ލައިފްސްޓައިލް

މޮޅު ވާހަކަލިޔުންތެރިޔަކަށް ވާނީ ކިހިނެތް؟

ވާހަކަ ލިޔުންތެރިންގެ ރަސްގެފާނު، ސްޓެފަން ކިންގް، ވާހަކަ ލިޔުމާ ބެހޭ ގޮތުންނާއި އޭނާގެ ކާމިޔާބު ކެރިއަރުގެ ތަޖުރިބާ އިން ބުނެފައިވެ އެވެ.

"ވާހަކަ ލިޔުމަކީ ފައިސާވެރިކަމެއް ލިބިގަތުމަށް ކުރާ ކަމެއް ނޫނެވެ. މަޝްހޫރު މީހަކަށް ބަދަލުވެ، ހަޔާތަށް އަންނަ ނުވަތަ ގެންނަ ލޯބިވެރިން އިތުރުކޮށް ބިޓުން ނެގޭ މިންވަރު ބެލުމަށް ކުރާ ކަމެއް ވެސް ނޫނެވެ. ނުވަތަ މާ ގިނަ ރައްޓެހިންތަކެއް ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއް ވެސް ނޫނެވެ. އާހިރުގައި މިކަމެއްގެ އަސްލު ސަބަބު ގޮސް ގުޅެނީ ކިޔުންތެރިިންނާ އެވެ. އެ މަސައްކަތަކީ އެ ލިޔުމެއް ކިޔާ މީހާ އާއި ލިޔާ މީހާގެ ހަޔާތާއި ދިރިއުޅުން ވެސް ބާއްޖަވެރިކުރުމަށް ކުރެވޭ ކަމެކެވެ."

އެހެންވީމަ މޮޅު ވާހަކަ ލިޔުންތެރިޔަކަށް ބަދަލުވާނީ ކިހިނެތް ހެއްޔެވެ؟ ހިޔާލުން ގަތައި އަމުނައިލެވޭ ލަފުޒާއި ޖުމްލައިން މީހުންގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭ ފެންވަރުގެ ވާހަކަ ލިޔުންތެރިޔަކަށް ބަދަލުވާނީ ކިހިނެތް ހެއްޔެވެ؟

ވާހަކަލިޔަން ކެތްމަދުވެފައި ތިބި ތިޔަ އެންމެނަށް އެ ފިލާވަޅެއް ނަގައިދޭނީ "އަޅުގަނޑުމެންގެ އަމިއްލަ ސްޓެފަން ކިންގް" ނުވަތަ ރާއްޖޭގެ އެންމެ މަގްބޫލު އަދި އެންމެ މަޝްހޫރު ވާހަކަލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދެވެ. ބިންމާ ވެސް ދޭން އޮތީ ހަމަ ސްޓެފަން ކިންގްގެ ނަސޭހަތެވެ. -- މޮޅު ވާހަކަ ލިޔުންތެރިޔަކަށް ވުމުގެ ދަތުރު ފެށެނީ އަމިއްލަ އެދުންތަކުގެ މައްޗަށް ޝައުގާއި ސަމާލުކަން އިސްކޮށްގެންނެވެ.

ތިރީގައި މި ގެނެސްދެނީ، މޮޅު ވާހަކަ ލިޔުންތެރިޔަކަށް ވުމަށް ކެތްމަދުވެފައިވާ ނަމަ އެމީހެއްގެ ލިޔުމުގެ އަހުލާގަށް ދޭން ޖެހޭ ނުވަ ޑޯޒެއްގެ ވާހަކަ އެވެ. ބިންމާ އިބްރާހިމް ވިދާޅުވަނީ މި ނުވަ ނުކުތާ އަށް ފަރުވާތެރިވެގެން މޮޅު ވާހަކައެއް ލިޔެވިދާނެ ކަމަށާއި އޭރުން ވަނަ ގެރެންޓީވާނެ ކަމަށެވެ.

ކިޔާ ނަންތަކަށް ފަރުވާތެރިވުން

އާމްދަނީގެ ބޭނުމުގައި ވާހަކަލިޔާ މީހާ އާއި ޝައުޤުވެރިކަން ހުރީތީ ލިޔާ މީހާގެ ވާހަކައިގެ ފެންވަރު ވަރަށް ތަފާތު ވާނެއެވެ. ފައިސާގެ ބޭނުމުގައި ލިޔާ މީހާ ބަލާނީ އެ "ވަޒީފާ" އަދާކުރެވޭތޯއެވެ. ލިޔާހިތުން ލިޔާ މީހާ ބަލާނީ އެ ވާހަކައަކީ، ކިޔުންތެރިން ކިޔާހިތްވާ މޮޅު ވާހަކައަކަށް ހެދޭތޯއެވެ. ވާހަކަލިޔުމުގެ ފަންނަށާއި، ލިޔާ ވާހަކައަށް ވެސް ތިމާގެ ޝައުޤުވެރިކަން ހުރުމަކީ އެންމެ މުހިންމު ކަންތަކެވެ.

