ވާހަކަ

އަންބަރަށް ގެނބުނު ހިތް

Nov 25, 2016
2

ދޮންރަހާގޭ އާދަނަށް މާތް ރަސްކަލާނގެ ހުދަންބަރެއް މިންވަރުކުރެއްވީމާ، ސައްލިގޭ އިސްމާއިލްފުތު އެކަމަށް ހަސަދަވެރިވީކީއެއް ނޫނެވެ. ވީ ދެރައިން ދެ ލޮލުން ކަރުނަ ހިލި ހިތުގައި ވޭންވަރެއް އަޅައި ދެމިގަތީ އެވެ. ލަގޮނޑި ފަޅައިގެންހިނގައިދާނޭހެން ހީވެ އެ ހުރިހާ ޖަޒުބާތެއް އެއްފަހަރާ ބޭރުވީ އެވެ. އެވަރަށް ހިތުގައި ޖެހި، އެވަރަށް ދެރަވީ، ހުދަންބަރެއް ދެއްވާތޯ ކުރި ދުއާ ޖެހިގެން ހުރި ގޭގެ އަވައްޓެރިޔާގެ އުނގަށް އިޖާބަކުރެއްވީތީ އެވެ.

ފަންސާސް އެތައް ކިލޯއެއްގެ އެ ހުދަންބަރު އާދަނަށް ފެނުނީ އެއް ދުވަހެއްގެ ފަތިހު ގޮނޑުދޮށަށް ފައިބައި މާގެފިލިކޮށްގެން ޖަނގިޔާގަނޑު ބޮލުގައި އަޅުވައިގެން ގޮޅިޖެހި މުންޑު ކޮށިކޮށް ތާހިރުވުމަށް ވެލިރާޅުފަށަށް ފޫކޮޅު ދިއްކޮށް ތިރިވެލިތަނުންނެވެ. އެހިސާބުން ނަޖިސްމަތިން ހަނދާން ނެތި ރާޅުފަށުން ފެނުނު ހުދަންބަރާ ދިމާލަށް ފުންމައިގެން ގޮސް އޭގައި ބައްދައި އޮޅުލައިގަނެ އެތަނަށް ވެއްޓި އާދަނު އެއްކޮށް ތެމި ފޯވެއްޖެ އެވެ.

މުންޑަށް މާވަހަރު ލައި ކޮނޑުމައްޗަށް އެއްލާލައިގެން ޖަނގިޔާކޮޅުގައި އޭނާ ރަށު ތެރެއަށް އަރައިގެން ދިޔައީ "މާތް ރަސްކަލާނގެ އަށް ޝުކުރުހުއްޓޭ، މަ މުއްސަނދިވެއްޖެއޭ" ގޮވައި ހޯބޯ ލައްވަމުންނެވެ.

މާނޭވާލެވި ވަރުބަލިވެފައިވާ ހާލެއްގައި އެހެން ގޮވަމުން ބަރުފިޔަވަޅުތަކެއްގައި ގޮސް ދޮންރަހާގެ އަށް އާދަނު ވަން މަންޒަރު ބަލަން ސައްލިގެއިން ބޯ ދިއްކޮށްލައިގެން އިސްމާއިލްފުޅު ވެސް ހުއްޓެވެ. ފަތިސް ނަމާދުކޮށްގެން އައިސް ބަޓަރު ބިސްކޯދެއް ކަޅަކުން ފޯކޮށް ބަނޑުފުރާލައިގެން ބޮޑު އުނދޯއްޔަށް އަރައި ނިކަން ގަދަޔަށް ދުފާލައިގެން ހުއްޓައި އިސްމާއިލްފުތު ވެސް ރަނގަޅަށް ހޭލައްވާލީ އާދަނުގެ މި ހޯބޯ އެވެ.

