ހޮލީވުޑް

ބޮކްސް އޮފީހުގައި އަނެއްކާވެސް ޑިޒްނީގެ ޕްރިންސެސްއެއްގެ ޖާދޫ

Nov 27, 2016

ޑިޒްނީގެ އާ ޕްރިންސެސް އަކީ މޮއާނާ އެވެ. މި ޕްރިންސެސްއްގެ ނަމުން ނަން ދީގެން މިދިޔަ ހަފުތާ ބަންދުގައި އުތުރު އެމެރިކާގައި ޕްރިމިއާކުރި އެނިމޭޓެޑް ފިލްމު "މޮއާނާ" މި ވަނީ ނިކަން ފަސޭހަކަމާ އެކު ބޮކްސް އޮފީސް ފަތަހަކޮށްފަ އެވެ.

މިދިޔަ ހުކުރު ދުވަހު އެކަނި މި ފިލްމަށް 3،875 ސްކްރީނުން 21.8 މިލިއަން ޑޮލަރު ލިބިފައިވާއިރު ފަސް ދުވަހުގެ ޖުމްލަ މިހާރު ވަނީ 47.4 މިލިއަން ޑޮލަރަށް އަރައިފަ އެވެ. މި ފިލްމަކީ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

ފިލްމަށް ބެލުންތެރިންނާއި ފާޑުކިޔުންތެރިންގެ ތައުރީފު އޮހެމުން އަންނައިރު ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ ވިޔަފާރި އިތުރަށް ރަނގަޅުވާނެ ކަމަށް ލަފާކުރެވެ އެވެ. މި ފިލްމުގައި ޑިޒްނީ އިން ކިޔައިދެނީ އެމެރިކާގެ ހަވާއީގެ ގަބީލާއަކަށް ނިސްބަތްވާ ޕްރިންސެސްއެއްގެ ވާހަކަ އެވެ. އާއިލާ އާއި އަމިއްލަ ވަޒަން ދޫކޮށް ރައްޔިތުންގެ ހިމާޔަތުގައި އޭނާ އެކަނި މާ ސިންގާ ކަނޑަށް ނުކުމެ ކުރިމަތިލާ ނުރައްކާތަކާއި ގޮންޖެހުންތަކެކެވެ.

ފާޑުކިޔުންތެރިން ބުނަނީ ޑިޒްނީގެ ފްރޯޒެންގައި ހިމެނުނު ފަދަ ރީތި އަދި ފަސޭހައިން ބޮލުގައި ހަރުލާ ފަދަ ލަވަތަކެއް ޑިޒްނީގެ މި ފިލްމުގައި ވެސް ހިމެނޭ ކަމަށެވެ.

މި ފިލްމު އުފައްދާފައި ވަނީ ޑިޒްނީގެ މަޝްހޫރު އެހެން އެނިމޭޓެޑް ފިލްމުތައް ކަމުގައިވާ އެލާޑިން އާއި ލިޓްލް މާމެއިޑް އަދި 2009 ވަނަ އަހަރު ގެނެސްދިން ދަ ޕްރިންސެސް އެންޑް ދަ ފްރޮގް ފަދަ ހިތްގައިމު އެނިމޭޝަންތައް ބެލުންތެރިންނާ ހަމަ އަށް ގެނެސްދިން ޓީމުންނެވެ. ފިލްމުގެ ދެ ޑައިރެކްޓަރުންނަކީ ޖޯން މަސްކާ އާއި ރޮން ކްލެމެންޓްސް އެވެ.

މި ފިލްމު ފަހަތުން ބޮކްސް އޮފީހުގެ ޗާޓުގެ ދެ ވަނާގައި އޮތީ ހެރީ ޕޮޓާ ފިލްމު ސިލްސިލާގެ ސްޕިން އޮފް ނުވަތަ މާ ކުރީގެ ވާހަކަތަކެއް ކިޔައިދޭ ފިލްމު "ފެންޓާސްޓިކް ބީސްޓްސް" އެވެ. ޗާޓްގެ ތިން ވަނާގައި އޮތީ ހަތަރު ވަނަ ހަފުތާ ގުނަމުން އަންނަ "ޑޮކްޓަ ސްޓްރޭންޖު" އެވެ.

އަލަށް ނުކުތް ފިލްމުތަކުގެ ތެރެއިން ބްރެޑް ޕިޓާއި މާރިއޮން ކޯޓިއާޑް ލީޑް ރޯލުކުޅެފައިވާ ރޮމޭންޓިކް ސްޕައި ތްރިލާ އޮތީ ޗާޓްގެ ހަތަރު ވަނައިގަ އެވެ.