ލައިފްސްޓައިލް

ފިރިހެނުންގެ މޫނު ވެސް ރީތި ކުރެވިދާނެ

Nov 25, 2016

ޒީނަތްތެރިވުމާއި ގުޅޭ ވާހަކައެއް ދައްކަންޏާ އަބަދުވެސް ދެއްކޭނީ އަންހެނުންގެ ވާހަކަ އެވެ. އަންހެނުންގެ މޫނުމަތި އޮމާންކޮށް ނުވަތަ ބޮލުން އިސްތަށި ނުފައިބާނެ ގޮތުގެ ވާހަކަ އެވެ.

ސަބަބަކީ އަންހެނުންނަކީ އަބަދުވެސް ރީތިވުމަށް ވަރަށް އިސްކަންދޭ ބަޔަކަށް ވާތީ އެވެ. ނަމަވެސް ފިރިހެނުންނަށް ވެސް އުމުރުގެ ވަކި ހިސާބަކުން މޫނުގައި ބިހި ނެގުމުގެ މައްސަލަތައް ދިމާވެ، ނުވަތަ މޫނު ތެޔޮވުމުގެ މައްސަލަ ދިމާވެ އެވެ. އަދި ކުރާ މަސައްކަތެއްގެ ގޮތުން އަވީގައި އުޅެންޖެހުމުން މޫނުމަތި އަނދާ ނުވަތަ ހިރަފުހުގެ އަސަރުކޮށް މީހާގެ ސިފަ ހުތުރުވާ ވަރަށް މޫނުމަތިގެ ކުލަ ބަދަލުވާ ފަހަރު ވެސް އާދެ އެވެ. ކޮންމެ ކަހަލަ މަސައްކަތެއް ކުރި ނަމަވެސް ފިރިހެނުންނަށް ވެސް މޫނުމަތި އުޖާލާކޮށް ބެހެއްޓިދާނެ އެވެ.

މޫނު ރަނގަޅަށް ދޮވެ ސާފުކުރުން

އަންހެނުންގެ މޫނާއި ހިލާފަށް ފިރިހެނުންގެ މޫނުގެ ހަން ނާޒުކެއްނުވާނެ އެވެ. އެހެންކަމުން ފިރިހެނުންގެ މޫނުމަތި ސާފުކޮށް ބަލަހައްޓާނަމަ ބިހިނެގުމާއި ދުރުވާނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް މަސައްކަތްތައް ނުކުތުމުގެ ކުރިން އަދި މަސައްކަތުން އައުމަށްފަހު ވެސް މޫނުމަތީގައި އުގުޅޭ ހަޑިތައް ރަނގަޅަށް ސާފުކޮށް ދޮންނަން އާދަކުރާށެވެ. އަދި ބޭރުތެރޭގައި އުޅޭއިރު ވެސް އަބަދުވެސް ޖީބުގައި ތެތް ޓީޝޫ އެއް ކަހަލަ އެއްޗެއް ގެންގުޅޭށެވެ. އޭގެން އަބަދުވެސް ދޭތެރެއަކުން މޫނު ފޮހެލާށެވެ. މިހެން ހެދުމުން މޫނުގައި ބިހިނެގުމާއި ދުރުވާނެ އެވެ.

ޓިޕްސް: މޫނު ދޮންނައިރު އަބަދުވެސް މެން ފޭސް ވޮޝް އެއް ބޭނުން ކުރާށެވެ. އަދި އެމީހެއްގެ ހަމާ ގުޅޭ ފޭސް ވޮޝް އެއް ބޭނުން ކުރަން އާދަކުރާށެވެ. އަބަދުވެސް ދުވާލަކު ދެ ފަހަރު މަދުވެގެން މޫނު ރަނގަޅަށް ދޮންނަން ވާނެ އެވެ.

ސްކްރަބް ކުރުން

އަންހެނުންނެކޭ އެއްގޮތައް ފިރިހެނުންގެ މޫނު ވެސް ސްކްރަބް ކުރަންޖެހޭނެ އެވެ. ސަބަބަކީ މޫނު ސްކްރަބް ކުރުމުން މަރުވެފައި ހުންނަންތައް ހަންތައް ސާފުކޮށް މޫނު މަތި އުޖާލާކަމަށް ދައްކާނެ އެވެ.

މޮއިސްޗަރައިޒް ކުރުން

ގިނަ ފިރިހެނުން ގަބޫލު ކުރާ ގޮތުގައި މޮއިސްޗަރައިޒް ކުރުމަކީ މޫނުތެޔޮވާ ކަމެކެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް މޫނު މޮއިސްޗަރައިޒްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މޫނުތެޔޮވާ މީހުން ވެސް މޫނު ދޮވުމަށްފަހު ތެޔޮ މޫނުތަކަށް ހާއްސަކޮށްފައި ހުންނަ މޮއިސްޗަރައިޒާ އެއް ބޭނުން ކުރަންވާނެ އެވެ. މިއީ ހަމުގައި ރޫޖެހުމުން ދުރުކޮށްދީ މޫނުމަތި ތާޒާކޮށް ބެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.

އިރުގެ އަވިން ރައްކާތެރިވުން

ފިރިހެނުންނަކީ ގިނަ ވަގުތު އަވީގައި އުޅެންޖެހޭ ބަޔަކަށްވާތީ ސަން ލޯޝަނެއް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އިރުގެ އަވިން ހަމަށް ކެންސަރު ޖެހުމާއި ހަމުގެ ތަފާތު މައްސަލަތައް ކުރިމަތިވާނެތީ އެވެ. ސަން ކްރީމް އެއް ބޭނުންކުރާއިރު އަބަދުވެސް އެސްޕީއެފް25 އެއްޗެއްތޯ ބަލަންވާނެ އެވެ.