އެކަމަކު ވެގެން އުޅޭ ގޮތެއް ބަލައިލުމުގެ ބޭނުމުގައި ބޭރަށް ބޯދިއްކޮށްލި ވަގުތު ފަތިހުގެ ތެތްފިނިކަމާ އެކު ނޭފަތުގައި އައިސް އެހެރަ ބައްދައިގަތް ވަސްގަނޑަކުން އިސްމާއިލްފުތަކަށް ދެން އިތުރު ހަރަކާތެއް ކޮށްލެވޭ ވަރެއް ނުވި އެވެ. މީގެ ކުރިން އެވަރުގެ މީރު ވަހެއްގެ ތެރެއަށް އިސްމާއިލްފުތު ގެނބިގެން ދިޔައީ ހުވަފެނެއްގަ އެވެ. އެކަމަކު މިއީ ހުވަފެނެއް ނޫނެވެ. ދެއްވުމަށް އެދި ދުއާކޮށް ދެންނެވި ހުދަންބަރު ކޮނޑަށްލައިގެން ގޮސް ގެއަށް އެ ވަނީ އަވަށްޓެރިޔާ އެވެ.

ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އިސްމާއިލްފުތުގެ ހިތަށް އެރީ މިހެންނެވެ.

ދުއާ ދެންނެވުމުން އެ ފަކީރަށް ދެއްވީ އިތުރު ހިތްދަތިކަމެކެވެ. ވަކިން ބޮޑު ހިތާމައަކަށްވީ ކޮންމެ ދުވަހަކު ފެންނަ އަވަށްޓެރިޔަކަށް އެ ވަރުގެ ބޮޑު ނަސީބެއް ލެއްވީމަ އެވެ. އަނެއްކޮޅުން އިސްމާއީލުފުތަށް ކިރިޔާ ބަނޑުފުރާނަ މުއްތިކުރެވޭއިރު ދޮންރަހާގޭ އާދަނަކީ ރަށުން ނަގައި ކިޔާ ނަމަ މުއްސަންޖެކެވެ.

އަލަ ދަނޑަކާއި ރުއް ދަނޑެއް އޭނާގެ އެބައޮތެވެ. އެކަމަކު މިއަދު ހެނދުނު ކެއި ބަޓަރުބިސްކޯދާއި ބުއި ކަޅު ސައިތައްޓަށް ފަހު މާދަމާ މި އިސްމާއިލްފުތެއް ހުންނާނީ ބަނޑަށެވެ. އަވަށްޓެރިޔަކަށްވިޔަސް ޖެހިގެން ހުރި ގޭ އާދަނުގެ ދެމަފިރިން އޭނާ އަށް ފާރޮށްޓެއްހާ މިނުން ވެސް ދިއްކޮށެއް ނުލަ އެވެ. މުރަނަކޮށްފައި އޮންނަ ރޮށިގަނޑެއް ވެސް ދިއްކޮށްލާ ބައެއް ނޫނެވެ.

މި ހާލެއްގައި ހުރެ މާވަހަރަކަށް ދުއާ ދަންނަވަނިކޮށް ޖެހިގެން ހުރި ގޭގެ ތަނަވަސް މި އަވައްޓެރިޔާގެ އުނގަށް އެ މަވާހަރެއް މިންވަރުކުރެއްވީމާ އިސްމާއިލްފުތުގެ ހިތް ނޫން ކޮންމެ އާދަމުގެ ދަރިއެއްގެ ހިތް ވެސް ދާނީ ފަޅަ ފަޅައިގެންނެވެ. އަމުދުން ޖެހިގެން ހުރި ގޭގައި އޮތް ބޮޑު ހުދަންބަރުން އަރައިގެން އަންނަ ވަސްގަނޑުން ސައްލިގެ އެއްވަސްވެފައިވާ ނަމަ އިސްމާއީލުފުތުގެ އެ ނިކަމެތި ހިތަށް ކުރާނޭ އަސަރާއި ތުރާ ހިޔާލަށްގެނެސް ބައްލަވާށެވެ.

އެންމެފަހުން ފަޅައިގެން ދިޔަ ހިތުން މި ފަގީރެއްގެ ހަށިގަނޑާއި ސިކުނޑިއަށް ހަސަދައިގެ ވިހަ ފޭދި އެ ފުރާނަ އެކުގައި ކިލަނބުވެ ނިމިއްޖެ އެވެ.

