ބޭންކް އޮފް މޯލްޑިވްސް

ވެލިދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ތައާރަފުކޮށްފި

Nov 24, 2016

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. ވެލިދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ތައާރަފްކޮށްފި އެވެ. އެ ގޮތުން ވެލިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިހާރު ވަނީ ފަށާފަ އެވެ.

ބީއެމްއެލް އިން ބުނީ އާންމުކޮށް އޭޓީއެމް ބޭނުންކުރަނީ ފައިސާ ނަގަން ކަމަށް ވިޔަސް މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ފައިސާ ޖަމާކޮށް ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށާއި ވެލިދޫ އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރީ މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކަމަށެވެ.

"މުޅި ރާއްޖޭގައި ބޭންކުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގައި މިއަދަކީވެސް ވަރަށް މުހިންމު ލަނޑުދަނޑިއެއް ހާސިލްވެގެން ދިޔަ ދުވަހެއް. ބޭންކުގެ 300 މިލއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މިދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް އިންވެސްޓްމަންޓްތަކެއް ފެންނަމުން. މިއަދު ޚިދުމަތް ދޭން ފެއްޓުނު އޭޓީއެމްގެ ސަބަބުން ވެލިދޫގެެ ތަރައްޤީ އާއި ކުރިއެރުމަށް އިތުރު އެހީތެރިކަން ލިބިގެންދާނެ." ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވި އެވެ،

ބީއެމްއެލް އިން ދަނީ އާ ބްރާންޗާއި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމުކޮށް މުޅި ރާއްޖޭގައި އެ ބޭންކުގެ ޚިދުމަތް ފުޅާކުރަމުންނެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 29 ބްރާންޗް، 76 އޭޓީއެމް، 3900 ޕީއޯއެސް މަޗަންޓުން، 191 ކޭޝް އޭޖެންޓުން، 16 ސެލްފްސާވިސް ބޭންކިން ސެންޓަރި އަދި 5 ދޯނި ބޭންކިން ޔުނިޓުގެ މަސައްކަތް ހިމެނެ އެވެ.