މަރުގެ ހުކުމް

މުހީތު މަރާލި ދެކުދިން މަރަން ހައިކޯޓުން ތާއީދުކޮށްފި

ގ. ވޭރު އަބްދުލް މުހީތު މަރާލުމުގެ ކުށް ސާބިތުވެގެން މަރުގެ އަދަބު ދިނުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައިވާ ދެ ކުދިން މުހީތުގެ މަރުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހިންގި ޝަރީއަތަށްފަހު އެ ދެ ކުދިން މަރަން ހައިކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

މީގެ ތިން އަހަރު ކުރިން ފެބްރުއަރީ، 2012 ގައި ފިނޭންސް ކުރިމަތީގައި އޮންނަ ކޮޅު ބެދިފައިވާ ގޯޅި ތެރޭގައި މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރަނީ ދެ ކުއްޖެއްގެ މައްޗަށެވެ. އެއީ އައްޑޫ ސިޓީ މަރަދޫ، ކުރުދުމާގެ އަލީ އަތޫފާއި، މއ. ދުއްލިސާގެ މުހައްމަދު މާހިން ޝާފީގެ މައްޗަށެވެ.

އެ ހާދިސާ ހިނގިއިރު އަތޫފާއި މާހިން ޝާފީއަށް 18 އަހަރުފުރިފައިނުވީ ނަމަވެސް މިހާރު އަތޫފާއި މާހިން ޝާފީއަށް ވެސް ވަނީ 18 އަހަރުފުރިފަ އެވެ.

މިއަދު ހައިކޯޓުން މި މައްސަލާގައި ހުކުމްކޮށްފައިވަނީ ދެ ކުދިންގެ މައްޗަށް ވެސް ވަކިވަކިންނެވެ. ދެ ހުކުމްގައި ވެސް ހައިކޯޓުން ބުނެފައިވަނީ ޖުވެނައިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ.

ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވީ އެ ކުދިން މުހީތަށް ހަމަލާދިންތަން ފެނުނު ކަމަށް ބުނެ ދެ މީހަކު ހެކި ބަސް ދީފައިވާތީ އެވެ. އަދި އެ ދެ ކުދިން ފޯނު ކޯލަކުން ދައްކާފައިވާ ވާހަކަތަކުން ވެސް އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ބުނެފަ އެވެ. އެ ހާދިސާ ހިނގުމަށްފަހު އެކަމުގައި ބައިވެރިވި ބައެއް މީހުންނާއެކު އެ ކުދިން އޭޑީކޭ އުޅުނު މަންޒަރު ފެންނަ ވީޑިއޯ ފްޓޭޖެއް ވެސް ދައުލަތުން ހުށަހަޅާފައިވެ އެވެ.

މުހީތަށް ހަމަލާދިނުމަށްފަހު މުހައްމަދު ސުފްޔާން ކިޔާ މީހަކަށް ފޯނުން މުހީތަށް ހަމަލާދިން ގޮތް އެ ދެ ކުދިން ކިޔައިދޭ ފޯނު ކޯލެއް ވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެގޮތުން އެ ކުދިން ވަނީ މުހީތުގެ ބޮލުގައި ވަޅިން ޖެހުމުގެ ސަބަބުން ބޮލުގެ ފުށްކިބައިން ތަންކޮޅެއް ވެއްޓުނު ކަމަށް ބުނެފަ އެވެ. އަދި ބޮލުގެ އިސްތަށިގަނޑު ވެސް ބިންމައްޗަށް ފޭބި ވާހަކަ ބުނެފައިވެ އެވެ. އޭގެއިތުރަށް ދެވަނަ ފަހަރަށް މުހީތުގެ ބޮލުގައި ޖުހުމުން "ކާއްޓެއް ދެ ފަޅިވެގެންދާ ގޮތަށް" ބޯ ފަޅައިގެން ދިޔަ ކަމަށް މާހީން ފޯނުން ބުނެފައިވެ އެވެ. މުހީތަށް ހަމަލާދީފައިވަނީ ވަރަށް ތޫނު އެއްޗެހިން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި ފޯނު ކޯލް އެނާލިސިސް ހެދިއިރު މާހީން އާއި އަތޫފްގެ އަޑާއި ފޯން ކޯލްގައި ހުރި އަޑުތައް ދިމާވެ އެވެ.

ފޯނު ކޯލްގައި ކިޔާދީފައިވާ ވާހަކަތަކަކީ އެކަމުގައި ބައިވެރިވާ ބަޔަކަށް ނޫނީ ކިޔައިދޭން ނޭނގޭނެ ވާހަކަތަކެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

މުހީތު މަރުވި ސަބަބާ ގުޅޭ ގޮތުން ހަދާފައިވާ ރިޕޯޓްގައިވާ ގޮތުން އޭނާ މަރުވީ ތޫނު އެއްޗަކުން ލިބުނު ހަމަލާތަކުގައި އޭނާގެ މޭގެ ކަނާތު ފަޅިއަށް ލެ އާއި ވައި އެޅެމުގެ ސަބަބުންނެވެ. އަދި ކަރަށް ލިބުނު ޒަހަމްގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ފައިބައި ލިބުނު ޝޮކެއްގެ ސަބަބުން ނޭވާލުމާއި ހިތް ހުއްޓިގެންނެވެ.

އިސްލާމީ ޝަރީއަތުގައިވާ ގޮތުން 18 އަހަރު ނުފުރުނަސް ބާލިޣުވެފައިވާނަމަ ކުށުގެ ޒިންމާ އުފުލަން ޖެހޭނެ އެވެ. އަދި އުމުރުން 15 އަހަރުވުމުން ފިރިހެން ކުއްޖެއްނަމަ ބާލިޣުވެއްޖެ ކަމަށް ވެސް ނިންމޭނެ ކަމަށް އިސްލާމީ ޝަރީއަތުގައިވާ ކަމަށް ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ. ކުށް ކުރި ދެ ކުދިންނަށް ވެސް ވަނީ 15 އަހަރުފުރިފަ އެވެ. އޭގެ އިތުރަށް ގާނޫނުގައި ވެސް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ޒިންމާ ކުޑަ ކުއްޖެއް ނަމަވެސް އުފުލަންޖެހޭނެ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ފަނޑިޔާރުންނަށް ލުއި ނުދެވޭނެ ކަމަށެވެ.

މި މައްސަލާގައި މުހީތުގެ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށެވެ. އެ ދެ ކުދިން މަރަން ހައިކޯޓުން ވެސް ހުކުމްކުރީ މި ސަބަބުތަކާހުރެ ކަމަށް ހުކުމްގައިވެ އެވެ.

މުހީތު މަރާލި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެއީ ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައުމޫންގެ އިތުރުން ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއުގެ މައްޗަށެވެ. އެމީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.