ބޭނުން ނުހިފައި ލަދު ގަންނަވާލުމަށްފަހު ހޯސޭ މޮރީނިއޯ ލޯނުގެ ގޮތުގައި "އެއްލައިލި" ވިކްޓަ މޯސެސްގެ ތަރި އަރައި ދުނިޔޭގެ ސަމާލުކަން ހޯދުމާއެކު އޭނާ ބާސެލޯނާއަށް ގެންދެން އުޅޭކަމުގެ އަޑު ގަދަވެއްޖެ އެވެ. އަދި ދުނިޔޭގެ ނޫސްތަކުގެ އަމާޒަކަށް މޯސެސް ވެއްޖެ އެވެ.
ނައިޖީރިއާގައި އުފެދުނު ދީނީ ހަމަނުޖެހުމެއްގެ ތެރޭގައި އުމުރުން ނުވަ އަހަރުގެ ވިކްޓަ މޯސެސްގެ ކުރިމަތީގައި އޭނާގެ މަންމަ އާއި ބައްޕަ މަރާލުމާ ގުޅިގެން އެކަނިވެރިވި މޯސެސް، އާއިލީ މީހެއްގެ އެހީގައި ރެފިއުޖީއެއްގެ ގޮތު، އިނގިރޭސި ވިލާތަށް އެތެރެވީ ހަމައެކަނި އޭނާގެ ކިބާގައި ހުރި ފުޓްބޯޅައިގެ ހުނަރާއެކު އެވެ.
އިނގިރޭސި ވިލާތަށް ބަދަލުވެ ސްކޫލް ޓީމާއި ގޭދޮށު ޓީމުތަކަށާއި ދަށް އުމުރުފުރާގެ އިނގިރޭސީ ގައުމީޓީމްތަކަށް ވެސް ކުޅެފައިވާ މޯސެސް މަތީފެންވަރުގެ ފުޓްބޯޅައިގެ ތެރެއަށް ގެންދިޔައީ ވިގަން އެތުލެޓިކުންނެވެ. އޭގެ ފަހުން އިޓަލީގެ ރޮބާޓޯ ޑިމެޓިއޯގެ ލޮލުގައި އަޅައިގެނެ ޗެލްސީއަށް ގެންދިޔަ އެވެ. ކަން ދިމާކުރި ގޮތުން މޯސެސްގެ ބޭނުން ހިފަން ޑިމެޓެއޯއަށް ޗެލްސީގައި މަޑު ކުރާނެ ފުރުސަތެއް ނުލިބުނެވެ. އޭގެ ފަހުން ހުރިހާ ކޯޗުން ވެސް އޭނާ ބޭނުން ކުރަމުން ދިޔައީ ސީޒަން ޗުއްޓީއަށްދާ ކުޅުންތެރިން އެނބުރި އަންނަންދެން ކޮންމެ އަހަރެއްގެ ޕްރީސީޒަންގެ ފޯވަޑެއްގެ ގޮތުގަ އެވެ.
ޕްރީސީޒަންގެ ހުރިހާ ކޯޗުންވެސް މޯސެސް އަށް ތައުރީފުކޮށްފައިވާއިރު ކޮންމެ އަހަރަކު ސީޒަން ފަށާއިރު މޯސެސް ހުންނަނީ ޗެލްސީގައި މަޑުކުރެވޭނެ ކަމުގެ އުންމީދުގަ އެވެ. އެހެން ނަމަވެސް ސީޒަން ފަށާއިރު ޗުއްޓީގައި އޮންނަ ސްކޮޑް ހަމަވާއިރު މޯސެސް އަށް ދާން ޖެހެނީ ލޯނެއްގައި ކޮންމެވެސް އެހެން ކުލަބަކަށެވެ. ދެ ފަހަރެއްގެ މަތިން ކުޑަ ދުވަސްކޮޅަށް ބެންޗުގައި ބައިންދާ މަދު މިނެޓް ކޮޅެއް ކުޅެންދިނެވެ. އޭގެ ތެރެއިން ދެފަހަރެއްގައި މަރުވާ ދިޔަ ޗެލްސީ ސަލާމަތްކޮށްދިނެވެ.
މޯސެސް ޗެލްސީއާ ގުޅުނީ ނުވަ މިލިއަން ޕައުންޑުގެ ފީއަކަށެވެ. ނަމަވެސް ލޯނުގައި ފޮނުވާލީ ލިވަޕޫލަށެވެ. އޭގެ ފަހުން ސްޓޯކް ސިޓީއަށާއި ދެ ފަހަރެއްގެ މަތިން ވެސްހޭމަށް ލޯނުގައި ދޫކޮށްލި އެވެ.
މޯސެސް ފޮނުވާލުމުގެ އެންމެ ބޮޑު ބަދުނާމެއް އެޅެނީ ދެވަނަ ފަހަރަށް ޗެލްސީއަށް އައި ހޯސޭ މޮރީނިއޯ އަށެވެ. އޭނާވަނީ ޕްރީ ސީޒަންގައި މޯސެސް އަށް ވަރަށް ތައުރީފު އޮއްސާފައި ފަހު ވަގުތު އޭނާއަކީ ޗެލްސީގެ ލެވްލްގެ ކުޅުންތެރިއެއް ނޫންކަމަށާއި އޭނާގެ ޕްލޭނުގައި މޯސެސްއަށް ޖާގައެއް ނެތް ކަމަށް ބުނެ ލޯނަށް ދޫކޮށްލާފަ އެވެ.
