ގާސިމް އިބްރާހިމް

"އެއާޕޯޓު ތަރައްގީ ކުރެވޭނީ ދިވެހިން އަތުންވެސް އޭޑީސީ ނަގައިގެން"

Nov 24, 2016
11

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ތަރައްގީ ކުރުމަށް ދިވެހިން އަތުންވެސް އެއާޕޯޓު ޑިވަލޮޕްމަންޓު ޗާޖު ނަގަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވެފައިވާ އިރު މިއަދު ބޭއްވި އިގްތިސާދީ ކޮމިޓީގައި އެމަނިކްފާނު ވަނީ ދިވެހިން އަތުން އޭޑީސީ ޗާޖު ނެގުމަށް ތާއީދު ކުރައްވާ ކަމަށް ވޯޓު ދެއްވައިފައެވެ. އަދި އެކަމަށް ވޯޓު ދެއްވި ސަބަބު ބަޔާން ކުރަމުން ގާސިމް ވިދާޅުވީ ދިވެހިންގެ ތަރައްގީއަށް ކުރާ ކަމެއްގައި ދިވެހިންގެ ޝާމިލުވުން ހިމެނެން ޖެހޭ ކަން ގަބޫލު ކުރައްވާ ކަމަށާއި ހަމައެކަނި ބޭރު މީހުން އަތުން އެ ޓެކްސް ނަގަން ތާއީދެއް ނުކުރައްވާނެ ކަމަށެވެ. އަދި އެއާޕޯޓާއި އެހެންތަންތަން ތަރައްގި ކުރެވޭނީ ދިވެހިންގެ އަތުންވެސް އޭޑީސީ ނަގައިގެން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ކީރިތި ރަސޫލާގެ ހަދީސްފުޅެއްގައި އަންގަވާފައި ވަނީ ތިމާ ކުރާ ކަމެއްގައި ތިމާ ޝާމިލު ނުވެ އެހެން މީހުންގެ މައްޗައް އެކަންތައް ލާޒިމް ނުކުރާށޭ. އެހެންވީމަ ތިމާ އެކަމެއްގައި މަސްއޫލު ނުވާކަމެއްގެ މައްޗައް އެހެންމީހުން އަތުން އޭޑީސީ ނަގާފައި އަޅުގަނޑުމެންގެ އަމިއްލަ ވަޒަނުގައި އަމިއްލަ ގެދޮރު ހަދަން ބައިވެރިނުވާ ކަމަށް ވަންޏާ އެއީ ހަދީސްފުޅާ ކަނޑައެޅިގެސް ގޯސްކަމެއް. އެހެންވެ އިސްލާމް ދީނުގެ ނަމުގައި އަޅުގަނޑު އެކަން މި ކުރީ،" ގާސިމް ވިދާޅުވި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރުގެ މަގާމްވެސް އަދާކުރައްވާފައިވާ ގާސިމް ވިދާޅުވީ ގައުމެއްގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ އިރު ރާއްޖޭގެ ހާލަތު ހުރި ގޮތުން ބޭރު ގައުމުތަކާ އަޅާ ކިޔުމަކީ އުންދަގޫ ކަމެއް ކަމަށެވެ. އެގޮތުން އާމްދަނީގެ ބޮޑު ބައެއް ޓޫރިޒަމް ދާއިރާ ހިއްސާ ކުރާއިރު ޓްރާންސީޓް ޕެސެންޖަރުން އަތުން އޭޑީސީ ނެގުމުން ފަތުރުވެރިން އައުން މަދުވެދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭޑީސީ ޗާޖު ނެގުމަށް އިގްތިސާދީ ކޮމިޓީއިން މިއަދު ފާސްކޮށްފައިވާ އިރު އެ ބިލު ފާސް ކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ބިލަށް މިހާތަނަށް އިދިކޮޅު ފަރާތްތަކުން ތާއީދު ނުކުރި ނަމަވެސް ސަރުކާރުގެ މެންބަރުން ވަނީ އެ ބިލަށް ތާއީދު ކުރާ ކަމަށް ވިދާޅުވެފައެވެ.