ހަބަރު

އާއިލާއާ އެކު އިނގިރޭސިވިލާތަށް ދާން އަބްދުﷲ ގާޒީއަށް ތޮލްހަތު ހުށަހެޅި: ހެއްކެއް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކޮށްފައި ހުރިއިރު އޭނާ އާއި އޭނާގެ އާއިލާ އިނގިރޭސިވިލާތަށް ދިއުމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ހުށަހެޅި ކަމަށް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ތޮލްހަތުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ ބޭއްވި އަޑުއެހުމުގައި އެގޮތަށް ހެކިބަސް ދިނީ އަބްދުﷲ ގާޒީ ގިރިފުށީގައި ބަންދުކޮށްފައި ހުރިއިރު އޭނާގެ ވެލްފެއާ ކަންކަން ބަލަހައްޓަން ހަވާލުވެ ހުރި ސިފައިންގެ ސައިކޮލޮޖިސްޓެއް ކަމަށް ވާ އައިޝަތު ޒީނާ އެވެ.

ހެކިބަސްދެމުން ޒީނާ ބުނީ ގިރިފުށްޓަށް އޭނާ ދިޔައީ ވެސް ތޮލްހަތުގެ އަމުރަށް އަބްދުﷲ ގާޒީގެ ކަންކަން ބަލަހައްޓަން ކަމަށެވެ. އަދި އަބްދުﷲ ގާޒީ އާއި ގާޒީގެ އާއިލާއަށް އިނގިރޭސިވިލާތަށް ދިއުމަށް ހުށަހެޅީ އޭނާއަށް ތޮލްހަތު ފޮނުވި މެސެޖަކުން ކަމަށާއި އެ މެސެޖް ގާޒީއާ ހަމައަށް ފޯރުކޮށްދީފައިވާނެ ކަމަށް ޒީނާ ބުންޏެވެ.

އެ މެސެޖް އެގޮތަށް ރައްދުކޮށް ދިނުމުން ޖަވާބުގައި އަބްދުﷲ ގާޒީ ވިދާޅުވީ ކީކޭކަން މިހާރު ހަނދާން ނެތް ކަމަށް ޒީނާ ބުންޏެވެ. އަދި ގާޒީ ބަންދުގައި ހުރިއިރު ގާޒީގެ ހާލު ބެލުމަށް ދެތިން ފަހަރަކު އޭނާއަށް ތޮލްހަތު ގުޅުއްވި ކަމަށާއި ދެ ފަހަރެއްގެ މަތިން ތޮލްހަތު ގާޒީއާ ބައްދަލު ކުރި ކަމަށް ވެސް ޒީނާ ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ދެވަނައަށް ހެކިބަސް ދިނީ އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރެވެ.

ހެކިބަސްދެމުން އޭނާ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާތީ ފުލުހުންނަށް ސިފައިން އެހީތެރިކަން ދިނުމަށް އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކުރިން ސިފައިންގެ އިސް އޮފިސަރުންނާ އެކު ތޮލްހަތު ބައްދަލު ކުރެއްވި ކަމަށެވެ. ސިފައިން ނިކުމެ ބައެއް މީހުން ހައްޔަރު ކުރަން ޖެހިދާނެ ކަމަށް ތޮލްހަތު އެ ބައްދަލުވުމުގައި ވިދާޅުވިޔަސް އަބްދުﷲ ގާޒީ ހައްޔަރުކުރާ ވާހަކަ އެ ބައްދަލުވުމުގައި ތޮލްހަތު ވިދާޅުނުވާ ކަމަށް ވެސް ފަރުހަތު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ތޮލްހަތާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރެއިން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހާއި އޭރުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް އަތީފްގެ އިތުރުން ކާނަލް ވައިސް ވަހީދު ހާޒިރު ނުކުރިޔަސް މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އަހުމަދު ރަޝީދާއި ސިފައިންގެ ކުރީގެ އިންޓެލިޖެންސް ހެޑް އަހުމަދު ނިލާމް ކޮންމެހެން ވެސް ހާޒިރު ކުރަން ބޭނުންވާ ކަމަށް ދައުލަތުން ބުންޏެވެ.