ކުޅިވަރު

ޓޮޓެންހަމަށް ޗެލްސީ ހަމަބިމަށް ތިރިކޮށެއް ނުލެވުނު

Nov 27, 2016
2
  • ސިޓީ މޮޅުވީ ބާންލޭ އަތުން
  • ލިވަޕޫލް މޮޅުވީ ސަންޑަލޭންޑް އަތުން
  • ޓޭބަލްގެ ލީޑަރުކަން ޗެލްސީއަށް

އިނގިރޭސި ޕްރިމިއާ ލީގު ޓޭބަލްގެ ލީޑަރު، ޗެލްސީ މެޗަކުން ބަލި ނުވެ ހަތްވަނަ މެޗުގައި ވާދަވެރި ޓޮޓެންހަމް ބަލިކޮށް ރިކޯޑް ދަމަހައްޓައިފި އެވެ. ރެފްރީ މައިކަލް އޮލިވާ އާއެކު ފެށި މި މެޗުން ޗެލްސީ މޮޅުވެ ޕޮއިންޓެއްގެ ތަފާތާއެކު ޓޭބަލްގެ ކުރީގައި 31 ޕޮއިންޓާއެކު އޮތް ނަމަވެސް މިރޭ އެ ޓީމުގެ ގޯލު ފޫ ދުއްވާލައި ކީޕަރު ކޯޓްއާ ކޮޅަށް ވަނީ ޓޮޓެންހަމް އިން ގޯލެއް ވައްދާލާފަ އެވެ. އެ ލަނޑާއެކު ބައިކޮޅަށް ގޯލެއް ނުވައްދާ ޗެލްސީ ދަމަހައްޓަމުން އައި ކްލީން ޝީޓަށް ނިމުން އައީ އެވެ.

ޗެލްސީގެ ސްޓޭމްފޯޑް ބްރިޖްގައި އެޓީމު މެޗު ފެށި ނަމްވެސް ފުރަތަމަ މިނެޓުން ފެށިގެން މޮޅަށް ކުޅެމުން ދިޔަ ޓޮޓެންހަމް އިން ލަނޑު ޖެހީ އެރިކްޝަން އެވެ. މެޗުގެ 10 ވަނަ މިނެޓްގައި އެރިކްސަންގެ ބާރު ބޯޅައަކުން ލަނޑު ޖަހައި އުންމީދު އާކޮށްފައި ވަނީ ޗެލްސީގެ މެދުތެރެއިން ފަހަތަށް ފޭބި މަޓިޗް އާއި ފަހަތުން ކުރިއަށް ނުކުތް ޑޭވިޑް ލުއިޒަށް ހެދުނު ގޯހަކުންނެވެ.

ފުރަތަމަ ހާފުގައި ޓޮޓެންހަމް އިން އެ ލަނޑު ޖެހުމުގެ ކުރިން ވެސް ހެރީ ކޭން ވަނީ ޗެލްސީގެ ގޯލްގެ ތެރެއަށް ބޯޅައެއް ޖަހާފަ އެވެ. ނަމަވެސް އެ ބޯޅަ ލަނޑަކަށް ނުވީ އޭނާ އޮފްސައިޑް މަގާމެގައި ހުރުމުންނެވެ.

ފުރަތަމަ ހާފުގައި ޓޮޓެންހަމް ދެވަނަ ލަނޑެއްޖެހޭހާ ގާތްގާތުގައި ހަމަލާ އުފައްދާ މޮޅަށް ކުޅެމުން ދިޔައިރު މިދިއަ ދުވަސްތަކުގައި ޗެލްސީގެ މެދުތެރެއިން ގުޅިގެން މޮޅު ކުޅުމެއް މިހާތަނަށް ދައްކަމުން އައި "މިޑްފީލްޑް މެޝީން" އެން ގޯލޯ ކާންޓޭ އާއި މަޓިޗް ފެނުނީ ވަރަށް ދޯދިޔާކޮށް އެއްވެސް ގުޅުމެއް ނެތި ދެކޮޅަށް ދުވަމުން ދިޔަތަނެވެ. ނަތީޖާއަކަށްވީ ޕެޑްރޯ އާއި ހަޒާޑް އަދި އޮލަންސޯ އާއި މޯސެސް އަށް ބާރު ބޮޑުވެ ބޯޅައާއެކު ޑިއެގޯ ކޯސްޓާއާ ހަމައަށްދެވޭ ގޮތް ނުވެ ދިފާއީފާރުގެ ގެ ތެރެއަށް ވަންނަން މަޖުބޫރުވުމެވެ.