ލިޔެވެނީ ކޯޗެއްކަން އެނގިގެން ލިޔުން

އެއްވެސް މީހަކީ ހުރިހާ އެއްޗެއް އެނގޭ މީހެއް ނޫނެވެ. ވީމާ، ދިރާސާކުރާށެވެ. ވާހަކައިގެ ހިނގާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު އެއްކުރާށެވެ. އެހެންނޫނީ، ލިޔުންތެރިޔާއަށް ލިޔެވޭނީ ކުށެވެ. ކިޔުންތެރިން ވާނީ ފޫއްސެވެ. ދިރާސާކުރަން ވަގުތު ނެތޭ ބުނެފައި ފަރުވާ ކުޑަކޮށްލައިފި ނަމަ، ވާހަކައިގެ ފޭރާން ދެރަވާނެއެވެ.

ދާންވީ މިސްރާބު އެނގުން

ދޯންޏެއް ބަންޑުންޖަހައިލި ހާދިސާ މިސާލަކަށް ނަގާށެވެ. ކުރު ވާހަކައަކަށް ވިޔަސް ނުވަތަ ދިގު ވާހަކައަކަށް ވިޔަސް، އެ ހާދިސާ ފަށާނީ ކޮން ހިސާބަކުން ކަމާއި ނިންމާނެ ހިސާބެއް ކަނޑައަޅައިފައި ނޫނީ ލިޔަން ނުފަށާށެވެ. އެއީ، ދާންވީ ތަނެއް ނޭނގި ގެއިން ނުކުމެގެން މުޅި ރަށުތެރޭގައި ހިނގުން ކަހަލަ ކަމެކެވެ. މުބާރާތަކަށް ލިޔުނަސް، ނޫހަކަށް ލިޔުނަސް، ލިޔަން ކަނޑައެޅިފައިވާ ދިގުމިނެއް އޮންނާނެއެވެ. މިސްރާބު އެނގިގެން ފެށީމައި ނޫނީ، ވާހަކައަށް ރަނގަޅަށް އިންސާފެއް ނުކުރެވޭނެއެވެ.

ފެށުމާއި ނިންމުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން

ފުރަތަމަ ދެތިން ޖުމުލައިން ކިޔުންތެރިޔާގެ ސަމާލުކަން އަތުނުލެވިއްޖެއްޔާ އޭނާ އެ ވާހަކައެއް ނުކިޔާނެއެވެ. ކިޔަން މަޖުބޫރުވަނީ ކިޔާހިތް ވީމައެވެ. ވާހަކަ އެކުގައި ކިޔައިފި ނަމަ، ކިޔުންތެރިޔާގެ ސިކުނޑީގައި އެންމެ ބޮޑަށް ހަރުލާނީ އެންމެ ފަހުން ކިޔުނު ދެތިން ޖުމުލައެވެ. ނިންމުން ރަނގަޅު ކުރެވިއްޖެ ނަމަ، ކިޔައި ނިންމައިފައި ވެސް ކިޔުންތެރިޔާ އިރުކޮޅަކު ވިސްނާލަން އިންނާނެއެވެ.

ލިޔުމުގެ ވައްޓަފާޅި ހުރުން

ޖުމުލަތައް ކުރު ކުރާށެވެ. ސާދާ ބަހުރުވައިން ލިޔާށެވެ. އާފެށުން ނުވަތަ ޕެރެގްރާފްތަކަކަށް ބަހާށެވެ. ދިވެހިން ލިޔާ ނަމަ، ދިވެހިބަސް ރަނގަޅަށް ދަސްކުރާށެވެ. ރަދީފަކީ އެކުވެރިއަކަށް ހަދާށެވެ. ބީރައްޓެހި، ބޮޑެތި ލަފުޒުތައް ބޭނުން ނުކުރާށެވެ. ވާހަކައިގައި އުޅޭ މީހުން ލައްވާ ބޭކާރު ވާހަކަތައް ނުދައްކުވާށެވެ. ވާހަކައަށް މުހިންމު ނޫން ވާހަކަތައް ނުލިޔާށެވެ.

