުން ހުސްކޮށް އޮތްއިރު ފިލްމެއް އަޅުވަން އައީ ކޮން ބައެއްތޯ؟ ކިތައް ފިލްމުތޯ (މިދިޔަ ދުވަސްތަކުގައި) ގެނެސްދެވުނީ؟،" ފޯނުން ވާހަކަ ދައްކަވަމުން މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރޮޑިއުސަރުން ބޭނުންވާ ސީދާ ތާރީޚަށް އޮލިމްޕަސް ނުލިބިދާނެ ކަމަށާއި އެހެން ނަމަވެސް އެގޮތަށް ދިމާވަނީ ސަބަބުތަކެއް ވެސް ހުރެގެން ކަމަށެވެ.

"މިހާރު ވެސް އަންނަ އަހަރުގެ އެޕްރީލް، މެއި، ޖޫން، ޖުލައިއާ ހަމަ އަށް ފިލްމުތަކަށް އޮލިމްޕަސް އެ ވަނީ ދޫކޮށްފައި. ކުރިއާލައިގެން އޮލިމްޕަސް ހޯދަން އުޅުނީމަ ހުރިހާ ޕްރޮޑިއުސަރުންނަށް ވެސް އެމީހުންގެ ފިލްމުތަކަށް އޮލިމްޕަސް ލިބޭނެ. އެކަމަކު ފިލްމަކަށް ނުވަތަ އެހެން ކަމަކަށް ދޫކޮށްފައި އޮންނަ ތާރީހެއް ބޭނުންވެގެން އަޔަސް ނުދެވޭނެ."

މުއާޒު ވިދާޅުވީ ފިލްމުތަކުގެ ޝޯތައް މެދުކަނޑާލަން ޖެހިފައިވާ ނަމަ އެފަދަ ކަމެއް ހިނގާފައިވާނީ ވެސް އެ ފިލްމެއްގެ ޝޯތައް ފެށުމުގެ ކުރިން އޮލިމްޕަސް ނަގާފައިވާ ބައެއްގެ އިވެންޓަކަށް ދޭން ޖެހޭ ވަގުތު ދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ފިލްމުތަކުގެ ޝޯތައް މެދުކަނޑާލަން ޖެހުނީކީ ވެސް ނޫން. އެކަމަކު އެއީ މާ ކުރިން ސްކޫލްތަކުން ނަގާފައި ހުރި، ދުވަސްތަކެއް އެއީ ކުއްޔަށް. މާ ކުރިން ހަމަޖެހިފައި ހުރި ޝޯތަކެއް އެއީ ސްކޫލްތަކަށް. އެއްގޮތަކަށް ވެސް ސްކޫލްތަކުން އޮލިމްޕަސް ނަގައިގެންނެއް ނޫން އޮލިމްޕަހުގައި ފިލްމު ނޭޅުވިފައި ވަނީ،" މުއާޒު ވިދާޅުވި އެވެ.

ހަމައެކަނި ފިލްމަށް ހާއްސަކޮށްފައެއް ނުބެހެއްޓޭނެ!

އޮލިމްޕަސް މިފަހުން ރިނޮވޭޓްކޮށްފައި ސީދާ ފިލްމީ ދާއިރާގެ މީހުން ހިތްހަމަޖައްސައިދިނުމަށެވެ. ވަކިން ހާއްސަކޮށް އޮލިމްޕަހުގެ ފެންވަރު ރަނގަޅުނުކުރެވިގެން ފިލްމީ ދާއިރާގެ މީހުން އޭރު އުޅުނު ހާލު އެންމެނަށް ވެސް ވަނީ ފެނިފަ އެވެ. އެކަމަކު އެންމެފަހުން އޮލިމްޕަސް ފުރިހަމަ ސިނަމާއަކާ ފިޔަވަޅަކާ ގާތަށް ޖެހިލިއިރު އަޑު އަރާފައި މި ވަނީ ފިލްމަށް ނުލިބޭ ވަގުތު އޮލިމްޕަހުން ސްކޫލްތަކުގެ ކޮންސެޓްތަކަށާއި އެހެނިހެން ހަރަކާތްތަކަށް ލިބޭ ކަމަށެވެ.

ފިލްމީ ދާއިރާގެ ބައެއް ޕްރޮޑިއުސަރުންނާއި އިސް މީހުން ބުނަނީ އޮލިމްޕަހަކީ ސީދާ ފިލްމު ދައްކަން ހުރި ތަނެއް ކަމަށާއި ފިލްމުގެ ޝޯތައް މެދުކަނޑާލަން ޖެހޭ ފަދަ ގޮތަކަށް ސްކޫލްތަކުގެ ކޮންސެޓްތަކަށް އެތަން ދޫކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް އެންސީއޭގެ ހިޔާލު މިކަމުގައި ވެސް ތަފާތެވެ.

