ވިޔަފާރި

"ސަފާރީތަކުން އަހަރަކު ދައުލަތައް ފަސް މިލިއަން ޑޮލަރު ދައްކާ"

Nov 26, 2016

ރާއްޖޭގެ ސަފާރީތަކުން ޓެކުހުގެ ގޮތުގައި ދައުލަތައް ފަސް މިލިއަން ޑޮލަރު ދައްކާ ކަމަށް ސަފާރީ އޮޮޕަރޭޓަރުންގެ ޖަމިއްޔާ، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބުނެފި އެވެ.

ސަފާރީތަކަށްދޭ "މޯލްޑިވްސް ބޯޓިން އެވޯޑު" ދިނުމަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭ ވާހަކާ ދައްކަވަމުން، އެ ޖަމިއްޔާގެ ސެކްރެޓެރީ ޖެނެރަލް އިގްނާޒު އަލީ ވިދާޅުވީ ރާއްޖޭގެ ސަފާރީ އުޅަނދު ފަހަރުން ދައުލަތް މުއްސަނދި ކުރުމަށް އަމިއްލައަށް އިސް ނަގައިގެން ގިނަ ހިދުމަތްތަކެއް ދެމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ މާގިނަ ލާރި އޮތް ބައެއް ނޫން. ނަމަވެސް ފަހުރުވެރިކަމާއެކު ބުނެވޭނީ ލިވަ ބޯޑް އިންޑަސްޓްރީން އަހަރެއްގެ މައްޗަށް ފަސް މިލިއަން ޑޮލަރުގެ އާމްދަނީއެއް ދައުލަތައް ވައްދައި ދެމޭ. މި ޓެކްސް ވައްދައިދެނީ ސަފާރީތަކުގެ ވެރިން އަމިއްލަ އަށް ސަޕްލައިކޮށްގެން. އަމިއްލައަށް ދޯނީގެ ދިޔަ ހިއްކައިގެން. ޑިންގީގައި އެއްޗިހި ގެނެސްގެން،" އިގްނާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޭން އުފެދުނު ފަހުން ނުވަ އަހަރުވެފައިވާއިރު، އެ ޖަމިއްޔާއިން ކެނޑިނޭޅި ބަނދަރެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އެކަން ވެފައިނުވާ ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވެ މިއީ ފަޅުނެތް އިންޑަސްޓްރީއެކޭ. ތެދުފުޅެއް! ސައިކަލް ޕާކު ކޮށްލާނެ ޕާކިން ޒޯނެއް އޮންނަ ގޮތަށް ސަފާރީތަކަށް ވެސް ތަނެއް އޮންނަން ވާނެ. ނަމަވެސް މި ފަޅުނެތް އިންޑަސްޓްރީ މި ޓެގާއެކު ނުވަ އަހަރު ވޭތުކުރަމުންދާއިރު، އަދި ވެސް ފަޅެއް ނުލިބޭ. އަނެއްހެން ބުނާއިރު ހޯމް ލެސް ސަފާރީ އިންޑަސްޓްރީއެއް މިއީ،" އިގްނާޒު ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މި ކަންތައް ކޮންދެވާނެ ކަމަށް. މިހާރުވެސް ޝުކުރު އަދާކުރަން އެންވަޔަރުމެންޓް މިނިސްްޓްރީ އާއި ޓޫރިޒަމް އަދި އެމްްއެމްޕީއާރުސީ އާއި އިކޮނޮމިކް މިނިސްޓްރީން ވަރަށް ބޮޑު އެއްބާރުލެއް ލިބޭ. ނަމަވެސް އެންމެ މުހިންމު ކަން އޮތީ."

އޭނާ ވިދާޅުވީ ލޭމް އަށް 10 އަހަރު ވެގެންދާއިރު އެ ޖަމިއްޔާ އިން މަސައްކަތް ކުރަމުންދަނީ ހުރިހާ ފަރާތްތަކާ ވެސް ގުޅިގެން ކަމަށެވެ.

"ދިހަ އަހަރުވެގެން ދާއިރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ. ނަމަވެސް ދިހަ އަހަރުގެ ތާރީހުގައި ކުރިއަށް މިދަނީ އެއިރެއްގައި ސަރުކާރު ހިންގަން ތިއްބެވި ވެރިންނާ. ސަރުކާރަކާ ގުޅިގެން. ސަފާރީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަތުގައި ހިފައިގެން،" އިގްނާޒު ވިދާޅުވި އެވެ.

ރާއްޖޭގެ ސަފާރީ އިންޑަސްޓްރީން ބަނދަރެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، މިހާރު ގިނަ އުޅަނދުތައް އަޅައިގެން ތިބެނީ ހުޅުމާލެ ފަޅުގަ އެވެ. ނަމަވެސް އެ ފަޅަކީވެސް ސަފާރީތައް އެޅުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި 150 އަށްވުރެ ގިނަ ސަފާރީ އުޅަނދުގައި 5،000 އަށްވުރެ ގިނަ އެނދު އެބަހުއްޓެވެ.