ފިނިޕޭޖް

4426 ގެ ވަދާއީ ޝޯއަށް ފަހުވެސް އިތުރު ޝޯއެއް މިރޭ ބާއްވަނީ

ހަތާވީސް ޝޯ ހައުސްފުލްކޮށް ދެއްކުމަށްފަހު މިވަގުތަށް އޮލިމްޕަހުން ނަގަން ހަމަޖެހިފައިވާ ބިރުވެރި ފިލްމު 4426 ގެ އިތުރު ޝޯއެއް މިރޭ އޮލިމްޕަހުގައި ދައްކަން ނިންމައިފި އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުނީ ފިލްމުގެ އިތުރު ޝޯއެއް އަޅުވަން ނިންމީ ފިލްމު ބަލަން ބޭނުންވެފައި ތިބި އެތައް ބަޔަކު އަދިވެސް ތިބީމަ ކަމަށާއި ފިލްމު ބަލަން އަތޮޅުތަކުން މާލެ އައިސް ތިބި ބައެއް ފަރާތްތަކަށް ފިލްމު ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. އަދި ފިލްމުގެ ޝޯތައް ހައުސްފުލްކޮށް ދިއުމުގެ ސަބަބުން ފިލްމުގެ ތަރިންނަށްވެސް ހަމަޖެހިލައިގެން ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބޭތީ ކަމަށެވެ.

"ފިލްމު ބަލަން އަތޮޅުތަކުން މާލެ އައިސް އެބަތިބި މީހުން. އެމީހުންނަށްވެސް އެފުރުސަތި ހޯދައިދޭން. އެބަތިބި ފިލްމު ބަލާފައި ނޫނީ ނުފުރަންވެސް. އަދި އޭގެ އިތުރުން ފިލްމުގަިއ ހަރަކާތްތެރިވި ތަރިންނަށްވެސް ހަމަޖެހިލައިގެން ފިލްމު ބަލާލުމުގެ ފުރުސަތެއް ނުލިބޭ ޝޯތައް ފުލްވެގެން ދިޔައީމަ. އެހެންވެ އިތުރު ޝޯއެއް މިރޭ އަޅުވަން ނިންމީ،" ނަހުލާ ބުންޏެވެ.

ފޯފޯޓޫސިކްސްގެ އެންމެ ފަހު ޝޯ މިރޭ އަޅުވާއިރު ފިލްމުގެ ތަރިންނާ އާއިލާތައްވެސް ބައިވެރިވާނެ އެވެ. ނަހުލާ ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން އޮލިމްޕަހުން ޓިކެޓް ވިއްކަމުންދާ ކަމަށެވެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ.

މިވަގުތަށް ފިލްމު އޮލިމްޕަހުން ނެގިނަމަވެސް ނަހުލާ ބުނަނީ އޮލިމްޕަހަށް ވަގުތު ވީވަރަކުން އަދިވެސް އޭނާގެ ބިރުވެރި ފިލްމުގެ ޝޯތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

ބަތަލާ މަރިޔަމް އައްޒަ އާއި މުހައްމަދު ޖުމައްޔިލް އަދި ޔޫސުފް ޝަފީއު އާއި ޝީލާ ނަޖީބުގެ އިތުރުން ކުޅަދާނަ ގިނަ ތަރިންތަކެއް މުހިންމު ރޯލުތަކަކުން ފެނިގެންދާ "4426" އަކީ ގެއެއްގެ ތެރޭގައި ބަންދުވާ ބަޔަކަށް ކުރިމަތިވާ ބިރުވެރި އަދި ނުރައްކާތެރި ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާއި އޮހުނު ތައުރީފަށް ބަލާއިރު މިއީ ފަހުގެ ތާރީޚެއްގައި ބެލުންތެރިންނާ ހަމަ އަށް އައި އެންމެ ރަނގަޅު އެއް ދިވެހި ފިލްމުކަން ފާހަގަކޮށްލެވެ އެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ނަހުލާ ބިރުވެރި ފިލްމެއް ގެނެސްދިން އިރު އިތުރު ފިލްމެއްވެސް މިވަނީ އިއުލާނުކޮށްފަ އެވެ. އެގޮތުން މަރިޔަމް އައްޒަ އާއި ޖުމައްޔިލް ލީޑް ރޯލަށް ލައިގެން އޭނާ ވަނީ "ބީ" ގެ ނަމުގައި ރޮމޭންޓިކް ފިލްމެއް ވެސް އިއުލާނުކޮށްފަ އެވެ. އެ ފިލްމު އަންނަ އަހަރުގެ މެދު ތެރޭގައި ބެލުންތެރިންނާ ހަމަ އަށް އަންނާނެ ކަމަށް ނަހުލާ ބުނެ އެވެ.