ހަބަރު

"ހިއުމަން ޓްރެފިކިންގެ މައްސަލަތަކުގައި ދުލެއް ނުދޭނަން"

Nov 27, 2016

ހިއުމަން ޓްރެފިކިން ހުއްޓުވަން ސަރުކާރުން ކުރާ މަސައްތަށް ކާމިޔާބީތައް ލިބެމުން އަންނަ ކަމަށާއި މިހާތަނަށް އެފަދަ މައްސަލަތަކުގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހިއުމަން ޓްރެފިކިން ނުވަތަ އިންސާނުން ވަގުފާރި ކުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ހަތަރު އިދާރާއެއް ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސުގައި މިނިސްޓަރު ސައީދު ވިދާޅުވީ ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމަކީ އިންސާނީ ވަގުފާރި ހުއްޓުވުމަށް އެކުލަވާލި ގާނޫނު ކަމަށެވެ. އަދި އެ ގާނޫނު ތަންފީޒު ކުރަން ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރާ ކަމަށާއި އޭގެ ނަތީޖާ ވެސް މިހާރު ފެންނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ގާނޫނަކީ ވެސް ހިއުމަން ޓްރެފިކިން ހުއްޓުވުމުގެ ގާނޫނު. މިއީ ވެސް މިކަމަށް އިސްކަން ދޭވަރު އަންގައިދޭ ކަމެއް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މި ގާނޫނު ވުޖޫދަށް ގެނައުމުގެ އިތުރުން ހިއުމަން ޓްރެފިކިންގެ މައްސަލަަތައް ކުރިމަތިވާ މީހުންނަށް ގުޅުމަށް ހާއްސަ ހޮޓްލައިނެއް ގާއިމްކޮށްފައިވާ ކަމަށާއި، އަދި މި ގާނޫނާއެކު ރިޕޯޓު ކުރެވޭ ކޭސްތަކުގެ އަދަދު ވެސް އިތުުރު ވެގެން ގޮސްފައިވާ ކަމަށެވެ.

"މީގައި ފާހަގަ ކޮށްލަން ޖެހޭ ދާދިފަހުން ވަނީ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި މީހެއްގެ މައްޗަށް ހުކުމް ވެސް ކޮށްފައި. މިއީ ކާމިޔާބީއެއް،" ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވި ރާއްޖެއަކީ ބޭރުގެ އެހެން ގައުމުތަކާ އެއްވަރަށް މި މައްސަލަ އޮތް ގައުމަކަށް ނުވި ނަމަވެސް މިފަދަ މައްސަލަތައް ފާހަގަ ކުރެވެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ކެނޑިނޭޅި ހުރިހާ ވުޒާރާތައް ގުޅިގެން ކުރަމުން މިދާ މަސައްކަތަކީ މިފަދަ މައްސަލަަތައް ހުއްޓުވުމުގެ މަސައްކަތް،" ސައީދު ވިދާޅުވި އެވެ.

އަޅާފައިވާ ފިޔަވަޅުތައް ކުރުކޮށް

  • ހިއުމަންޓް ޓްރެފިކިން ގާނޫނެއް ވުޖޫދަށް ގެނައުން
  • ރެމިޓެންސް ޓެކްސްގެ ސަބަބުން ފައިދާ ކުރޭ
  • ރެކްރޫޓްމަންޓް އެޖެންސީތައް ރަޖިސްޓްރީ ކުރަން ޖެހުން
  • ބިދޭސީން އިންޝުއަ ކުރަން ލާޒިމް ކުރުން

"ކުރިން މަސައްކަތު މީހާ ގެނައުމަށް ފަހު މަރުވުން ފަދަ ކަމެއް ދިމާވި ނަމަވެސް ހަށިގަނޑު ފޮނުވާލުން ފަދަ ކަންކަމުގައި ވެސް ވަރަށް ބޮޑެތި ދަތިތައް ހުރޭ. ނަމަވެސް އިންޝުއަ ކުރުމުން އެކަން މިވަނީ ހައްލުވެފައި،" ސައީދު ވިދާޅުވި އެވެ. "ރެމިޓެންސް ޓެކުހުން ޔަގީންވާނެ ބިދޭސީންނަށް މުސާރަ ލިބޭނެކަން،"

"ރެމިޓެންސް ޓެކްސް" ނެގުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީން މުސާރަ ޖަމާކުރަން ޖެހޭނީ ރާއްޖޭގައި ހިންގާ ބޭންކެއްގެ އެކައުންޓަކަށެވެ. އަދި އެ ގާނޫނާ ހިލާފުވެއްޖެ ނަމަ ވަޒީފާދޭ ފަރާތް 50،000ރ. އިން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ. އަދި މި ބަދަލާއެކު ތިން މަސް ދުވަހުގެ ތެރޭގައި ބިދޭސީން ބޭންކްތަކުގައި އެކައުންޓް ހުޅުވަން ޖެހެ އެވެ. މިކަމުގެ ސަބަބުން ބައެއް ވިޔަފާރިވެރިން ދަނީ ޝަކުވާ ކުރަމުންނެވެ. ސަބަބަކީ މިކަންކުރުމަށް އޮތް ވަގުތު ކޮޅު ކުޑަވުމެވެ.