އެއަށް ފަހު އެ ކިލަނބުކަމުގެ ތެރެއިން ވިސްނުމުން ދޮންރަހާގޭ އާދަނުގެ އަތުގައި އެ ބޮޑު މާވަހަރު އޮތުން ވީ އިސްމާއިލްފުތު އެންމެ ފުރަތަމަ ހީކުރި ވަރަށް ވުރެން ވެސް އުފާވެރި ޚަބަރަކަށެވެ. އަނެއްކޮޅުން މާލެ އަށް ފުރަން ތައްޔާރުވެފަައި އޮތް އޮޑިއެއް ރަށުގައި ނެތުން ވެގެން ދިޔައީ އިސްމާއިލްފުތުގެ ތުންފަތް މައްޗަށް އިތުރު ހިނިތުންވުމެއް ގެނުވި ކަމަކަށެވެ.

ޖެހިގެން އައި ތިން ރޭ އޭނާ އުޅުނީ ނުނިދަ އެވެ. ކިލަނބުވި ހިޔާލުން ރޭވި ރޭވުންތަކަށް ވާސިލުވާނެ މަގެއް ހޯދުމުގެ ފިކުރުގަ އެވެ. ހަފުތާއެއް ފަހުން ދޮންރަހާ ގޭގައި މާވަހަރު ނޯންނާނެތީވެ އެކަން އެނގިހުރި ހާލުގައި އިސްމާއިލްފުތުގެ ހިތް ދިޔައީ އަދި ވަކިން ބޮޑަށް ތެޅެމުންނެވެ.

އޭނާގެ ރޭވުމުގައި އޮތީ ދިގު މަގެކެވެ. ސައްލިގޭގައި އިސްމާއިލްފުތު ނިދާ ކޮޓަރިން ކޮނެގެން ދޮންރަހާގޭގެ ކޮންކިރީޓާއި ދަގަނޑުގެ ފާރުތައް ލީ ކޮޓަރިއަށް ދެވޭނެ ބިންގަރާސް މަގެކެވެ. އާދަނު ހޮވި ހުދަންބަރު އޮތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ފާރަވެރިންނާއި ކިޔަވާ މީހުން ވެސް ފޯރިއަށް ތިބި އެ ކޮޓަރިއެއްގެ ތެރޭގަ އެވެ. އެކަމަކު އިސްމާއިލްފުތުގެ ރޭވުމާ އެއްގޮތަށް ހުރިހާ ކަމެއް ގެންދެވިއްޖެ ނަމަ އިރުއަރާއިރަކު އެ ހުދަންބަރެއް އެ ކޮޓަރިއެއްގައެއް ނޯންނާނެ އެވެ.

ކަންވީވެސް އެހެންނެވެ. އެރިއިރާ އެކު ހުދަންބަރު ގެއްލިއްޖެ އެވެ. އެކަމަކު ރޭވި ރޭވުންތަކާއި އުދައްޔާއި ފަކީރާތަކާ އެކު އިސްމާއިލްފުތު އޮތީ އޭނާގެ ކޮޓަރިގަނޑުގައި ނިދައި މަރުވެފަ އެވެ. ސިއްސައިގެން ގޮސް ހޭލެވުނީ ދޮންރަހާގޭ އާދަނުގެ ދެމަފިރިންނާއި އެމީހުންގެ ދަރިންފަތި ރޮއި ހޭރި މޮޔަވާ އަޑަށެވެ.

ދަބަރު ހިލައި ބާވެފައިވީ ދަގަނޑު އެނދުން ފުންމައިގެން ތެދުވި ގޮތަށް އިސްމާއިލްފުތު ގޮސް އެންމެ ފުރަތަމަ ވެސް ބޯކޮށްޕާލީ ކޮނެފައި ހުރި ބިންގަރާހަށެވެ. އޭރު ދޮންރަހާގެއާ ވީ ފަޅިން ފައިބައިގެން މީހަކު ބާރު ބާރަށް ނޭވާލަމުން ހަތަރެސްފައި ޖަހާފައި އަންނަ އަޑު އިވެ އެވެ.

ގަންނާކުރެއްވި ބިރާއި ލަދަށް އިސްމާއިލްފުތު ތެޅިގަތީ ކޮޓަރި ތެރޭގައި ހުރި ވެލި ބަސްތާތަކުން ފަހަރު ބަސްތާއެއް ބިންގަރާހުގެ ހޮރަށް އަޅައި އެ މަގު ބަންދުކުރުމަށެވެ.

