ބޭރު ކުޅިވަރު

މޮޅުވިޔަސް ކުޅުމާމެދު ޒިދާން ހިތްހަމައެއް ނުޖެހުނު

Nov 27, 2016

ސްޕެނިޝް ލީގްގައި ރޭ ސްޕޯޓިން ޖިއޯން އަތުން 2-1 ނަތީޖާއަކުން މޮޅުވިޔަސް ރެއާލް މެޑްރިޑް ދެއްކި ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށް އެޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލްގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ރޮނާލްޑޯއެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗްގެ ފަސް ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އަނެއް ލަނޑު 18 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނަޗޯ ދިން ހިތްގައިމު ޕާހަކުންނެވެ.

މެޗުން ރެއާލް މޮޅުވެ އެޓީމު ތާވަލުގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓްގެ ލީޑެއްގައެވެ. ރެއާލް އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. ދެ ވަނައިގައި އޮތީ 27 ޕޮއިންޓާއެކު އޮތް ސެވިއްޔާއެވެ.

ޒިދާން ބުނީ "މެޗްގައި ރެއާލް ކުޅުނު ގޮތާ މެދު އޭނާ ހިތް ހަމަ ނުޖެހޭ" ކަމަށެވެ. "ބައެއް މެޗްތަކުގައި މިހެންވެސް ވާނެ އެކަމަކުވެސް އަހަރެމެންނަށް މި މެޗްގައި ތިނެއް ނުވަތަ ހަތަރު ލަނޑުވެސް ޖެހުނިސް،" ޒިދާން ބުންނެވެ.

"މެޗްގައި ބޯކޮށް ވާރޭ ވެހުނު އިރު އަހަރެމެންގެ ކުޅުންތެރިން މެޗަށް ދިން ސަމާލުކަން ވަނީ ގެއްލިފަ އަހަރެމެން އަމިއްލަ އަށް ކުޅުނު ގޮތުން އަހަރެމެންނަށް ގޭމް އުނދަގޫވީ މި ހަނދާން ނައްތާލަން ޖެހޭ މެޗެއް."

ނަމަވެސް ޒިދާން ބުނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުމަކީ ހިތްހަމަޖައްސާލްވެން އޮތް ކަމެއް ކަމަށެވެ.

މިހާތަނަށް މިސީޒަންގެ އެއްވެސް މެޗަކުން ރެއާލް ބަލިވެފައެއް ނުވެއެވެ.

"ލީގްގެ ޓޮޮޕްގައި ހިފަހައްޓާ ލެވުނަސް މިފަހަރު ލީގް ލިބިދާނެ ކަމަށް ބަލައިގެން ނުވާނެ އެއީ އަހަރެންވެސް ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި އެއް ސީޒަން ދިޔަ މުޅި ސީޒަންގައި ހުރިހާ މުބާރާތެއްގައި އަހަރެމެން ލީޑް ކުރި ނަމަވެސް ސީޒަން ނިމުނު އިރު އަހަރެމެންނަށް އެކައްޗެއްވެސް ނުލިބުނު." ޒިދާން ބުންޏެވެ.