ރެމިޓެންސް ޓެކުސް ނެގުމާ ބެހޭ ގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މި ޓެކުސް ނެގުމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަދިތަކަށް ހައްލު ހޯދައި ދިނުމަށް ވިޔަފާރިވެރިންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

"މި ކަންކުރަން ޖެހޭ. ހަގީގަތުގައި މީގެ ސަބަބުން ފައިދާވާނެ މުސްތަގުބަލުގައި ވިޔަފާރިތަކަށް. އަޅުގަނޑުމެންނަކީ ވިޔަފާރިއާ ބެހޭ މިނިސްޓަރީ އެހެންވެ ވިޔަފާރިތަކަށް ދިމާވާ ކޮންމެ ދަތިކަމެއް ހައްލު ކޮށްދިނުމުގައި ގުޅިގެން މަސައްކަތް ކުރަމުންދާނެ ވާހަކަ ދަންނަވަން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރެމިޓެންސް ޓެކްސްގެ ސަބަބުން ކުރިއެރުންތަކެއްވެސް ލިބޭނެ ކަމާށާއި، މީގެ ސަބަބުން ވަޒީފާ ދޭ ފަރާތްކާއި ވަޒީފާ އަދާކުރާ ފަރާތައް ވެސް ފައިދާ ކުރާނެ ކަމަށެވެ.

"މީގައި ދެ ކަމެއް ފާހަގަ ކޮށްލަން ޖެހޭ. އެކައުންޓް ހުޅުވުން އެއީ އެއް މައްސަލަ. އަނެއް ކަމަކީ އެކައުންޓެއް ނެތިގެން ފައިސާ ޖަމާ ނުކޮށްގެން ކުރާ ފައިން [ޖޫރިމަނާ] މިކަން ބޭންކްތަކާއި ވިޔަފާރިތަކާ އެއްކޮށް ގުޅިގެން ހައްލު ހޯދަން މަސައްކަތް ކުރެވިދާނެ. މިހާރުވެސް އެލްއާރުއޭ [ލޭބަ ރިލޭޝަން އޮތޯރިޓީ] އަށް ހުށަހެޅޭ މައްސަލަތަކުގައި އެބަ ހުރި ބައެއް ތަންތަން އެބަހުރި މުސާރަ ނުދީ. ނަމަވެސް މަސައްކަތް ކޮށްފިނަމަ މުސާރަ ދޭން ޖެހޭ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް ބިދޭސީން އަންނައިރު، އިންޝުއަކުރެވިފައި ނުހުންނަ ކަމަށާއި، ނަމަވެސް އެކަން ވެސް ކޮށްފައިވާ ކަމަށެވެ. އަދި ބިދޭސީން ރާއްޖެ އައުމުގެ ކުރިން ހެލްތު ޗެކަޕާއި ސެކިއުރިޓީ ޗެކަޕް ހެދުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ކުރިން މަސައްކަތު މީހާ ގެނައުމަށް ފަހު މަރުވުން ފަދަ ކަމެއް ދިމާވި ނަމަވެސް ހަށިގަނޑު ފޮނުވާލުން ފަދަ ކަންކަމުގައި ވެސް ވަރަށް ބޮޑެތި ދަތިތައް ހުރޭ. ނަމަވެސް އިންޝުއަ ކުރުމުން އެކަން މިވަނީ ހައްލުވެފައި،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި އަހަރަކު 400 މިލިއަން ޑޮލަރު މުސާރައިގެ ގޮތުގައި ރާއްޖޭގެ ބޭރަށް ފޮނުވަ އެވެ. ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި ރެމިޓެންސް ފީގެ ގޮތުގައި ދައުލަތައް މި އަހަރު 56 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި އަހަރަކު 400 މިލިއަން ޑޮލަރު މުސާރައިގެ ގޮތުގައި ރާއްޖޭގެ ބޭރަށް ފޮނުވަ އެވެ. ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި ރެމިޓެންސް ފީގެ ގޮތުގައި ދައުލަތައް މި އަހަރު 56 މިލިއަން ރުފިޔާ ލިބޭނެ އެވެ.