ހަބަރު

ޝަރީއަތްތަކަށް ރާއްޖެ ޓީވީ ނުވައްދަން ނިންމި ނިންމުން ގަބޫލެއް ނުކުރެވޭ: އެމްއެމްސީ

ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ބޮޑެތި ޝަރީއަތްތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ނުވަނދެވޭ ގޮތަށް ހެދުމަށް އެ ކޯޓުން ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށް މީޑިއާ ކައުންސިލުން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ މިހާރު އެ ކޯޓުގައި ހިންގަމުންދާ އެއްވެސް ޝަރީއަތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިން ނުވައްދަން އެ ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ.

ނޫސްވެރިންނަށް ދިމާވަމުންދާ ދަތިތަކާ ބެހޭގޮތުން މީޑިއާ ކައުންސިލުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލްގެ މެމްބަރު އަހުމަދު ހަމްދޫން ވިދާޅުވީ ވަކި މީޑިއާއަކަށް ވަކި ޝަރީއަތްތަކަށް ނުވަނދެވޭ ގޮތަށް ހެދުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށެވެ. ވަކި ނޫސްވެރިއަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށާއި ނަމަވެސް ވަކި މީޑިއާއެއް އެއްކޮށް ޝަރީއަތްތަކަށް ނުވަނދެވޭ ގޮތަށް ނެހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ވެސް ކުރަންޖެހޭނީ އެ ކައުންސިލަކާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅިގެން ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

"ކްރިމިނަލް ކޯޓުން ވެސް މީގެ ތަފްސީލެއް ދެއްވާފައެއް ނެތް. ރާއްޖެ ޓީވީގެ ނޫސްވެރިން ކުރީ ކޮން ކަމެއް ކަމެއް އެ ބޭފުޅުން ވިދާޅެއް ނުވޭ. ހަމައެކަނި މި ވިދާޅުވީ ފަނޑިޔާރުންގެ ހަށިކޮޅަށް ގެއްލުންވާ ގޮތަށް އަމަލުކުރީ ކަމަށް މި ވިދާޅުވަނީ." ހަމްދޫން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އެ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް(މޮންދު) ވިދާޅުވީ އެގޮތަށް ރާއްޖެ ޓީވީއާ މެދު އަމަލު ކުރުމުން އެކަމުގައި ކްރިމިނަލް ކޯޓާ މަޝްވަރާކޮށްފައިވާ ކަމަށާއި އަދި އިތުރު ބައްދަލުވުމެއް ވެސް ކޯޓާ އެކު ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކާއި ޕްރޮސެކިއުޓާ ޖެނެރަލް ބައްދަލު ކުރަން ތިއްބެވި ކަމަށް ބުނެ އެ މަންޒަރު ވީޑިއޯ ކުރުމުން އެ ވީޑިއޯ ޑިލީޓް ކުރުވި މައްސަލައިގައި މޮންދު ވިދާޅުވީ ނަގާފައިވާ ވީޑިއޯއެއް ޑިލީޓް ކުރަން އެންގުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ހިނގި ގޮތް މިހާރު ބަލަމުންދާ ކަމަށާއި އެކަމުގައި ކައުންސިލުން ގޮތެއް ނިންމާނީ އޭގެފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރުން ބަޔަކު އައިސް ބިރު ދައްކާ ހެދި ކަމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިދާޅުވަނީ، އެތަނުގައި އޭރު ފުލުހުން ތިބި ކަމަށް ވެސް ވަނީ. އެހެންވީމާ ފުލުހުން ތިއްބާ އެ ފުޓޭޖް ފޮހެލަން މަޖުބޫރު ކުރުވުން ގަބޫލެއް ނުކުރެވޭނެ. އެކަން ހުއްޓުވަންޖެހޭނެ." މޮންދު ވިދާޅުވި އެވެ.

މީގެ އިތުރުން މުޒާހަރާތައް ކަވަރު ކުރުމުގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ދަތިކުރާ މައްސަލަ ވެސް ފާހަގަވަމުންދާ ކަމަށާއި އެކަމުގައި މިހާރު ފުލުހުންނާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކަވަރު ކުރުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް މަޖިލީހާ އެކު ވެސް މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް މޮންދު ވިދާޅުވި އެވެ.