މިއުޒިކް

1438: ނަމުގެ ސިއްރާއި މެމްބަރުންގެ ތަފާތު

  • 25 މެންބަރުން އެއް އާއިލާއެއްގެ ގޮތުގައި
  • މި ގްރޫޕްގެ މެންބަރުން ހުނަރުން ފުރިފައި
  • ބޮޑުބެރަށް އިންގިލާބެއް ގެނައުމުގެ އަޒުމުގައި

ރާއްޖޭގައި މިވަގުތު އޮތް އެންމެ އާ، އެކަމަކު އެންމެ މަޝްހޫރު އަދި ކުޅަދާނަ ބޮޑުބެރު ގްރޫޕަކީ ޔަގީނަށް ވެސް މިއީ އެވެ. -- ސާދަ ތިރީސް އަށެކެވެ.

އެކަމަކު ވަރަށް ގިނަ މީހުން، ލޯބިންނޭ ކިޔާފައި އެމީހުންނަށް އާންމުކޮށް މިހާރު ކިޔައި އުޅޭއަޑު އިވެނީ ވަން ފޯ ތްރީ އެއިޓް )1438( އެވެ. ލޯބިން މިގޮތަށް ކޮންމެ ނަމެސް ކިޔަން ސާދަ ތިރީސް އަށެކަށް އެއްވެސް މައްސަލައެއް ނެތެވެ. އެހެން ނަމަވެސް މި ގްރޫޕަކަށް މިވަރުގެ ތަފާތު ނަމެއް ދެވުނު ސަބަބާއި އޭގެ ސިއްރަކީ ކޮބައިތޯ ބެލުމަކުން އެމީހުންގެ ވާހަކަ މިފަހަރު ފަށައިގަންނަމާ ހިނގާށެވެ.

އާންމުކޮށް ރާއްޖޭގައި މިގޮތަށް ގްރޫޕް ހަދައިގެން ބޮޑުބެރު ޖަހައި އުޅޭ ނަމަ އެ ބަޔަކަށް ކިޔަނީ ކޮންމެވެސް "ސަގާފީ-ފީލުގެ" ނަމެކެވެ. ނުވަތަ ދިވެހިންގެ މުއްސަނދި ސަގާފަތުގެ ތެރެއިން ފާހަގަކޮށްލެވޭ އޮޑި ދޯނިފަހަރުތަކުގެ ކޮންމެވެސް ހިސާބަކަށް ކިޔައިއުޅޭ ނަމަކުން ނަން ދެނީ އެވެ.

އެހެންވީމަ 25 މެމްބަރުންގެ މި ގްރޫޕަކަށް ވެސް އެކަހަލަ ނަމެއް ނުދިނީ ކީއްވެގެން ހެއްޔެވެ؟ އެމީހުން ބޮޑުބެރުގެ އެހެން ގްރޫޕުތަކާ ތަފާތުވާ ފުރަތަމަ ސަބަބަކީ މިއީ އެވެ.

އެ މީހުންގެ ނަމަކީ އާއިލީ ލޯތްބާއި އެކުވެރިކަމުގެ މިސާލެއް

ހިޖުރީ ތާރީޚުގައި މިއީ 1438 ވަނަ އަހަރެވެ. އެހެންވީމަ ޔަގީނަށް ވެސް މި ގްރޫޕަށް ނަން ކިޔާފައި މި އޮތީ "އުފަންވި އަހަރަށް" ނިސްބަތްކޮށެވެ. އެކަމަކު ނަމުގެ މާނަ އަދި މިއަށްވުރެން ވެސް ފުނެވެ.

"މި ނަން އައި ގޮތަކީ، ހިޖުރީ އާ އަހަރު ފެށުމާ ދިމާކޮށް އަސްލު މި ހުރިހާ ކަމެއް ހިނގައިދިޔައީ. ކުރީގެ ގްރޫޕުން އެންމެން ވަކިވުމާއި މި ގްރޫޕް އުފެއްދުން ވެސް މިދިޔައީ އާ އަހަރާ ދިމާކޮށް. ދެން އެންމެން އެއްބަސްވެގެން އެކައްޗެއް ކިޔައިގެން ދިން ނަމެއް ސާދަ ތިރީސް އަށެކީ،" ސާދަ ތިރީސް އަށެއްގެ މެމްބަރުންތައް ކިޔައިދިނެވެ.

