ހޮލީވުޑް

ލާމުގެ އިތުރު މަންޒަރުތަކާ އެކު ރޯގް ވަންގެ އާ ޓްރެއިލާއެއް

Nov 27, 2016

ސްޓާ ވޯސްގެ އެންތޮލޮޖީ ސިލްސިލާގެ ދަށުން އުފައްދާފައިވާ ފުރަތަމަ ފިލްމު "ރޯގް ވަން" ސިނަމާތަކަށް ނެރެން ތައްޔާރުވަމުން އަންނައިރު މިއީ ދިވެހިން ވެސް އެ ފިލްމަކަށް ކެތްމަދުވެފައިވާ އުފެއްދުމެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މި ފިލްމުގައި ސްޓާ ވޯސްގެ ހިޔާލީ ދުނިޔެއިން މުޅިން އަލަށް ތައާރަފްކުރާ އާ ޕްލެނެޓް، ސްކާރިފްގެ މަންޒަރުތައް ޝޫޓްކޮށްފައިވާ ރާއްޖޭގެ ހިތްގައިމުކަމުގައި ކަމަށްވާތީ އެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު ޕްރިމިއާކުރަން ހަމަޖެހިފައިވާ މި ފިލްމުގެ އާ ޓްރެއިލާއެއް ޑިޒްނީ އާއި ލޫކަސް ފިލްމުން އިއްޔެ އާންމުކޮށްފައިވާއިރު މިއީ ލ. ބަރެސްދޫ އާއި އެ އަތޮޅުގެ އެހެން ހިތްގައިމު ލޮކޭޝަންސްތަކުގައި ޝޫޓްކޮށްފައިވާ ގިނަ މަންޒަރުތަކެއް އޭގައި ހިމަނާފައިވާ ޓްރެއިލާއެކެވެ. ރޯގް ވަންގެ ވިއްސަކަށް މިނެޓް ލ. އަތޮޅުގައި ޝޫޓްކޮށްފައިވާއިރު އެއީ ފިލްމުގެ އެންމެ މުހިންމު އެކްޝަން މަންޒަރުތަކެވެ.

ކުރިން ނެރުނު ޓްރެއިލާތަކުގައި ވެސް ލާމުގެ ހިތްގައިމުކަން ދައްކުވައިދީފައިވެ އެވެ. ނަމަވެސް މި ޓްރެއިލާގައި އެ މަންޒަރުތައް ކުރިއަށް ވުރެ ސާފުވެފައި މާ ބޮޑަށް ތަފްސީލެވެ.

ސްޓާ ވޯސްގެ ސްޕިން އޮފް ފިލްމެއްގެ ގޮތުގައި ގެރެތު އެޑްވަޑްސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ލީޑް ރޯލުތައް ކުޅެފައި ވަނީ ފެލިސިޓީ ޖޯންސް އާއި ޑިއޭގޯ ލޫނާ އަދި ޑޮނީ ޔެން އާއި ފްރޮސްޓް ވިޓެކާ އެވެ. މި ފިލްމުގައި ދައްކުވައި ދޭނީ ގެލެކްޓިކް އެމްޕަޔާގެ ސުޕަވެޕަންއެއް ކަމުގައިވާ ޑެތު ސްޓާއެއް ހަލާކުކޮށްލުމަށް ހަތިޔާރު އެޅި ގްރޫޕަކުން ކުރާ މަސައްކަތެވެ.