ލިބުނު ހައިރާންކަމާއި ވެރިވި ބިރުވެރިކަމުން ބޯދަމައިގަނެގެން އެނބުރިގަނެ އިސްމާއިލްފުޅު ނިކަން ރަނގަޅަށް ކޮޓަރި ތެރެ ހޯދައި ބަލައިލި އެވެ. އެނދު ކައިރީގައި ބަހައްޓާފައި ހުރި ކުޑަ މޭޒެއްގެ މަތީގައި، ސައިކުރާއެއް ހުއްޓެވެ. އެއިން އަޅައިގެން ބޮއެ ހުސްކޮށްފައިވާ ޖޯޑެއް ކައިރީގައި ހުއްޓެވެ.

އެއީ ހަމައެކަނި ސައެއް ނޫނެވެ. އެހެން ނޫން ނަމަ ބިންގަރާސް ކޮންނަން އޮވެފައި ވަރުބަލިވެ ކަރުހިއްކައިގަނެގެން އެއިން ކޯވަރެއް ބޯލައިގެން ނިދި ބުރާންތިއެއް ނާރާނެ އެވެ. އެކަމަކު ޖެހިގެން ހުރި ގޭގައި ވަރުގަދަ އަށް ރައްކާކޮށްފައި އޮތް ހުދަންބަރު ވަގަށް ގެންދިޔައިރު ވެސް އިސްމާއިލްފުތު އޮތީ ނިދައި މަރުވެފަ އެވެ. ބިންގަރާސް ކޮންނަން ކުރި މަސައްކަތުގައި އިސްމާއިލްފުތަކަށް ދޮންރަހާގޭގެ ކޮޓަރީގެ ތަޅުންގަނޑު ފަޅާލައިގެން އެރޭ ވަރަކަށް ނުވެސް ކޮނެވެ އެވެ. އެކަން އޭނާ ބޭނުންވި ދުވެލީގައި ކުރިއަށް ނުގެންދެވުނު އަސްލު ސަބަބަކީ ވެސް ކޮންމެ މެންދަމެއްގެ ވަކި ހިސާބަކުން ބޮލަށް ނިދި އަރައިގަނެގެން ވެއްޓޭތީ އެވެ.

އެހެންވީމަ، ހުދަންބަރު ވަގަށް ގެންގޮސް، އިސްމާއިލްފުތަށް މިވަރުގެ ކެއްސެއް ދިނީ ކާކު ހެއްޔެވެ؟

ވާނުވާ އިސްމާއިލްފުތަށް ރޭކާލިއިރު މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ. ދޮންރަހާގޭ އާދަނު ދެޔޯއެއް މާރިދެއްހެން ރުޅިއަރައިގަނެގެން އެހެރަ އަންނަނީ އަތުގައި އޮތް ފުރޯއިން ޖަހައި އިސްމާއިލްފުތުގެ ބޯބުރިކޮށްލުމަށެވެ.

އެކަމަކު އެ މަންޒަރު ފެނި މިފަހަރު އިސްމާއިލްފުތު ބިރެއް ނުގަތެވެ. ފުސްފަމުން ދިޔަ މަންޒަރުގައި އޭނާގެ ހިޔާލުގައިވީ މާ ސިންގާ މާވަހަރެކެވެ. އޭގެ ވަހަށް އޭނާ ޣަރަގުވަމުން ދިޔަ ކަހަލަ އެވެ.

*** ** *** ** ***

އިސްމާއިލްފުތަށް މާވަހަރަކީ ކޯއްޗެއްކަން ބުނެދީ ވަހުން މާވަހަރެއް ދެނެގަންނާނެ ގޮތް ކިޔައިދިނީ އޭނާގެ ދެ ވަނަ އަވަށްޓެރިޔާ ބޮޑު އަލިމަނިކެވެ. މި އަލިމަނިކަކީ ދިވެހި ބޭސްވެރިކަމާއި ފަންޑިތަވެރިކަމުގައި އަރައިހުރި މޭސްތިރި އެކެވެ. އޭނާގެ މަސައްކަތުގައި މާވަހަރުގެ އެކި ބާވަތްތަކުން އެކި މިންވަރުތައް ބޭނުންކުރެ އެވެ. ވަކިން ހާއްސަކޮށް ދިވެހި ބޭސްވެރިކަމުގަ އެވެ.