އެމީހުންގެ މި ބެކް ސްޓޯރީ ނޭނގޭ ސަޕޯޓަރުންނާއި ފޭނުންނަށް އެ ދިމާލުން ދެ ތިން ލައިނެއް އަޅައިދެނީ ކަމުގައި ވަނީ ނަމަ ބުނަން ޖެހޭނީ މި ބޮޑުބެރު ގްރޫޕެއް އުފައްދައިގެން މި އުޅެނީ ދިވެހި ބޮޑުބެރަށް "ހަބޭސް" ގެ ފޯރިގަނޑެއް ގެނައި ހުނަރުވެރިންތަކެއް ކަމެވެ. އެމީހުންގެ ކުރީގެ ގްރޫޕް ދޫކޮށް މި ގްރޫޕެއް އުފައްދައި ބެރު ޖަހަން ފެށިތާ މިހާރު މަސް ދުވަސްވީ އެވެ.

ދެން އަނެއްކާވެސް "ސާދަ ތިރީސް އަށެއް" ގެ ނަމުގައި އޮތް ބޮޑު ވާހަކަ އަށް ދަމާ ހިނގާށެވެ.

"ހިޖުރީ އާ އަހަރު މުސްލިމުން މި ފާހަގަކުރާ ގޮތަކީ، އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށްފައި ރައްކާތެރި އެހެން ހިސާބަކަށް ބަދަލުވި ބަދަލުވުމުން. އެގޮތަށް ބަލައިގެން އަޅުގަނޑުމެން ވެސް ހުރަސްތައް ގިރާކޮށްފައި، އަމިއްލަ އާއިލާއެއްގެ ގޮތުގައި އޮތް ގްރޫޕެއް ދޫކޮށްފައި ނުކުތް ދުވަސް ހިޖުރީ އާ އަހަރާ ދިމާވީމަ އެންމެން ވެސް ނިންމީ ސާދަ ތިރީސް އަށެއް ކިޔަން ނަމަކަށް،" ގްރޫޕްގެ މެމްބަރުން ބުންޏެވެ.

"މި ނަން ކީ ތަފާތު ވެސް ނަމަކަށްވީމަ. ނަން ދިގުވެގެން ވެސް ބައެއް މީހުން އުޅޭ. ދެން އާންމުކޮށް ބޮޑުބެރު ގްރޫޕަކަށް މިކިޔަނީ ދޯންޏެއްގެ ކޮންމެވެސް ބަޔަކަށް ކިޔާ ނަމެއް ނުވަތަ ބީޓަކަށް ދިވެހިން ކިޔާ ނަމެއް. ސަގާފީ ކޮންމެވެސް ނަމެއް މިކިޔަނީ އެންމެން ވެސް. އެކަމަކު އަޅުގަނޑުމެން ބޭނުންވީ ނަން ވެސް ތަފާތުކޮށްލަން. އަދި އެ ނަމާ ބެހޭ ގޮތުން މީހުން ގިނައިން ވާހަކަ ދައްކާ ކަހަލަ ނަމެއް ދޭން ބޭނުންވީ ވެސް."

ޔަގީނަށް ވެސް "1438" އަށް އެމީހުންގެ ހުރިހާ މަގުސަދެއް މި ވަނީ ނަމުގެ ޖާދޫ އިން ހާސިލުވެފަ އެވެ.

ބޮޑުބެރަށް އަނެއްކާވެސް އިންގިލާބެއް ގެނެވިދާނެ!

ދިވެހިންގެ ބޮޑުބެރުގެ ސްޓޭޖަށް މިހާތަނަށް އެ ވަނީ ދެ އިންގިލާބެއް ގެނެސްފަ އެވެ. އެންމެ ފުރަތަމަ އަދި އެންމެ ބާރުގަދަ އިންގިލާބަކީ މިހާރު ވައިގައި ހިފައިފައި މި އޮތް ޒަމާނީ ބޮޑުބެރު އުފެދުމުގެ އަސްލާ ވެސް ގުޅިފައި އޮތް "ހަރުބީ ބޮޑުބެރު ގްރޫޕް" ގެ އިންގިލާބެވެ. އެއަށް ފަހު ދެން ފެނިގެންދިޔައީ ޒަމާނީ މި ބޮޑުބެރަށް "ހަބޭސް" ގެ އިންގިލާބެއް ގެނައި ތަނެވެ.

ޒަމާނީ ބޮޑުބެރާއި ޒަމާނީ ލަވަ އާއި ކުލަ އާއި ރަހަ އާއި ސޯޝަލް މީޑިއާގެ ފޯރި އާއި ވިޔަފާރީގެ ތަފާތު އުކުޅުތައް ވެސް ބޭނުންކޮށްގެން ގެނައި "ހަބޭސް" އިންގިލާބުގެ ފަހަތުގައި ތިބި ބަޔަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެ އިންގިލާބުގައި ދިވެހި ބޮޑުބެރުގެ ސީން ތާ އަބަދަށް ބަދަލުކޮށްލި މޭސްތިރިންނަކީ މިހާރު ސާދަ ތިރީސް އަށެއްގެ ފަހަތުގައި ވެސް ތިބި ހުނަރުވެރިންނެވެ.