މިހާރު 26 އަހަރަށް އަޅާފައިވާ މޯސެސްއަކީ ކޮންފެންވަރެއްގެ އަދި ކިހާ މުހިމު ކުޅުންތެރިއެއްކަން ދެނެގަތީ އިޓަލީގެ ޓެކްޓީޝަން އެންޓޯނިއޯ ކޮންޓޭ ޗެލްސީއާ ހަވާލުވުމަށްފަހު އެވެ.
"އެންމެ ފުރަތަމަ ދުވަހުވެސް އަހަންނަށް އެނގިއްޖެ އެއީ ހުނަރާއި ބުންވަރު ގޮތުން އާދަޔާ ހިލާފު ކުއްޖެއްކަން، ދަނޑުމަތީގައި 70 މީޓަރު އެންމެ މަތީ ހުނަރާއެކު ކަވަކުރުމުގެ ގާބިލުކަން އޭނާ އަށް ލިބިފައިވޭ. އެއީ ވަަރަށް މުހިންމު ވަރަށް އާދަޔާހިލާފު ކުއްޖެއް، ވަރަށް ޒުވާން ވަރަށް މުސްތަގުބަލް އޮތް ކުއްޖެއް، މޯސެސް އަކީ ޗެލްސީގެ އެންމު މުހިންމު އެއް ކުޅުންތެރިޔާ،" ކޮންޓޭ ބުނެފައިވެ އެވެ.
ފޯމް ގެއްލިފައިވާ ނަމެންޔާ މެޓިޗާއި އެޑެން ހަޒާޑް އަދި ޑިއެގޯ ކޯސްޓާގެ ފޯމް ކޮންޓޭ އަލުން ގެނެސްދީފައިވާއިރު އެ ކުޅުންތެރިންނާ އެއް ލެވެލްގައި މިހާރު ޗެލްސީގައި ވިދާ ތަރިއަކީ މޯސެސް އެވެ. މި ސީޒަންގައި ލިވަޕޫލާއި އާސެނަލް އަތުން ބަލިވުމަށްފަހު ކޮންޓޭ ފޯމޭޝަނަށް ގެނައި ބަދަލާއެކު ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔަކަށްވެފައި ވަނީ ވެސް މޯސެސް އެވެ. އޭނާގެ މޮޅު ކުޅުމަށް ދުނިޔޭގެ ސަމާލުކަން އައުމާއެކު ރެފިއުޖީއަކުން ސުޕަ ސްޓާރަކަށް ވީގޮތް ނޫސްތަކުންދަނީ ލިޔަމުންނެވެ.
އެއާކު މިހާރު ފެތުރިފައިވާ އަޑަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތިބި ބާސެލެނާ އަށް މޯސެސް ގެންދިއުމަށް އެޓީމުގެ ސްކައުޓުން މަސައްކަތް ކުރަމުންދާ ކަމަށާއި އަގު ބޮޑު ކޮންޓްރެކްޓެއް މޯސެސްއަށްދޭން ބާސެލޯނާ ތައްޔާރު ވަމުން އަންނަ ވާހަކައާއި އިޓަލީ އާއި ޖަރުމަނުގެ އަދި ފްރާންސްގެ ބޮޑެތި ކުލަބުތަކުން މޯސެސް އަށް ފާރަލަމުންދާ ވާހަކައެވެ.
މޯސެސް ބާސާއަށް ގެންދަން މަސައްކަތް ކުރާކަމުގެ ހަބަރުތައް ފެތުރުމާއެކު ޗެލްސީންވަނީ 2018 އަށް ހަމަވާ މޯސެސްގެ ކޮންޓްރެކްޓް އާކޮށް އޭނާގެ ކުޑަ މުސާރަ ބޮޑުކޮށް އުފުލައިލުމުގެ މަސައްކަތް ފަށާފަ އެވެ. ބެލެވޭ ގޮތުގައި މޯސެސް ޗެލްސީގައި މަޑު ކުރާނެ އެވެ.
އޭނާ ބުނެފައި ވަނީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެންތަކަށް މިހާތަނަށް ނުތަނަވަސްކަން ވެރިވެފައި ވަނިކޮށް ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާ އުފުލައިދީފި ކަމަށާއި އިންތިޒާރުގެ އަހަރުތަކަށް ފަހު އަމިއްލަ ގެއަށް އޭނާއަށް ވަދެވިއްޖެ ކަމަށެވެ.
"އަހަރެން މިހުރީ އުފަލުން، ޗެލްސީން އަހަރެން އުފާ ކޮށްދީފި، އަހަންނަށް އިހުސާސް ވަނީ އަހަރެންގެ ގެއަށް ވަވިއްޖެ ކަމަށް، އަހަރެން ބޭނުމީ ޗެލްސީއަށް އެހީވެ ތަށީގައި އަތްލަން" މީގެ ކުރިން ޗެލްސީން ތައްޓެއް ކާމިޔާބު ކޮށް އެންމެން ތައްޓާއެކު ފޮޓޯ ނެގި އިރު އެ ތަށީގައި އަތް ނުލައި ދުރުގައި ބަލަހައްޓައިގެން ދެރަވެފައި ހުންނަން ޖެހުނު ކަމަށް ބުނެފައިވާ މޯސެސް ބުންޏެވެ.