އޭސީސީ

ބޮޑު ހިޔާނާތުގެ ރިޕޯޓް ލަސްވަނީ ބަޔާންތަކެއް ނުލިބިގެން: އޭސީސީ

Nov 28, 2016

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ރިޕޯޓް އަދި މުޅިން ނިންމާ ނުލެވިފައި ވަނީ އެ މައްސަލައިގެ ތަހުގީގަށް ބަޔާން ނަގަންޖެހޭ ބައެއް މީހުންގެ ސްޓޭޓްމަންޓް އަދި ލިބިފައި ނުވާތީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ. 

ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ އެ ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ އިރު ސަރުކާރުން ވެސް ބުނަމުން އަންނަނީ އެ ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ވެސް ފެށެން އޮތީ، އޭސީސީގެ ތަހުގީގު ނިމި ރިޕޯޓް ލިބިގެން ކަމަށެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު، "އަވަސް" އަށް ވިދާޅުވީ އެ ރިޕޯޓްގެ ފުރަތަމަ ޑްރާފްޓް ނިންމުމަށް ފަހު ވެސް، އެ މައްސަލައިގައި އިތުރަށް ބަލަން ޖެހުނު ބައެއް ކަންކަން ތަހުގީގަށް ފާހަގަވި ކަމަށާއި އަލްޖަޒީރާ އިން ދެއްކި ސްޓީލިން ޕެރަޑައިޒަށް ފަހު ވެސް ބައެއް ކަންކަން ފާހަގަވި ކަމަށެވެ.

އެހެން ނަމަވެސް އިތުރަށް ބަލައި މައްސަލަތަކުގެ ތަފްސީލެއް ވިދާޅުވެއް ނުވެ އެވެ. މުއައްވިޒު ވިދާޅުވީ އަލަށް ބަލާ ކަންތައްތަކަކީ އަލް-ޖަޒީރާގެ ރިޕޯޓްގައި ހުރި ތުހުމަތުތައް ކަމަށެވެ.

އާ ކަންކަން ތަހުގީގު ކުރުމުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާ އިންވެސްޓިގޭޝަން ޓީމް އިތުރަށް ގޮސް ސުވާލު ކުރި ކަމަށެވެ. އެބޭފުޅުންނާ ސުވާލުކޮށް ހޯދި މައުލޫމާތުތަކަށް ފަހު ތަހުގީގުގައި އިތުރު ފަރާތްތަކާ ވެސް ސުވާލު ކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިތުރު ބޭންކް ސްޓޭޓްމަންޓްތައް ވެސް ބަލަން ޖެހުނު ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ތަހުގީގެއް. ކޮމިޝަނުން ވެސް ބަލާ މިފަދަ އެންމެ ބޮޑު މައްސަލަމިއީ. ފަހުން ތަހުގީގުގައި ބެލި ކަންކަމުގެ ތެރެއިން މުޅި ތަހުގީގު ނިންމާލަން ދެތިން ބޭފުޅެއްްގެ ސްޓޭޓަމަންޓް، ބަޔާން އަދި އެބަ ބޭނުންވޭ. އެ ބަޔާންތައް އަދި ނުނެގިގެން ލަސްވަނީ. އެކަމަކު އެކަން ވެސް އެބަ ކުރިއަށްދޭ،" މުއައްވިޒު ވިދާޅުވި އެވެ. އެއީ ކޮން ބައެއްގެ ބަޔާންތަކެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.

އެ ރިޕޯޓް ލަސްވެގެން ކަންބޮޑުވުން ފާޅު ކުރާތީ، މުއައްވިޒު މީގެ ކުރިން ވިދާޅުވި ގޮތުގައި އޭސީސީ އިން ބަލަނީ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށެވެ. އެގޮތުން އެ ފައިސާ ދިޔަ ފަރާތްތަކާއި އެ ހިޔާނާތުގައި ބައިވެރިވާ އެންމެންގެ މައުލޫމާތު ފޮރުވުމެއް ނެތި ރިޕޯޓްގައި ހާމަ ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ރިޕޯޓް ނެރެވޭނެ ތާރީހެއް އަދިވެސް ބުނެވޭކަށް ނެތެވެ. އެހެން ނަމަވެސް، މިއަހަރު ނިމުމުގެ ކުރިން ރިޕޯޓް އާންމު ކުރެވޭތޯ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވީހާ ވެސް އަވަހަކަށް ތަހުގީގު ރިޕޯޓް ނެރެން މި މަސައްކަތް ކުރަނީ. މިއަހަރު ނިމުމުގެ ކުރިން ރިޕޯޓް އާންމު ކުރެވޭތޯ ވެސް އެބަ މަސައްކަތް ކުރެވޭ،" މުއައްވިޒު ވިދާޅުވި އެވެ.

އޭސީސީއިން ވެސް ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އަދަދު، ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާ، 1.2 ބިލިއަން ރުފިޔާގެ އަދަދާއި އޭސީސީގެ ހޯދުންތަކުން ދެއްކި އަދަދާ މާ ބޮޑު ފަރަގެއް ނެތެވެ. އޭސީސީ އިން ވަނީ ސިޔާސީ އެކި ފަރާތްތަކާއި ވިޔަފާރިވެރިންނާއި އެހެން ވެސް ގޮތްގޮތުން އެމްއެމްޕީއާރުސީއާ އެކު މުއާމަލާތް ކޮށްފައިވާ ފަރާތްތަކާ އެ ތަހުގީގުގައި ސުވާލުކޮށްފަ އެވެ.