އެހެންކަމުން ޒަމާނީ ބޮޑުބެރަށް އަނެއްކާވެސް އިންގިލާބެއް އައުމުގެ ކޮޅުމަތި މި ވަނީ މިހާރު ވެސް ފެންނަން ފަށައިފަ އެވެ. ވަކިން ހާއްސަކޮށް ސާދަ ތިރީސް އަށެއްގެ ވަކިވަކި މެމްބަރުންގެ ހުނަރުވެރިކަމަށް ބެލިޔަސް މި ވާހަކައެއް ގަބޫލުކުރަން ފަސޭހަވާނެ އެވެ. އެންމެ މެމްބަރެއްގެ ވާހަކައިން ފަށައިގެން ނިންމާލާ ނަމަ ބޮޑުބެރުގެ މަޝްހޫރު އަދި އެވަރަށް މަގްބޫލު ލަވަކިޔުންތެރިޔާ މުސީގެ މި ކުރު ނަން ވެސް ފުދެ އެވެ.

ދަރުމަވަންތަ ސްކޫލްގެ ބޮޑުބެރު ގްރޫޕުގައި ހުނަރު ދެއްކުމަށް ފަހު ޒަމާނީ ބޮޑުބެރުގެ ރާޅު އާންމުންގެ ހިތަށް ބިންދާލި ވަގުތާ ދިމާކޮށް އެ ހިތްތައް ފަތަހަކޮށްފައި ވަނީ ހަބޭސް ބޮޑުބެރު ގްރޫޕްގެ ލީޑް ވޯކަލިސްޓެއްގެ ގޮތުގަ އެވެ. މުސީގެ އެ ހިނިތުންވުމަށާއި ތުއި ލުއި އަޑަށް ބަޔަކު ފާޑުކިޔަސް އާހިރުގައި ހުރިހާ އުފަލަކާއި ކާމިޔާބީއެއް ލިބުނު ހުނަރުވެރިޔަކީ އޭނާ އެވެ. އާންމުންގެ މެދުގައި މިއަދު އެންމެ މަގްބޫލު އެއް ބޮޑުބެރު ލަވަކިޔުންތެރިޔަކީ ޔަގީނަށް ވެސް މުސީ އެވެ.

އެކަމަކު ސާދަ ތިރީސް އަށެކީ މުޅިން ވެސް "މުސީ" ކަހަލަ ނުވަތަ އެ ފެންވަރުގެ ހުނަރުވެރިންނާ އެކު ކެކި އަރައިލައަރައިލަ އޮތް ގްރޫޕެކެވެ.

މަލްޓި ޓެލެންޓެޑް މެމްބަރުންތަކެއް!

މަޝްހޫރު ބޮޑުބެރު ގްރޫޕެއް، ހުސްއަތާ ދޫކޮށްލުމަށް ފަހު މި ޒުވާނުންގެ ގްރޫޕުން ސާދަ ތިރީސް އަށެއް އުފެއްދީ ސުމަކުންނެވެ. އަރައިގެން ދިޔަ ކިކުގައި ގްރޫޕްގެ ހުރިހާ ބޮޑުބެރުތަކެއް ވެސް ހެދީ އެމީހުން އަމިއްލައަށެވެ. އަދި މާ ސިންގާ ބޮޑު ބެރު ގްރޫޕެއް ހަދައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޗާޓުގެ އެއް ވަނަ އަށް އަލުން އަރަން އެމީހުންނަށް މާ ގިނަ ދުވަސްތަކެއް ވެސް ނުނެގި އެވެ. -- ހުރިހާ ވެސް ޝުކުރެއް މި މަލްޓިޓެލެންޓެޑް ޒުވާނުންގެ "އާއިލާ" އަށެވެ.

ގްރޫޕަށް ނިސްބަތްވާ ތަފާތު މެމްބަރުންނަށް ބަލާ ނަމަ މެހެފޫޒް އިބްރާހިމްގެ ވާހަކައިން ފަށައިގަންނަމާ ހިނގާށެވެ. މިއީ ބޮޑުބެރުގައި މިއަދު އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ނަމެވެ. ސާދަ ތިރީސް އަށެއްގެ އިސް މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ މެހެފޫޒުގެ މުޅި އާއިލާއަކީ ވެސް ބޮޑުބެރާއި މިއުޒިކާއި ނެށުމަށް މަޝްހޫރު އާއިލާއެކެވެ.