މާވަހަރަކީ ކޮބައިކަމާއި އޭގެ އާދަޔާހިލާފު ވަހާއި މޮޅުކަމާއި އަގުބޮޑު ވާހަކަ އިސްމާއިލްފުތަށް ކިޔައިދިނީ އޭނާގެ މި އަވައްޓެރިޔާ އެވެ. އެ ހިސާބުން ފެށިގެން އިސްމާއިލްފުތު ކުރި ކޮންމެ ނަމާދެއްގެ ފަހަތުގައި މާވަހަރެއް ދެއްވާތޯ އެދި މާތް ރަސްކަލާނގެ އަށް ދުއާ ދެންނެވި އެވެ. އެކަމަކު އާހިރުގައި މާވަހަރު ދެއްވީ އަވަށްޓެރި އާދަނަށެވެ.

އިރު އަރައިގެން އައި ވަގުތު އޭނާ ހޮވައިގެން ގެންދިޔަ އެ މާވަހަރު ގެއްލުމާ ހަމަ އަށް ރަށުގެ ގިނަ ބަޔަކަށް އެއީ ކޯއްޗެއްކަން ނޭނގެ އެވެ. އާދަނަށް ފަހު އެއީ ކޯއްޗެއްކަން އެނގޭ މީހަކަށް ރަށުގައި ތިބީ އިސްމާއިލްފުތާއި އޭނާގެ އަނެއް އަވައްޓެރިޔާ، ބޭސްވެރި އަލިމަނިކެވެ. ނަމަވެސް ކަންދިމާކުރި ގޮތުން މި މާވަހަރެއް ހޮވި ދުވަހަކު އަލިމަނިކު ރަށަކު ނެތެވެ. އޭނާ އަށް އާދެވުނީ ޖެހިގެން އައި ދުވަހު އެވެ. އެހެންކަމުން މާވަހަރެއް ހޮވައިގެން އުޅޭ ކަމުގެ ޚަބަރު އޭނާ އަށް ލިބިފައެއް ނެތެވެ.

އެ ދުވަހު ގެއަށް ގޮސް ވަންތަނުން ބައްދަލުވީ ނިކަން ބޮޑު ކަމަކަށް ބޭނުންވެފައި ހުރި މީހަކާ އެވެ. އެއީ އިސްމާއިލްފުތެވެ. އޭނާ ބޭނުންވީ، ފަކީރާއަކާއި އުދައްޔެކެވެ. ގޯތި ތެރޭގައި ކޮންމެވެސް ވަރަކަށް ދަނޑުވެރިކަންކޮށް ބޭސްވެރިކަމުގައި ބޭނުންކުރާ ފަތްޕިލާވެލި ވެސް އިންދައި އުޅޭ މީހަކަށްވުމުން އިސްމާއިލްފުތު ބޭނުންވި ހުރިހާ އާލަތްތަކެއް އަލިމަނިކު އަތުގައި ހުއްޓެވެ. އަދި އަވައްޓެރިއަކަށް އެހީވުމުގެ ނިޔަތުގައި އެ އެއްޗެހިތައް އޭނާ އަށް ފޯރު ވެސް ކޮށްދި އެވެ.

ނަމަވެސް އެއީ ކީއްކުރަން ހޯދި އެއްޗެހިތަކެއް ކަމެއް އިސްމާއިލްފުތު އަލިމަނިކު ގާތަކު ނުބުންޏެވެ. އެކަމަކު ބުރަ މަސައްކަތެއްކުރަން އުޅޭކަން އެނގިގެން އަލިމަނިކު އިސްމާއިލްފުތު ފޮނުވާލީ ގައިގައި ވަރު ޖައްސައިދޭނެ ކަމަށް ބުނެ ދިއްކޮށްލި ދިވެހި މޮޅު ބޭސްފުޅިއެއް ވެސް އޭނާ އަށް ދީފަ އެވެ.

އިސްމާއިލްފުތަކީ ކޮހެކެވެ. ބުއްދިވެރިއެއްގެ މަޅީގައި އޭނާ ޖެހުނީ އެވެ.

