ބޭރު ކުޅިވަރު

ބްރެޒިލް ކޯޗް ނޭމާއަށް ދިނީ ދެވަނަ، އެއް ވަނަ ރޮނާލްޑޯއަށް

Nov 28, 2016

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ފީފާ ބެސްޓް ޕްލޭއާ އެވޯޑަށް ގައުމީ ޓީމުތަކުގެ ކޯޗުންނަށް ވޯޓް ދިނުމަށް ހުޅުވާލުމުން ބްރެޒިލްގެ ކޯޗް އެޑާނޯ ލިއާނާޑޯ (ޓިޓޭ) ބްރެޒިލްގެ ނޭމާ އަށް ދެ ވަނަ ދިން އިރު އެއް ވަނަ އަށް ވޯޓް ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދީފިއެވެ.

އޭނާގެ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ބާސާގެ ފޯވަޑް މެސީގެ ނަމެއް ނުހިމެނެއެވެ. އޭނާ ތިން ވަނަ ދިނީ އެތުލެޓިކޯ މެޑްރިޑްގެ ފްރާންސްގެ ފޯވަޑް އެންޓޯނިއޯ ގްރިއެޒްމަން އަށެވެ.

"މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެކަމަކު މިއަހަރު އެންމެ މޮޅީ ރޮނާލްޑޯ." ސައުޕޯލާގެ ނޫހަށް ދިން އިންޓަވިއުގައި ޓިޓޭ ބުންޏެވެ.

"ދެ ވަނައިގައި ނޭމާ ތިން ވަނައިގައި ގްރިއެޒްމަން އަހަރެންގެ ގަދަ ތިނެއްގައި މެސީ ނުހިމެނީ މެސީ ވަނީ ސީޒަންގައި ގިނަ އިންޖަރީ ތަކެއް ވެފަ ރޮނާލްޑޯ ވަނީ މޮޅެތި ގޯލް ތަކެއް ޖަހާފަ،" މެސީ އޭނާގެ ލިސްޓްގައި ނުހިމެނި ސަބަބާ ބެހޭގޮތުން ޓިޓޭ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޮވުމުގައި 50 ޕަސަންޓް މާކްސް ދެނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުން މާކްސްތަކަށް ބަލައިގެންނެވެ. އަނެއް 50 ޕަސަންޓަކީ ޕަބްލިކަށް ހުޅުވާލާ އޮންލައިން ވޯޓުން ނެގުމަށް ހަމަޖެހިފައިވާ މާކްސްއެވެ.