ހަބަރު

ކެންސަރަށް ފަރުވާ ހޯދާ ކުދިންނަށް މެޑަމް އެހީވެވަޑައިގެންފި

  • މުޖުތަމައުގެ ހިއްސާދާރަކަށްވެވޭތީ އުފާވޭ
  • މާޔޫސްވެފައިވާ މީހާއަށް އަޅުގަނޑުގެ ހިތުން ޖާގަދެވޭ
  • އުންމީދަކީ އިންސާނާގެ ފުރާނައިގެ އެންމެ ފަހު ވިންދު

ކެންސަރު ބައްޔަށް ފަރުވާ ކުރަމުން އަންނަ ގިނަ އަދަދެއްގެ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް އެހީވެ ވަޑައިގެންފި އެވެ. މިއަދު ހަވީރު މުލިއާގޭގައި ބޭއްވި ހަފުލާއެއްގައި އެކަމަނާ އެހީތެރިވެ ވަޑައިގެންނެވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ 18 އަހަރުން ދަށުގެ ގިނަ އަދަދެއްގެ ކުދިންނަށެވެ.

އެ ހަފުލާގައި ވާހަކަފުޅު ދައްވަމުން މެޑަމް ވިދާޅުވީ ކެންސަރަކީ ވޭނާއި ތަދު އިހުސާސްވުމުގެ ސަބަބުން ދިރިއުޅުން މަތިން މާޔޫސް ކުރުވާ ބައްޔަކަށް ވީނަމަވެސް އުންމީދު އިތުރުކޮށް މާޔޫސްކަން ދޫކޮށްލަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެބައްޔަށް މިހާރުގެ ޑޮކްޓަރުންގެ އެހީގައި ފަރުވާއެއް ހޯދޭނެ ކަމަށާއި އަދި އެކަން ކުރަން އެފަދަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީއެއް ދެވޭތީ އުފާ ކުރައްވާ ކަމަށެވެ.

"[އަޅުގަނޑަށް] އުފާވެރިކަން އިހުސާސް ކުރެވެނީ އެކަކު އަނެކަކަށް އަޅާލަމުންދާ މުޖުތަމައުގެ ހިއްސާދާރަކަށް ހުރިހާ ފަރާތްތަކާއެކު އަޅުގަނޑު ވެސް ވާތީ. ކެންސަރަކީ ފަރުވާއަށް ޝިފާއަކަށް ބޭނުންވެފައި އޮތް ކަމެއް. ދަންނަވަންތޯ އުންމީދަކީ އިންސާނާގެ ފުރާނާގެ އެންމެ ފަހުގެ ވިންދާއެކުގައި ވެސް ވާއެއްޗެއް. އެހެންވެ ކޮންމެ ދުވަހަކު އުންމީދު އާކުރަންވީ. މާޔޫސްކަން ތިޔަ ހުރިހާ ފަރާތްތަކާވާ ވަގުތުތަކަކީ އަޅުގަނޑުގެ ހިތުން އަބަދުވެސް ޖާގަ ދެވޭ ވަގުތުތަކެއް،" އެކަމަނާ ވިދާޅުވި އެވެ.

މި ހަފްލާގައި ވަކިވަކިން އާއިލާތަކާ މެޑަމް ފާތުން ބައްދަލު ކުރެއްވި އިރު އާސަންދަގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު އާއި އެންސްޕާގެ ސީއީއޯ މުޖުތަބާ އަލީ ޖަލީލް ވެސް އެ އާއިލާތަކާ ބައްދަލު ކުރެއްވި އެވެ.