ހުދަންބަރުގެ ދަހިވެތިކަމުގައި، ކޮޓަރި ތެރެއިން ކޮނުނު ބިންގަރާހުގެ މަސައްކަތުގައި ވަރުބަލި ފިލުވުމަށް ކޮންމެ ރެއަކު އިސްމާއިލްފުތު ބުއީ އަލިމަނިކު ދިން މޮޅު ދިވެހި ބޭހުގެ ސައެވެ. އެއަށް ފަހު ކޮންމެ ރެއަކު އޭނާގެ ޚަބަރު ހުސްވަނީ އެވެ. އިރު އަރައި ހޭވެރިކަންވާއިރު ކޮންމެ ރެއަކު ވެސް ބިންގަރާސް ކޮނެގެން ފަސް އަރުވައިފައި ހުރެ އެވެ.

ކޮންމެ ދުވަހަކަށް އިރުއަރާއިރު އިސްމާއިލްފުތަށް ހީވެފައި އޮންނަނީ އެއީ އޭނާގެ މަސައްކަތް ހެނެވެ. އެކަމަކު އިސްމާއިލްފުތަކީ ކޮހެކެވެ. އޭނާ އަށް ބުއްދިވެރިޔަކު ކެހި ދިނީ އެވެ. ބޭހުގެ ސައި ބޮއެގެން އަމަލުވެ ވަރުދެރަވެ ވާނުވާނޭނގޭ ހާލުގައި އިސްމާއިލްފުތު ކެހީގެ މަޅިއަށް ގެނބެމުން ދިޔަ ކޮންމެ ރެއަކު އެ ބުއްދިވެރިޔާ ގޮސް އޭނާއާ ވާހަކަ ވެސް ދައްކައި ހެދި އެވެ.

އެންމެފަހުން މި ހޭވެރިކަމެއްވިއިރު ދޮންރަހާގޭ އާދަނު ހޫރާލި ފުރޯގަނޑު އެނބުރެމުން އެހެރަ އަންނަނީ އިސްމާއިލްފުތުގެ މޫނަށެވެ. މާލެ އަށް ފުރަން ތައްޔާރުވެފައި އޮތް ބަނޑުއޮޑީގެ ކައްޕިތާނަށް ރިޝްވަތު ހުށަހަޅައިގެން މާވަހަރާއެކު އަލިމަނިކު ބޯޓަށް އަރައި އެ އޮތީ ފިލައިފަ އެވެ. މާވަހަރު ހުލިވެގެން ނުދާނޭ ވަރަށް އޭނާ ވަނީ އެއަށް ބޭސްކޮށް ކިޔެވެލި ކިޔަވައިފަ އެވެ.

މާލެ ދެވުނީ ދެ ތިން ދުވަސް ފަހުންނެވެ. ނަމަވެސް ހިފައިގެން ދިޔަ ހުދަންބަރު ގަންނާނޭ މީހަކު ނުވި އެވެ. އެންމެފަހުން ތަޖުރިބާކާރަކަށް ދެއްކީމަ ބުނީ ހޮވައިގެން ތިޔަ ގެނެވުނީ ބޮޑު މަހެއްގެ ތެޔޮގަނޑެއް ކަމަށެވެ. އެކަމަކު އެއަށް ވުރެން ބޮޑަށް އަލިމަނިކު ހައިރާންވެ ދެރަވީ މާވަހަރާ ބެހޭ ގޮތުން އުމުރު ދުވަހު އޭނާ އެއްކުރި މައުލޫމާތާއި އިލްމު އެއްވެސް އެއްޗަކަށް ނުވުމުންނެވެ.

އެންމެފަހުން ބޮޑު މަހުގެ ކިރުގަނޑު ތަޖުރިބާކާރުގެ އުނގަށް ދޫކޮށްލާފައި އަލިމަނިކު ނުކުމެގެން ދިޔައީ އެވެ. ރަށަށް ދާން އެނބުރި ބަނޑުއޮޑިއަށް ދިއުމުން އޭނާއާ ދިމާކޮށްލީ ރިޝްވަތަށް ފެންބޮވައިގަނެފައިހުރި ކައްޕިތާނެވެ. އެކަމަކު އޭނާގެ ހިތް ފުރައިދޭނޭ އެއްޗެއް އަލިމަނިކުގެ އަތަކު ނެތެވެ.

އޭނަ އަށް ވުރެ ބޮޑު މަކަރުވެރިއެއްގެ ދަލުގައި ޖެހި އެތައް މިލިއަން ރުފިޔާގެ ބޮޑު ހުދަންބަރެއް ބީވެގެން ދިއުމުންނެވެ.