އޮފްބީޓް

ޑްރައިވިން ލައިސަންސްގެ ބަދަލުގައި މުސްކުޅިންނަށް ނޫޑްލިސް

Nov 29, 2016

ޖަޕާނުގައި ހިނގާ ސައިކަލްގެ އެކްސިޑެންޓްތަކުގައި ޝާމިލުވާ މުސްކުޅިންގެ އަދަދު ރިކޯޑް މިންވަރަކަށް މައްޗަށް އަރާފައިވާތީ މި މައްސަލައެއް ހައްލުކޮށް މުސްކުޅިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް އެގައުމުގެ ފުލުހުން ވަރުގަދަ ކެމްޕޭނެއް ފަށައިފި އެވެ. މި ކެމްޕޭނުގެ ދަށުން، ޑްރައިވިން ލައިސަންސްގެ ބަދަލުގައި މުސްކުޅިންނަށް ދެނީ އެމީހުންނަށް އެންމެ ކަމުދާ ނޫޑްލީހުގެ ވައްތަރުތަކެވެ.

އެކަމަކު ނޫޑްލިސް ހިލޭ ދެނީއެއް ނޫނެވެ. ޑްރައިވިން ލައިސަންސް ފުލުހުންނާ ހަވާލުކުރާ މުސްކުޅިންނަށް ލިބެނީ ޑިސްކައުންޓް ވައުޗާތަކެކެވެ. މި ކެމްޕޭނުގައި ލައިސަންސް އަތުލުމަށް ފުލުހުން އަމާޒުކޮށްފައި ވަނީ އުމުރުން 75 އަހަރުން މައްޗަށް ގޮސްފައިވީ ނަމަވެސް ސައިކަލުގައި ދަތުރުކުރާ މީހުންގެ އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޖަޕާނުގައި މި ކެމްޕޭނެއް ފަށާފައި މި ވަނީ އެކްސިޑެންޓްތަކުގައި މަރުވާ ނުވަތަ އަނިޔާވާ މުސްކުޅިންގެ އަދަދު އިތުރުވުމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވެސް މި މައްސަލައަކަށް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ފާއިތުވި އަހަރުތަކުގައި ޖަޕާނުގައި، ޓްރެފިކް މައްސަލަތަކުގެ ޖުމްލަ އަދަދުތައް ތިރިއަށް ގޮސްފައިވީ ނަމަވެސް އުމުރުން 75 އަހަރުން މައްޗަށް ގޮސްފައިވާ މީހުން ޝާމިލުވާ މަގުމަތީގެ އެކްސިޑެންޓްތައް ވަނީ 7.4 ޕަސެންޓުން 12.8 ޕަސެންޓަށް މައްޗަށް ޖެހިލައިފަ އެވެ.

މުސްކުޅިން ގިނަ ޖަޕާނުގައި އުމުރުން 65 އަހަރުން މައްޗަށް ގޮސްފައިވާ މީހުންގެ ތެރެއިން ސައިކަލުގެ ޑްރައިވިން ލައިސަންސް ބޭނުންކުރާ މީހުންގެ އަދަދު 17 މިލިއަނަށް އަރަ އެވެ. މި އާބާދީގައި 4.8 މިލިއަން މީހުންނަކީ އުމުރުން 75 އަހަރުން މައްޗަށް ގޮސްފައިވާ މީހުންނެވެ. އެކަމަކު ގަވާއިދުން ލައިސަންސް ބޭނުންކުރާ މީހުންނެވެ.

ފުލުހުން ބުނެފައި ވަނީ ސައިކަލުގައި ދަތުރުކުރާ ގިނަ މުސްކުޅިން އެކްސިޑެންޓްވަނީ ސައިކަލް ރަނގަޅަށް ބޭނުންކުރަން ނޭނގިގެން ދިމާވާ މައްސަލަތަކުގަ އެވެ. އެގޮތުން ބުކަރި ޖެއްސުމުގެ ބަދަލުގައި އެކްސެލަރޭޝަނަށް ފިތާލައިގެން ހިނގާފައިވާ އެކްސިޑެންޓްތައް ވެސް ވަރަށް ގިނަ އެވެ.

މުސްކުޅިން އަތުން ޑްރައިވިން ލައިސަންސް އަތުލުމަށް ޖަޕާނުގައި ފަށާފައިވާ ކެމްޕޭންތަކުގެ ދަށުން މީގެ ކުރިން ދެ ލައްކަ އަށް ވުރެ ގިނަ މީހުން އެމީހުންގެ ލައިސަންސް ފުލުހުންނާ ހަވާލުކޮށްފައިވެ އެވެ. އަދި މިފަހަރުގެ ކެމްޕޭން ފެށިއިރު 12،000 މީހުން ވަނީ އެމީހުންގެ ލައިސަންސް ދޫކޮށްލައިފަ އެވެ.

ޖަޕާނުގެ 127 މިލިއަން މީހުންގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ.