ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓް ތަރައްގީ ކުރުމަށްފަހު އޭޑީސީ ނެގުން މައްސަލައެއް ނޫން: އިބޫ

އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ނެގުމަކީ މައްސަލަ އެއް ނޫން ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހޭނީ އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކޮށްފައި ކަމަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އައިއެންއައިއޭ އިން ބޭރަށް ފުރާ ކޮންމެ މީހުންގެ އަތުން 25 ޑޮލަރުގެ އޭޑީސީ ނަގަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައިވާ ބިލުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެން އިބޫ ވިދާޅުވީ އޭޑީސީއަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެއާޕޯޓުތަކުން ނަގާ ޗާޖެއް ކަމަށާއި އެކަމަކީ އުސޫލެއްގެ ގޮތުން މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި އެކަން ކުރަނީ އެއާޕޯޓް ތަރައްގީކޮށް ނިންމާފައި ކަމަށެވެ. ރާއްޖެއިންވެސް އެގޮތަށް އަމަލު ކުރަން ރަނގަޅުވާނެ ކަމަށް ދެކެ ވަޑައިގަންނަވާ ކަމަށެވެ.

އިބޫ ވިދާޅުވީ އޭޑީސީ ނަގަން ފެށުމުން އޭގެ އަސަރު ކުރާނެ ކަމަށާއި އެކަންކަން ދިރާސާނުކޮށް އެ ޗާޖު ނެގުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މި ސަބަބަތަކަށްޓަކައި އެއާޕޯޓް ޑިވަލޮޕްމަންޓް ޓެކްސްއެއް އެއާޕޯޓް ތަރައްގީކޮށްފައި ނަގަން ރަނގަޅުވާނެ. އައްޑޫ ސިޓީގައި ވެސް ތަރައްގީކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓެއް އެބައޮތް. އަޅުގަނޑު ގަބޫލު ކުރަނީ ޑިވަލޮޕްމަންޓް ޗާޖެއް މާލޭ އިންޓަނޭޝަނަލް ޗާޖެއް ނަގަނީ ނަމަ އައްޑޫ ސިޓީގެ އެއާޕޯޓުން ވެސް ނަގަން ޖެހޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ މިހެން ވިދާޅުވީ ނަމަވެސް މި ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން އޭޑީސީ ނެގުމާ ދެކޮޅު ހެދި އެވެ.