އެމްއެންޑީއެފް

އަލިފާނުގައި ޒަހަމްވި ސިފައިންގެ މީހާ ފަރުވާއަށް ބޭރަށް

މއ. ކަފިދޫ ގައި ހަދާފައި ހުރި ގުދަނެއްގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވަން އުޅުމުގެ ތެރޭގައި ޒަހަމްވި ސިފައިންގެ މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ނިންމައިފި އެވެ. އޭނާ ގެންދަން ހަމަޖެހިފައިވަނީ ސްރިލަންކާއަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު ވިދާޅުވީ، މިއަދުގެ ހާދިސާގައި ސިފައިންގެ ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ދެ މީހުންގެ ތެރެއިން އެކަކު ސްރިލަންކާއަށް ފޮނުވާލަން ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އިތުރު ފަރުވާއަށް ފޮނުވާލަނީ އެމްއެންޑީއެފްގެ ސާޖަންޓް އަހުމަދު ސަމްޝާދެވެ. އޭނާއަށް އަނިޔާވީ، އަލިފާން ނިއްވުމުގެ ތެރޭގައި އިމާރާތުގެ މަތިން ބިއްލޫރިގަނޑެއް ވެއްޓި އޭނާގެ މޫނުގައި ޖެހުމުގެ ސަބަބުންނެވެ.

އައިޖީއެމްއެޗްއިން ބުނެފައިވާ ގޮތުގައި ބޭރަށް އިތުރު ފަރުވާއަށް ފޮނުވާލަން ނިންމި ނަމަވެސް އޭނާގެ ހާލު ގޯސް ނޫން ކަމަށެވެ. ބޭރަށް ފޮނުވާލަނީ މޫނަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެދާނެތީ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގުދަން އެއްކޮށް އަނދައިފައިވާއިރު ކައިރީގައި ޖެހިގެން ފަސް ގެއަކަށް ގެއްލުންވެ އާއިލާތަކެއް ވަނީ ހާލުގައި ޖެހިފަ އެވެ.