ކުށް ފިލުވަން ވަގުތު ހޯދުން

ވަގުތު ނެތޭ ބުނެފައި ދެވަނަ ފަހަރަށް ނުވަތަ ތިންވަނަ ފަހަރަށް ކިޔާނުލައި ވާހަކަ ދޫކޮށް ނުލާށެވެ. ކުށްފިލުވަން ވާހަކަ ކިޔުމުގެ ތެރޭގައި، ވާހަކަ އިތުރަށް ފުރިހަމަ ވެސް ކުރެވޭނެއެވެ. ހީކުރާ ވަރަށް ވުރެ ބޮޑެތި ކުށްތައް ފެންނާނެއެވެ. ވާހަކައިގައި އިމްލާ ކުށް ނެތުމަކީ ކިޔުންތެރިންގެ ބޮލަށް ފަސޭހަވާ ކަމެކެވެ. ވާހަކައިގެ ތެރެއަށް ވަންނަން ވެސް ފަސޭހަވާ ކަމެކެވެ. ލިޔުންތެރިޔާގެ މަޤްބޫލުކަން އިތުރުވާ ކަމެއް ވެސް މެއެވެ.

ބަސް މަދުކޮށްފައި ޢަމަލު ގިނަކުރުން

ގިނައިން ވާހަކަފޮތް ކިޔުމުގެ ބަދަލުގައި ގިނައިން އެހެން ކަހަލަ ފޮތްކިޔާށެވެ. މަޢުލޫމާތު މުއްސަނދި ކުރާށެވެ. ވީހާ ވެސް ގިނަ މީހުންގެ ވާހަކަތައް އަޑުއަހާށެވެ. ތަންތަނަށް ގޮސް އެ ތަންތަން ހުންނަ ގޮތް ބަލާށެވެ. މާރުކޭޓު، ސަހަރާ، ގޮނޑުދޮށް، އެކި ރަށްރަށް، ވަލުތެރެ، ފަޅު ގޭގެ ކަހަލަ ތަންތަނުން ފެންނަ އެއްޗެއްސާއި، ދުވާ ވަހާއި، އިވޭ އަޑުތައް ތަޖުރިބާ ކުރާށެވެ. އޭރުން ލިޔާ ވާހަކައިން ކިޔުންތެރިން އެ ތަޖުރިބާ ކުރާނެއެވެ. މަންޒަރު ފެނި، އަޑު އިވި، ވަސްދުވާ ވަރަށް ސިފަކުރެވޭނެއެވެ.

ކިޔާ ނަންތަކަށް ފަރުވާތެރިވުން

ވަރަށް މުހިންމު ސަބަބެއް އޮވެގެން ނޫނީ، އެއްކަހަލަ ދެ ނަން ކިޔާ މީހުން ނުގެންގުޅޭށެވެ. ކިޔަން އުނދަގޫ ނަންނަން ވެސް ނުކިޔާށެވެ. އަބަދު "ޝ" ފެށޭ ނަން ނުކިޔާށެވެ. މާ ދިގު ނަންތަކާއި، މާ ބޮޑަށް އާންމު ނަންތަކާއި، "ފޮނި ކާއެއްޗަކާ" ވައްތަރުގެ އާ ފާޑުފާޑުގެ ނަން ވެސް މީހުންނަށް ނުކިޔާށެވެ. އަބަދު ވެސް ހަނދާން ބަހައްޓާށެވެ. ކިޔާ މީހާގެ ސިކުނޑިއަށް ބުރަ ބޮޑު ނުކުރާށެވެ. ވާހަކަ ކިޔަނީ މުނިފޫހިފިލުވުމަށެވެ. އިތުރަށް ފޫހިވާކަށް ނޫނެވެ.

ލިޔަން ފަސޭހަ ވަގުތެއް ހޯދުން

ފަތިހު ތެދުވެ ވާހަކަލިޔަން ބުނަނީ، ހަމައެކަނި އެ ވަގުތު އަޑު މަޑުވާނެތީއެއް ނޫނެވެ. އެކަމަކު، އެ ވަގުތަކީ އަރާމުކޮށްލުމަށް ފަހު އާ ފެށުމަކުން ފަށާ ވަގުތަކަށް ވެސް ވާތީއެވެ. އަޑު މަޑު ވަގުތެއް ހޯދުމަކީ، މާލޭގައި ނަމަ އެހާ ފަސޭހަކަމެއް ނޫނެވެ. ވީމާ، ލިޔަން އިށީނުމުގެ ކުރިން ސިކުނޑިއަށް ލުޔެއް ދޭށެވެ. އިރުކޮޅަކު އަރާމުކޮށްލުމަށް ފަހު ލިޔަން އިށީނުމަކީ، ވަރަށް ބޮޑަށް ޚިޔާލު ތަނަވަސްވާ ކަމެކެވެ.