ރަތަމަ ހާފުގައި ޓޮޓެންހަމް ނުރައްކާތެރި ގިނަ ހަމަލާތަކަކާ ޗެލްސީއަށް ކުރިމަތިލާން ޖެހުނު އިރު ޗެލްސީއަށް ބޯޅައާއެކު ހަމަޖެހިލައި ޕާސްކޮށްލައި ބޮކްސްތަކަށް ދުވެލެވޭވަރުވީ 18 މިނެޓް ދިޔަ ފަހުންނެވެ.

އޭގެ ފަހުން ކޯސްޓަށް ތަނަސްވަސްވި ފުރުސަތު ގެއްލުނީ ބޯޅައާ ހަމައަށް ނޭރިގެނެވެ. އަދި އޭގެ ފަހުން އޮލަންސޯ ތަނަސްވަސްކޮށްދިން ފުރުސަތެއް ވެސް ކޯސްޓާއަށް ގެއްލުނެވެ. ޗެލްސީގެ ކުޅުން ރަނގަޅުވެ ގުޅިގެން ކުޅެވޭ ގަނެވޭ ގޮތްވީ ހަޒާޑް މެދުތެރެއަށް ޖެހިލައި ޕެޑްރޯ އާއި މޯސެސް، ކޯސްޓާއާ ކައިރިއަށް ކޮއްޕާލުމުން ލިބުނު ހުސްޖާގައިގެ ތެރެއަށް ކާންޓޭ އާއި ހަޒާޑް ވަންނަން ފެށުމުންނެވެ.

އޭގެ ފައިދާއަކަށްވީ މެޗުގެ 45 ވަނަ މިނެޓްގައި ޕެޑްރޯއަށް ތަނަސްވި ފުރުސަތުގައި ޓޮޓެންހަމްގެ ދެ ޑިފެންޑަރުންނަށް އޮޅުވާލުމަށްފަހު އަނބުރާލާފައި ފޮނުވާލިި އޭނާގެ ރަސްމީ ބޯޅަ ހިތްގައިމު ގޮތަކަށް ޓޮޓެންހަމް ގޯލުގެ މަތީ ކަނުން އެތެރެވެ ދާގަގަނޑުގައި ތަތްވުމުންނެވެ. އެހާ ހިސާބުން ދެންފެނުނީ އެންޓޯނިއޯ ކޮންޓޭގެ އާ ސިސްޓަމްގެ މައްޗަށް ބިނާވެފައިވާ ޗެލްސީއެވެ. މުޅިޓީމް ކުރިއަށް ޖެހި މޮޅަށް ކުޅެގަނެ ފުރުސަތުތައް ތަނަވަސް ކުރަމުން ދަނިކޮށް ހާފު ނިމިގެން ފައިބައިން ޖެހުނީ ކޯސްޓާއި ހަޒާޑްގެ މޮޅުކުޅުމުގެ ތެރެއިންނެވެ.

އެނަލީސްޓުން ލަފާ ކުރި ގޮތްތަކާ ހިލާފަށް ދެވަނަހާފުގައި އެއްވެސް ބަދަލެއް ނެތި ދެޓީމު ނުކުތް އިރު ބޮޑަށް ބެލެވުނީ އެނަލިސްޓުން ވެސް ބުނަމުން ދިޔަ ގޮތަށް ޓޮޓެން ހަމް ކުރި އަރައި ކުޅެގަނެ ޗެލްސީ ހަމަ ބިމަށް ތިރިކޮށްލާނެ ކަމަށެވެ. ނަމަވެސް ފަހުހާފު ފެނުނީ މެޗުގެ ޓެމްޕޯ އެކޮޅުކޮޅުން ޖެހި ޗެލްސީ ހަބޭހަށް ކުޅެގަތް ތަނެވެ. އަދި ކުޑަ ވަގުތުކޮޅެއްގައި ދެ ފުރުސަތު ތަނަަވަސްވެ ބޭކާރުވި ފަހުން ކޯސްޓާ ހަނި ގޮތަކަށް ދެމިގަނެގެން އަރައި ތަނަސްވަސްކޮށްދިން ހިތް ގައިމު ބޯޅައެއްގައި ހުހަށް އަރައި ގޯލްތެރެއަށް ފޮނުވާލައިގެން ޗެލްސީއަށް ލީޑް ފުޅާ ކޮށްދިނީ މި ސީޒަންގައި ޗެލްސީގެ ތަރިއަކަށްވެފައިވާ މޯސެސް އެވެ.