"ފިލްމު އެޅުވުން ނޫން އެހެން ކަމެއް ނުކުރެވޭނެއޭ ނުބުނެވޭނެ، އެކަމަކު ފިލްމުތަކަށް އަހައްމިއްޔަތު ކަމެއް ދެވިދާނެ،" މުއާޒު ވިދާޅުވީ މިހެންނެވެ.

"ހަމައެކަނި ފިލްމު އަޅުވާތަނެއްގެ ގޮތުގައި އޮލިމްޕަސް ބޭއްވޭކަށް ވެސް ނެތް. އަނެއްކޮޅުން ކޮންސެޓްތައް އާންމުކޮށް މި ބާއްވަނީ ވެސް ދުވާލު."

މުއާޒު ވިދާޅުވީ އޮލިމްޕަހުގެ ވިޔަފާރި ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅާނީ ދައުލަތުން ކަމަށާއި އެއީ ޕްރޮޑިއުސަރުން ނިންމަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"ސްކޫލްތަކަށް ދޭން ޖެހޭތޯ ނުޖެހޭތޯ ނިންމާނީ ދައުލަތުން، ފިލްމު ޕްރޮޑިއުސަރުންނެއް ނޫން،" މުއާޒު ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން މުއާޒު ވިދާޅުވީ އޮލިމްޕަހުގެ ދަތިތަކާ ގުޅޭ ޝަކުވާތައް ފިލްމު ޕްރޮޑިއުސަރުން މީޑިއާގައި ހިއްސާކުރާއިރު މިހާތަނަށް އެއްވެސް ބަޔަކު ސީދާ ރަސްމީ ހައިސިއްޔަތުގައި އެ ޝަކުވާތައް އެންސީއޭ އަށް ގެންގޮސްފައި ނެތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

"އެއްވެސް ޕްރޮޑިއުސަރެއް ނާދޭ އެންސީއޭ އަށް ވާހަކަ ދައްކާކަށް. އެއްވެސް ކަހަލަ ހިޔާލުތަކެއް ހިފައިގެން. މަޝްވަރާކޮށްލަން ދިޔަތޯ ސުވާލުކޮށްލަ ބަލަ އެއްވެސް މީހަކާ. ޝަކުވާކުރަންވީމަ ކޮންމެ މީހަކު މި ދަނީ އެންސީއޭގެ ބަދަލުގައި މީޑިއާ އަށް،" މުއާޒު ވިދާޅުވި އެވެ.

ސައުންޑް ގޯސް، ސައުންޑްގެ މައްސަލަ ހައްލުވާނެ!

ފިލްމު ދައްކަން އޮލިމްޕަސް ނުލިބޭ ކަމަށް ބުނާ މައްސަލާގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވިޔަސް އޮލިމްޕަހުގެ ސައުންޑްގެ މައްސަލާގައި ޕްރޮޑިއުސަރުންގެ ޝަކުވާ މުއާޒު ވެސް ބަލައިގަތެވެ. އޭނާ ވިދާޅުވީ އެންސީއޭ އިން އެކަމުގެ ޒިންމާ ނަގާ ކަމަށާއި ވީހާ ވެސް އަވަހަކަށް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

"ޓެކްނިކަލީ ދިމާވާ އެންމެ ބޮޑު މައްސަލައަކީ ސައުންޑްގެ މައްސަލަ. އެންމެ ޒަމާނީ ސައުންޑް ސިސްޓަމެއް ގެނެސްފައި މިހާރު އެހުރީ. އެކަމަކު އިންސްޓޯލްކުރެވި ހުރީ އަދި،" މުއާޒް ވިދާޅުވި އެވެ.

"އެންމެ ޒަމާނީ ސިނަމާ ސައުންޑް ސިސްޓަމެއް މި އަޅުވަނީ، ޖޭބީއެލް ބްރޭންޑްގެ، 1.8 މިލިއަން ރުފިޔާގެ ސައުންޑް ޕްރޮޖެކްޓަރެއް މިއީ. މި ސަރަހައްދަށް ބެލިޔަސް ފާހަގަކޮށްލެވޭނެ."

އެކަމަކު މުއާޒް ވިދާޅުވީ އޮލިމްޕަހުގެ ކޮލިޓީ މެޕުން މައްޗަށް އެރިޔަސް އެ ކޮލިޓީ އަތުލެވޭ ވަރުގެ ދުވެއްޔެއްގައި ފިލްމީ ދާއިރާ އަށް ކުރިއަށް ނުދެވޭ ކަމަށާއި އޮލިމްޕަހުގައި ހުރި ފިލްމު ޕްރޮޖެކްޓަރުގެ ހަގީގީ ފެންވަރު ދެއްކޭ ވަރުގެ ފިލްމުތަކެއް ވެސް އުފެއްދެން ފެށީ ވަރަށް ފަހުން ކަމަށެވެ.

އެހެންވީމަ ފިލްމީ ދާއިރާގެ މީހުން ބުނާނީ ދެން ކީކޭ ހެއްޔެވެ؟