ލީޑް ވޯކަލިސްޓް މުސީއާ އެކު ދަރުމަވަންތަ ސްކޫލްގެ ބޮޑުބެރު ގްރޫޕުން ނުކުމެގެން އައި އެހެން ހުނަރުވެރިންގެ ތެރެއިން ބެރު ޖަހަން މަޝްހޫރު 21 އަހަރުގެ އައްޒަޑޭ އާއި ހުޝާމް ނުވަތަ އެމީހުންގެ ނަމުން ނަމަ ހުއްޓެ އަކީ ވެސް މި ގްރޫޕުން ފާހަގަކޮށްލެވޭ މެމްބަރެކެވެ.

އިތުރު އެހެން މެމްބަރުންނަށް ބަލާއިރު ބެރު ޖެހުންތެރިޔާ ޝަފްރާޒް އިބްރާހިމް އާއި ބ. ހިތާދޫގައި ހުރި އެންމެ މޮޅު އެއް ބެރު ޖެހުންތެރިޔާ ކަމުގައިވާ ރައިހާން އަލީ ވެސް މި ގްރޫޕުން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ހުމާމް ހަލީމް، މުހައްމަދު އަޒީމް، ހުސެއިން ފިޔާޒު، ހަސަން ނަސީރު، ހަސަން ރީހާން އަދި އަދުލީ އާއި ޖަޒްލާން ޝަރީފުގެ އިތުރުން އަހުމަދު އާލިމް އާއި އަހުމަދު ހަމީޒު އަކީ ވެސް ފާހަގަކޮށްލެވޭ މެމްބަރުންނެވެ. އެކަމަކު މެމްބަރުގެ ކުޅަދާނަކަމުގެ ދެން ވެސް ނިމުނީކީއެއް ނޫނެވެ.

މުހިންމު މެމްބަރެއް ކަމުގައިވާ އަހުމަދު އާތިފް އާއި އަޒްރަފް އަދި އިބްރާހިމް ފައިސަލް އާއި މުހައްމަދު އަބްދުﷲ އަދި އެމީހުންގެ ސައުންޑް ޓެކްނީޝަން މުހައްމަދު އިމްރާން ނުވަތަ އިމްބޯ ވެސް ވަރަށް ފާހަގަކޮށްލެވެ އެވެ. އޭނާ އަކީ ޑީޖޭއެއްވެސްމެ އެވެ.

މި އެންމެނަށް ފަހު މި ގްރޫޕްގެ އެންމެ ބޮޑު އެންޓަޓެއިނާ، ހުޝާމް ޝަރީފް ނުވަތަ މަޝްހޫރު ނަމުން ނަމަ ކޮމޭޑިއަން އަލީ ސުޕާރީ ނުވަތަ ދިއްގަރޭ އަކީ ވެސް ގްރޫޕްގެ ހާއްސަ ކަމެކެވެ.

މީގެ އިތުރުން އަލަށް ގްރޫޕާ ގުޅިފައިވާ ހާމިމް އިމްތިޔާޒު އާއި ޔޫސުފް ރިޒާ ފަދަ ހުނަރުވެރިންނަކީ ވެސް އެހެން ގްރޫޕްތަކުގެ ތަރިންނަށް ދޫކުރާނޭ ކުދިންނެއް ނޫނެވެ.

މި އެންމެނާ އެކު ސާދަ ތިރީސް އަށެއް ހިތާނީ މޫސުމުގެ ޝޯތަކަށާއި އާ އަހަރުގެ ޝޯތަކަށް ތައްޔާރުވަމުން އަންނައިރު އެމީހުން ބުނަނީ މިވީ ކުރު މުއްދަތުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އިހަށް ދުވަހު އުފެދުނު ގްރޫޕަކަށްވިޔަސް އެންމެން ވެސް ހިތުގެ އެންމެ ފުންމިނުން ލޯތްބާ އެކު އެމީހުން ބަލައިގަތް ބަލައިގަތުން ކަމަށެވެ.

އެޑިޓަރުގެ ނޯޓް: އަވަސް އޮންލައިން އަކީ ސާދަ ތިރީސް އަށެއް ބޮޑުބެރު ގްރޫޕްގެ އޮންލައިން މީޑިއާ ޕާޓުނަރެވެ. ގްރޫޕާ ބެހޭ މިފަދަ ލިޔުންތަކާއި މެމްބަރުންގެ އާދަޔާހިލާފު ވާހަކަތައް ސިލްސިލާއަކަށް ބަހާލައިގެން އަވަސް އިން ގެނެސްދެމުންގެންދާނެ ވާހަކަ ދަންނަވަމެވެ.