އޭނާ ލަނޑު ޖަހާފައިވަނީ 51 ވަނަ މިނެޓްގަ އެވެ. އޭގެ ކުޑައިރު ކޮޅެއްފަހުން އޮލަންސޯއަށް ހުހަށް ޖަހަން ކޯސްޓާ ހޯދައިދިން ބޯޅަށް ގޯލަށް ނުޖަހައި ދުއްވާލީ ހުރަސްދަނޑި މަތިންނެވެ. އަދި ކޯސްޓާ އަށް ލިބުނު ފުރުސަތާއި ފަހު ހާފުގައި ކުޅެން ނުކުތް ވިލިއަން އަށް ލިބުނު ފުރުސަތާއި އޮސްކާ އާއި ކޯސްޓާ ގުޅިގެން އުފެއްދި ހަމަލާ ފާހަގަ ކޮށްލެވެ އެވެ. ފަހުހާފުގައި ޓޮޓެން ހަމް ފެނުނީ ގުޅުން ކެނޑިފައި ވަނިކޮށެވެ. ހާއްސަކޮށް މަޓިޗް އާއި ކާންޓޭންގެ ބެޓްޓްރީ ފަހުހާފުގައި ރީޗާޖްވެފައި ވުމުގެ ސަބަބުން ޓޮޓެންހަމް ގެ ނުރައްކާތެރި ޕްލޭމޭކާ އެރިކްޝަންގެ ކުޅުން ވަނީ ހަލާކުކޮށްލާފަ އެވެ. މި މެޗުގައި ހަޒާޑް އާއި ކޯސްޓާގެ ފަރާތުން ލަނޑެއް ނައި ނަމަވެސް މޮޅު ކުޅުން ފެނިގެން ދިޔައެވެ. ހާއްސަކޮށް ރިހެބިލިޓޭޓްވެފައިވާ ކޯސްޓާ ފެނުނީ ވަރަށް ތަފާތުކޮށެވެ.

ޗެލްސީ މޮޅުވެގެން ލީޑް ދެމެހެއްޓި އިރު މެންސިޓީވަނީ ބާންލޭ އަތުން 2-1 ނަތީޖާއަކުން މޮޅުވެފަ އެވެ. ސިޓއަށް ލަނޑު ތައް ޖަހައިދިނީ އަގއޭރޯ އެވެ. އަނެއްކޮޅުން ލިވަޕޫލް ވަނީ ސަންޑަންލޭންޑް ކޮޅަށް ދެލަނޑުޖަހައިގެން މޮޅުވެފަ އެވެ.

މިނަތީޖާއާއެކު ލިވަޕޫލާއި ސިޓީއަށް އެއްކުރެވިފައި ވަނީ 30 ޕޮއިންޓެވެ. އެހެން ނަމަވެސް ގޯލްގެ ތަފާތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ސިޓީ ތިންވަނައިގަ އެވެ.

މިރޭ ކުޅުން އެހެން މެޗުތަކަށް ބަލާއިރު ހަލް ސިޓީ އާއި ވެސްބްރޯމް ގެ މެޗު ނިމުނީ 1-1 ގެ ޑްރޯއަކުންނެވެ. ސްވަންސީ އާއި ކްރިސްޓަލް ޕެލަސް ވާދަ ކުރި މެޗު ނިމުނީ 5-4 އިން ސްވަންސީ މޮޅުވެގެނެވެ. ޗެމްޕިއަން ލެސްޓާ ސިޓީ އާއި މިޑްލްސް ބޮރޯގެ މެޗު ނިމުނ 2-2ގެ ނަތީޖާއަކުން ހަމަހަމަވެގެނެވެ.